ދައުލަތުގެ ބެލުމުގެ ދަށުގައި ތިބި ކުޑަކުދިންތަކަކަށް އަނިޔާކުރި ހަމީހަކަށް  ދައުވާކުރަނީ

ދައުލަތުގެ ބެލުމުގެ ދަށުގައި ތިބި ކުޑަކުދިންތަކަކަށް އަނިޔާކުރި ހަމީހަކަށް ދައުވާކުރުމަށް ފްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުން ކްރިމިނަލް ކޯޓަށް ހުށަހަޅައިފިއެވެ. އެކަން ހާމަކޮށް މިއަދު އެއޮފީހުން ވަނީ ނޫސްބަޔާނެއް ނެރެފައެވެ.

އެނޫސްބަޔާނުގައި ވަނީ ވިލިމާލޭގައި ދައުލަތުން ކުޑަކުދިން ބަލަހަށްޓަމުންދާ މަރުކަޒު، (ކުޑަކުދިންގެ ހިޔާގައި) ބަލަހައްޓަމުން ދިޔަ އުމުރުން 18 އަހަރު ނުފުރޭ ކުޑަކުދިންތަކަކަށް އެތަނުގައި މަސައްކަތް ކުރި މުވައްޒަފުންތަކެއް، ޖިސްމާނީ ގޮތުންނާއި ނަފްސާނީ ގޮތުން އަސަރުކުރުވާ ގޮތަށް އަދި އެކުދިންގެ ކަރާމާތަށް ގެއްލުންވާގޮތަށް ޢަމަލުކޮށްފައިވާ ކަމަށް ތުހުމަތުކުރެވޭ މައްސަލާގައި ހަމީހެއްގެ މައްޗަށް ދައުވާ ކުރުމަށް މިމަހު ނުވަވަނަ ދުވަހު ކްރިމިނަލް ކޯޓަށް ހުށަހެޅައިފައިވާ ކަމަށެވެ. ދައުވާ ކުރުމަށް ހުށަހެޅި މީހުންގެ މަޢުލޫމާތާއި އެމީހުންގެ މައްޗަށް އުފުލައިފައިވާ ދައުވާތައް ވެސް ނޫސްބަޔާލުގައި ވެއެވެ. މިއަމަލުތައް ހިންގައިފައިވަނީ 2017 ވަނަ އަހަރާއި 2018 ގައި ކަމަށް ވެސް ޕީޖީގެ ނޫސްބަޔާނުގައި ވެއެވެ.

މި މައްސަލައަކީ ރައީސުލްޖުމްހޫރިއްޔާ އުފައްދަވާފައިވާ ކުޑަކުދިންނަށް ކުރާ އަނިޔާތަކުގެ މައްސަލަތައް ބަލާ ކޮމިޝަނުން ޕިޖީގެ ސަމާލުކަމަށް ގެންނެވި މައްސަލައެއްކަން ވެސް ފާހަގަ ކޮށްފައވެއެވެ. އަދި މި މައްސަލަގެ ޖިނާއީ ތަޙްޤީޤެއް ހިންގައިފައި ވަނީ ޖިނާއީ ކުށެއްކަމަށް ތުހުމަތުކުރެވޭ ޢަމަލެއް މައްސަލައިގައި ހިމެނޭކަމަށް ޕްރޮސިކިއުޓަރ ޖެނެރަލްއަށް ފެނިވަޑައިގެން، ޕީޖީއަށް ލިބިދޭ ޤާނޫނީ ބާރުގެ ދަށުން މައްސަލަ ތަޙުޤީޤުކުރުމުގެ އަމުރެއް، ފުލުހުންގެ މައްޗަށް ނެރެގެންނެވެ. މިއަމުރު ފުލުހުންގެ މައްޗަށް ނެރެފައިވަނީ މިއަހަރު އޮކްޓޫބަރު 11 ވަނަދުވަހުއެވެ.

މި މައްސަލާގައި މިހާތަނަށް ދަޢުވާ ހުށަހަޅާ ފައިވާ މީހުންނާއި، މި މައްސަލާގައި ޝާމިލްވާ އިތުރު މީހުން ކޮށްފައިވާކަމަށް ތުހުމަތުކުރެވޭ އިތުރު ޖިނާއީ ކުށުގެ މައްސަލަތައް ތަޙުޤީޤުކުރުމުގެ މަސައްކަތް ތަޙުޤީޤީ އިދާރާތަކުން ކުރަމުންދާކަމަށް ޕީޖީ އޮފީހުން ވިދާޅުވިއެވެ.

"އެމައްސަލަތައް ނިމި، މި އޮފީހަށް ލިޔުންތައް ލިބުމުން، ހެއްކާއި ޤަރީނާގެ މައްޗަށް ބަލައި، އެ މައްސަލަތަކުގައިވެސް ދަޢުވާކުރަންޖެހޭކަމަށް ފެންނަ މީހުންގެ މައްޗަށް ދަޢުވާކުރުމުގެ ކަންކަން މި އޮފީހުން ކުރިއަށް ގެންދާނަމެވެ." ނޫސްބަޔާނުގައި ވެއެވެ.

އެ މައްސަލައިގައި ދައުވާ ކޮށްފައިވަނީ ވ. ސަމާހިޔާ، މުޙައްމަދު ޝަރީފާއި، ވ. ފަންސި، ޙުސައިން އަޙްމަދާއި، ވ. ރިއޯ، ޢަލީ އަޙްސަނާއި،  މއ. އަކިރިފުށި ދެވަނަބައި، ނަޖީޙް އަޙްމަދާއި، ހ. ފޯސީޒަން، އަހުމަދު ވަނޫދު އާއި، ވ އާސްމާން މަންޒިލް، ހުސެއިން ހަމްދޫންގެ މައްޗަށެވެ.

 

މި މައްސަލާގައި ކޮށްފައިވާ ދަޢުވާތަކުގެ ތަފްޞީލް:

މުޙައްމަދު ޝަރީފު: ގައިގައި އަތްލުމުގެ ދައުވާ.

ޙުސެއިން އަޙްމަދު: ގާނޫނު ހިންގުމަށް ހުރަސްއެޅުމާއި ދައުލަތުގެ އެހެނިހެން މަސައްކަތްތަކަށް ހުރަސްއެޅުމުގެ ދައުވާ.

ޢަލީ އަޙްސަން: ގައިގައި އަތްލުމުގެ ދައުވާ އާއި ގާނޫނު ހިންގުމަށް ހުރަސްއެޅުމާއި ދައުލަތުގެ އެހެނިހެން މަސައްކަތްތަކަށް ހުރަސްއެޅުމުގެ ދައުވާ.

ހުސެއިން ހަމްދޫނު: ބިރުދެއްކުމުގެ ދައުވާ އާއި ގައިގައި އަތްލުމުގެ ދައުވާ.

ނަޖީޙް އަޙްމަދު: ގައިގައި އަތްލުމުގެ ދައުވާ އާއި ގާނޫނު ހިންގުމަށް ހުރަސްއެޅުމާއި ދައުލަތުގެ އެހެނިހެން މަސައްކަތްތަކަށް ހުރަސްއެޅުމުގެ ދައުވާ.

 އަޙްމަދު ވަނޫދު: ގައިގައި އަތްލުމުގެ ދައުވާ އާއި ގާނޫނު ހިންގުމަށް ހުރަސްއެޅުމާއި ދައުލަތުގެ އެހެނިހެން މަސައްކަތްތަކަށް ހުރަސްއެޅުމުގެ ދައުވާ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.