ރަފީޤް ޙަރީރީ އަވަހާރަކޮށްލި މައްސަލައިގައި ޙިޒްބުﷲގެ މެންބަރަކު އުމުރަށް ޖަލަށްލާން ހުކުމްކޮށްފި

ލެބެނާން ގެ ކުރީގެ ބޮޑުވަޒީރު ރަފީޤް ޙަރީރީ

2005  ވަނަ އަހަރު ލެބެނާން (ލުބްނާން) ގެ ކުރީގެ ބޮޑުވަޒީރު ރަފީޤް ޙަރީރީ އަވަހާރަކޮށްލި މައްސަލައިގައި ޙިޒްބުﷲގެ މެންބަރެއް ކަމުގައިވާ ސަލީމް ޢައްޔާޝް އުމުރަށް ޖަލަށްލުމަށް އެ މައްސަލަ ބެލި އދ. ގެ ޙާއްސް ޓްރައިބިއުނަލުން ހުކުމްކޮށްފިއެވެ.

ނެދަލޭންޑްސް ލެއިޓްޝެންޑަމްގައި ހުންނަ އދ. ގެ ސްޕެޝަލް ޓްރައިބިއުނަލް ފޯރ ލެބަނާން (އެސްޓީއެލް) އިން ޢައްޔާޝްގެ މައްޗަށް ޙުކުމް އިިއްވިއިރު، އޭނާ މި މައްސަައިގައި ދުވަހަކު ހައްޔަރުކޮށްފައި ނުވެއެެވެ. އަދި އޭނާ ކޯޓަށް ހާޒިރުވެފައިވެސް ނުވެއެވެ.

ވެރިރަށް ބޭރޫތުގައި 2005 ވަނަ އަހަރުގެ ފެބުރުވަރީ މަހުގެ 14 ވަނަ އަހަރު ޙަރީރީގެ މޯޓަކޭޑަށް އަމާޒުކޮށް މީހަކު ޖާނުން ފިދާވެގެން ބާރުގަދަ ޓްރަކް ބޮމެއް ގޮއްވާލުމުގެ ސަބަބުން ރަފީޤު ޙަރީރީގެ އިތުރަށް 21 މީހުން މަރުވެ 226 މީހުން ޒަޚަމްވެެފައި ވެއެވެ.

ޙަރީރީ އަވަހާރަކޮށްލަން ގޮއްވާލި ބޮމުގެ ބާރުގަދަަކަމުން އެތަނުގައި ހެދުނު ބޮޑު ވަޅުގަނޑު

މި ބޮންގޮެއްވުން ރާވައި ތަންފީޒުކޮށްފައި ވަނީ ޢައްޔާޝް ކަމަށްވާތީ މައްސަލައާއި ގުޅިގެން އުފުލި 5 ދައުވާވެސް އޭނާގެ މައްޗަށް ސާބިތުވާކަމަށް ޓްރައިބިއުނަލުން ފާއިތުވި އޮގަސްޓު މަހު ވަނީ ނިންފާފައެވެ. މިއަދު ހުކުމް އިއްްވިއިރު މި 5 ދައުވާގައި ޢައްޔާޝްގެ މައްޗަށް އުމުރަށް ޖަލަށްލުމުގެ 5 ހުކުމް ވަނީ އިއްވާފައެވެ.

ސަލީމް ޢައްޔާޝްެގެ މައްޗަށް ހުކުމް އިއްވަަވަމުން ފަނިޑިޔާރުން ވިދާޅުވެފައި ވާގޮތުގައި، ޢައްޔާޝަކީ ޙިޒްބުﷲގެ މެންބަރަކަށް ވިޔަސް، ޙިޒްބުﷲގެ އިސްވެރިން އަދި ސީރިޔާ (ސޫރިޔާ) ގައި ތިބި އެ ޖަމާއަތާ ގާތް ފަރާތްތަކުގެ ބައިވެރިވުމެއް މި ހަމަލާގައި އޮތް ކަމުގެ އެއްވެސް ހެއްކެން ފެންނަން ނެތެވެ. އެހެންނަމަވެސް "ދައުލަތެއްގެ ފަރާތްތަކެއްގެ" ބައިވެރިވުން މި ހަމަލާގައި އޮތުމަކީ ވަރަށް ގާތް ކަމެކެެވެ.

"ޢައްޔާޝް ވަނީ ގިނަ ބަޔަކު މަރުވި ޓެރަރިޒަމްގެ އަަމަލެއްގައި ބައިވެރިވެފައި. އެ ހަމަލާ ކާމިޔާބުވުމުގައި ޢައްޔާޝް ވަނީ މުހިއްމު ދައުރެއް އަދާކޮށްފައި." ޙުކުމް އިއްވަވަމުން އިސް ފަނޑިޔާރު ޑޭވިޑް ރޭ ވިދާޅުވިއެވެ.

"ފަސް ކުށަށްވެސް އެކުގައި ތަންފީޒުވާހެން އެކަމުގައި ދެވެން އޮތް އެންމެ ބޮޑު އަދަބު ކަމުގައިވާ އުމުރަށް ޖަލަށްލުމުގެ އަދަބު ދޭން ޖެހޭކަމަށް ފަނޑިޔާރުންގެ މަޖިލީހަށް ގަބޫލުކުރެވޭ." އިސް ފަނޑިޔާރު ވިދާޅުވިއެވެ.

ޙަރީރީ އަވަހާރަކޮށްލުމާއެކު ލެބެނާނުގައި ސީރިޔާއާ ދެކޮޅަށް ފެށި ވަރުގަދަ މުޒާހަރާތަކުގެ ސިފައިން 30 އަަަހަރަށް ފަހު ސީރިޔާގެ ސިފައިންނަށް ލެބެނާން ދޫކޮށް ދާންޖެހުނެެވެ.

2007 ވަނަ އަަހަރު އދ. ގެ ސަލާމަތީ މަޖިލީހުގެ ގަރާރަކުން ސްޕެޝަލް ޓްރިބިއުނަލް ފޯ ލެބަނާން އުފެއްދިއިރު، އެ ޓްރައިބިއުނަލަކީ ޓެރަރިޒަމް ޖަރީމާއެއްގެ މައްސަލަ ބަލަން އުފެއްދި ފުރަތަމަ ޓްރައިބިއުނަލެވެ. 2009 ވަނަ އަހަރު މަސައްކަތް ފެށި ޓްރައިބިއުނަލުގެ މަސައްކަތަށް 600 މިލިއަން ޑޮލަރު ހޭދަވެފައި ވެއެވެ.

މުޙައްމަދު ޢަބްދުﷲ
މުޙައްމަދު ޢަބްދުﷲ އަކީ އާފަތިހަށް ލިޔުއްވާތާ އެތައް އަހަރެއް ވެފައިވާ ޢިލްމުވެރި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. ދީނީ ލިޔުމާއި ދުނިޔޭގެ ޚަބަރުތަކަށް އަރައިހުންނެވި ކުޅަދާނަ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.