ނިއުކުލިޔާ އެއްބަސްވުމަށް އެމެރިކާ އެނބުރި އައުމަށް މަޝްވަރާކުރާކަށް ނުޖެހޭ، ހަމައެކަނި ސޮޔެއް ބޭނުންވަނީ: ރޫޙާނީ

ދުނިޔޭގެ ބޮޑެތި ބާރުތަކާއެކު އީރާނުން ވެފައިވާ ނިއުކުލިޔާ އެއްބަސްވުމަށް އެނބުރިއައުމަށް މަޝްވަރާކުރަން ނުޖެހޭ ކަމަށާއި، އެކަމަށް ބޭނުންވަނީ ހަމައެކަނި ސޮޔެއް ކަމަށް އީރާނުގެ ރައީސު ޙަސަން ރޫޙާނީ ވިދާޅުވެއްޖެއެވެ. އޭނާ މިހެން ވިދާޅުވީ ނިއުކުލިޔާ އެއްބަސްވުމާމެދު އީރާނު އަލުން މަޝްވަރާ ނުކުރާނެ ކަމަށް ސަރުކާރުގެ ރަސްމީ ތަރުޖަމާނު ވިދާޅުވެފައި ވަނިކޮށެވެ.

ރޫޙާނީ ވިދާޅުވި ގޮތުގައި މިއީ ޑިޕްލޮމެސީއަށް ފުރުސަތު ބޮޑުވެފައިވާ ވަގުތެކެވެ.

"އެ ތައުލީމެއް ލިބިފައި ނެތް ވިޔާރިވެރިޔާ ވަނީ ކަރުދާސް ގަނޑެއްގައި ކުރަހާފައި އަހަރެން އެއްބަސްވުމުން ނިކުމެއްޖައީމޭ ބުނެފަ. (ނިއުކުލިޔާ އެއްބަސްވުމުން އެމެރިކާ ވަކިވާން ރައީސު ޓްރަމްޕް ސޮއިކުރެއްވި ވާހަކަ). ދެން ވަޑައިގަންނަވާ ރައީސަކަށް ރިވެތި ކަރުދާސްގަނޑެއް ބާއްވަވައި އޭގައި ސޮއިކުރެއްވިދާނެ. އެކަމަށް ބޭނުން ވަނީ ހަމައެކަނި ސޮޔެއް. އިތުރު ވަގުތެއް އަދި މަޝްވަރާއެއް ބޭނުމެއް ނުވޭ" ރޫޙާނީ ވިދާޅުވިއެވެ.

ވަޒީރުންގެ މަޖިލީހުގެ ޖަލްސާއެއްގައި ވާހަކަފުޅުދައްކަވަމުން ރޫޙާނީ ވިދާޅުވީ އީރާނުން ނިންމާ ނިންމުންތައް ނިންމަން ވާނީ އީރާނުގެ ރައްޔިތުންގެ މަސްލަހަތަށް އިސްކަންދީ، ދުރު މުސްތަގުބަލަށް ބަލައި، ވިސްނުންތެރިކަމާ އެކުގައެވެ.

"ހަމައެކަނި އެމެރިކާއެއް ނޫން. ޕީ4+1 އަށް ވެސް އެގައުމުތަކުން އެއްބަސްވެފައިވާ ހުރިހާ ކަމަކަށް އެނބުރި އާދެވިދާނެ. އަހަރުމެންވެސް އެފަދައިން އަމަލުކުރާނަން." ފްރާންސް، ޖަރުމަނު، އިނގިރޭސިވިލާތް، ޗައިނާ އަދި ރަޝިޔާއަށް އިޝާރާތްކުރައްވަމުން ރައީސު ރޫޙާނީ ވިދާޅުވިއެވެ.

މީގެ ކުރިން ދެއްކެވި ވާހަކަފުޅެއްގައި ރޫޙާނީ ވަނީ ބައިޑަންގެ ސަރުކާރަށް އެއްބާރުލުން ދޭން އީރާނުން ތައްޔާރަށް އޮތްކަން ހާމަކުރައްވާފައެވެ.

"އެކުވެރި ހުރިހާ ގައުމުތަކަކާއެކުވެސް އިތުރަށް ބަދަހި ރަނގަޅު ގުޅުމެއް ގާއިމުކުރުމަށް ފުރުސަތު ތަނަވަސްވެފައިވާކަމަށް ގަބޫލުކުރެވޭ." ޖޯ ބައިޑަން އެމެރިކާގެ ރިޔާސީ އިންތިޚާބު ކާމިޔާބުކުރެއްވުމާ ގުޅިގެން ރޫޙާނީ ވިދާޅުވެފައި ވެއެވެ.

އަނެއްކޮޅުން، ރައީސު ޙަސަން ރޫޙާނީއާ ހަވާލާދީ އިރާނުގެ ރަސްމީ ޚަބަރުފަތުރާ އެޖެންސީ އިރްނާއިން ބުނެފައިވާ ގޮތުތައި އެމެރިކާއިން އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތަކުގެ ބޭރު ގައުމުތަކުން ބޭސް ގަތުމަށް އީރާނަށް ދަނީ ދަތިތައް ކުރިމަތިވަމުންނެވެ. އޭގެ ތެރޭގައި ކޮވިޑް-19 ވެކްސިންވެސް ހިމެނެއެވެ.

އީރާނަކީ މެދުއިރުމަތީގައި ކޮވިޑް-19 ގެ ހާލަތު އެންމެ ގޯސް ގައުމެވެ. އެ ގައުމުގައި މިލިއަނަކަށްވުރެ ގިނަ މީހުން ކޮވިޑް-19 އަށް ޕޮޒިޓިވްވެފައިވާއިރު، މި ބަލީގައި 50 ހާހަށްވުރެ ގިނަ މީހުން މަރުވެފައެވެ.

"އަހަރުމެންގެ ރައްޔިތުންނަށް އެނގެން ޖެހޭ، ބޭހާއި، ވެކްސިނާއި، ސިއްހީ އާލާތްތައް އެތެރެކުރުމަށް ކުރަން އަހަރުން ރާވާ ކޮންމެ ފަހަރަކު އަހަރުމެން ޓްރަމްޕްގެ މައްޗަށް ސަތޭކަ ފަހަރު ބަދުދުޢާކުރަން ޖެހޭކަން." ރޫޙާނީ ވިދާޅުވިއެވެ.

މުޙައްމަދު ޢަބްދުﷲ
މުޙައްމަދު ޢަބްދުﷲ އަކީ އާފަތިހަށް ލިޔުއްވާތާ އެތައް އަހަރެއް ވެފައިވާ ޢިލްމުވެރި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. ދީނީ ލިޔުމާއި ދުނިޔޭގެ ޚަބަރުތަކަށް އަރައިހުންނެވި ކުޅަދާނަ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.