އެމެރިކާ މެދުވެރިވެގެން މޮރޮކޯ (މަޣުރިބު) އާއި އިސްރާއީލާ ދެމެދު ގުޅުން ގާއިމުކުރަން ނިންމައިފިއެވެ. މިއާއެކު މޮރޮކޯ ވެގެން ގޮސްފައި މިވަނީ ފާއިތުވި ހަތަރު މަސްދުވަހުގެ ތެރޭގައި އިސްރާއީލާއެކު މިފަދަ އެއްބަސްވުމެއް ގާއިމްކުރި ހަތަރުވަނަ ގައުމަށެވެ. މީގެ ކުރިން އިސްރާއީލާ ގުޅުން ގާއިމުކޮށްފައި ވަނީ ޔުނައިޓެޑް އަރަބް އެމިރޭޭޓްސް (ޔޫއޭއީ)، ބަހްރޭން އަދި ސޫދާނެވެ.
މި އެއްބަސްވުން ހަގީގަތަކަށް ހެދުމަށް އެމެރިކާއިންވެސް ވަނީ ޑިޕްލޮމެޓިކް ގޮތުން މޮރޮކޯއަށް ދޫދީފައެވެ. އެއީ، ވެސްޓަން ސަހަރާއެއީ މޮރޮކޯގެ ބައެއް ކަަމުގައި ގަބޫލުކުރުމެވެ. އދ.ގެ 'އަމިއްލަ ވެރިކަމެއް ނުކުރާ' ސަރަހައްދުތަކުގެ ލިސްޓްގައި ހިމަނާފައިވާ ވެސްޓަން ސަހަރާގެ %20 ގައި ޕޮލިސާރިއޮ ފްރަންޓުން ވަނީ 'ސަހްރާވީ އަރަބް ޑިމޮކްރެޓިކް ރިޕަބްލިކްގެ ނަމުގައި ވަކި ވެރިކަމެއް ގާއިމުކޮށްފައެވެ. އދ. ގެ މެންބަރު 40 ގައުމަކާއެކު މި ދައުލަތުން ސިޔާސީ ގުޅުން ގާއިމުކޮށްފައި ވާއިރު މިއީ އެފްރިކަން ޔުނިއަންގެ ފުރިހަމަ މެންބަރެކެވެ. ވެސްޓަން ސަަހަރާގެ ބާކީ %80 ކޮންޓުރޯލުކުރަނީ މޮރޮކޯއިންނެވެ. އެހެންނަމަވެސް، މިހާތަނަށް އެއްވެސް ގައުމަކުން އެއީ މޮރޮކޯގެ ބައެެއް ކަމަށް ރަސްމީކޮށް ގަބޫލުކޮށްފައި ނުވެއެވެ.
ވެރިކަން ނިމުމަކާ ހަމައަށް އައިސްފައިވާ ރައީސު ޓްރަމްޕް އޭނާގެ ޑިޕްލޮމެޓިކް ކާމިޔާބީ ފާހަަގަކުރައްވަމުން ކުރެއްވި ޓުވީޓެއްގައި ވިދާޅުވެފައި ވާގޮތުގައި، މޮރޮކޯއާއި އިސްރާއީލު ފުރިހަމަ ސިޔާސީ ގުޅުން ގާއިމުކުރާނެއެވެ. އަދި ދެ ގައުމުން ޓެލްއަވީވާއި ރަބާޠުގައި ލިއޭޒަން އޮފީސް ހުޅުވާނެއެވެ. މި އޮފީސްތައް ފަހުން ބަދަލުވާނީ އެމްބަސީތަކަކަށެވެ. އެމެރިކާގެ އޮފިޝަލުން ވިދާޅުވި ގޮތުގައި އެއް ގައުމުގެ ވައިގެ ސަރަހައްދުން އަނެއް ގައުމުގެ އެއާލައިންތައް ދަތުރުކުރުމުގެ ހުއްދަދިނުން ވެސް މި އެއްބަސްވުމުގައި ހިމެނެއެވެ.
އެމެރިކާގެ ރިޔާސީ ގަނޑުވަރު ވައިޓް ހައުސްއިން ބުނިގޮތުގައި ރައީސު ޓްރަމްޕާއި މޮރޮކޯގެ ރަސްގެފާނު މުޙައްމަދު ހަވަނަ އާއި ދެމެދު ދެކެވުނު ވާހަކަތަކުގައި "މޮރޮކޯ އާއި އިސްރާއީލާ ދެމެދު ފުރިހަަމަ ސިޔާސީ ގުޅުން ގާއިމުކުރުމަށާއި، ސަރަަހައްދު ހަމަޖެހުން ކުރިއެރުުވުމަށްޓަކައި އިގްތިސާދީ އަދި ސިޔާސީ ގުޅުން ފުޅާކުރުމަށް" ދެބޭފުޅުން ވަނީ އެއްބަސްވެވަަޑައިގެންފައެވެ.
ކުރިން ސްޕޭންެެގެ އިސްތިއުމާރީ ބާރުގެ ދަށުގައި އޮތުމަށް ފަހު 1975 ވަނަ އަހަރު ސްޕޭނުން އެ ސަރަހައްދުން ފޭބުމަށް ފަހު ވެސްޓަން ސަހަރާގެ މައްްސަލައަކީ އަދިވެސް ހައްލުނުވެ އޮތް މައްސަލައެކެވެ. ރައީސު ޓްރަމްޕް މޮރޮކޯގެ ކޮޅަށް ޖެހިވަޑައިގަތުމަކީ އިސްރާއީލާއެކު ގުޅުން ގާއިމްކުރުމުގެ ބަދަލުގައި މޮރޮކޯއަށް ލިބުނު ރަނގަޅު އަގެކެވެ.
"މުޅި ވެސްޓަން ސަހަރާގެ މައްޗަށް މޮރޮކޯއަށް ސިޔާދަތު ލިބިގެންވާކަމަށް ރައީސު ގަބޫލުފުޅުކުރައްވާ." ވައިޓް ހައުސްއިން ބުނެފައި ވެއެވެ.