ނަޝީދު ޔޫރަޕްގައި "ހާލި ހަދައިގެން އުޅުން" ނިމުމަކަށް އަތުވެއްޖެ- ނިހާން

ކުރީގެ ރައީސް މުޙަންމަދު ނަޝީދު ޔޫރަޕްގައި "ހާލި ހަދައިގެން އުޅުނު އުޅުން" މިހާރު ނިމުމަކަށް އައިސްފައިވާ ކަމަށް ޕީޕީއެމްގެ ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރ އަޙްމަދު ނިހާން ޙުސައިން މަނިކު ވިދާޅުވެއްޖެއެވެ.

ޖެނީވާގައި ތިއްބަވާ ބޭރު ގައުމުތަކުގެ އިސްފަރާތްތަކާއެކު ޕީޕީއެމްގެ ވަފްދު ބައްދަލު ކުރުމަށް ފަހު ނިހާން ވިދާޅުވީ ޔޫރަޕްގައި މިހާރު ރައީސް ނަޝީދު "ފެއިލް ވެއްޖެ" ކަމަށާއި އިނގިރޭސި ބޮޑުވަޒީރު ޑޭވިޑް ކެމެރަން އާއި ރައީސް ނަޝީދާ ދެމެދު އޮތް ގުޅުންވެސް "ނިމުމަކަށް އަތުވެއްޖެ" ކަމަށެވެ.

ބޭރުގައުމު ތަކުގެ ޖަމާއަތްތަކާ ބައްދަލުކުރި ޕީޕީއެމްގެ ވަފުދުގައި އެންމެ އިސްކޮށް ހުންނެވީ ޕީޕީއެމްގެ ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރ ވިލިމާފަންނު ދާއިރާގެ މެމްބަރު އަޙްމަދު ނިހާން ޙުސައިން މަނިކެވެ. ނިހާންގެ އިތުރުން ޕީޕީއެމްގެ ސެކްރެޓަރީ ޖެނެރަލް، ނިލަންދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޚަލީލް އާއި ޕީޕީއެމްގެ ޕާލަމެންޓްރީ ގްރޫޕުގެ ޑެޕިއުޓީ ލީޑަރު ކެލާ ދާއިރާގެ މެމްބަރު އަލީ އާރިފާއި، ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް އާއި، ގެމަނަފުށީ ދާއިރާގެ މެމްބަރު ޖަމީލް އުސްމާނުގެ އިތުރުން  ރާއްޖޭގެ ފަރާތުން ޖެނީވާގައި ހުންނަވާ ދާއިމީ މަންދޫބު ހާލާ ހަމީދާއި ޑެޕިއުޓީ ޕާމަނަންޓް ސެކްރެޓަރީ ސާލިމް ވަހީދުއެވެ.

ޕީޕީއެމްގެ ވަފްދުން ވަނީ ސުވިޒަލެންޑްގެ ޖެނީވާގައި ތިއްބަވާ ބޭރުގެ އެކިއެކި ގައުމުތަކުގެ އިސްފަރާތްތާ ބައްދަލުކޮށް ރާއްޖޭގެ ސިޔާސީ މަސްރަޙްގެ މައުލޫމާތު ދެއްވާފައެވެ. އޭގެތެރޭގައި އދ. ގެ ހައި ކޮމިޝަނާރ ފޯ ހިއުމަން ރައިޓްސް ޒައިދު ރައާދު އަލް ހުސެއިނާއި، އިންޓަ ޕާލަމެންޓްރީ ޔޫނިއަން (އައިޕީޔޫ) ގެ މި ދައުރުގެ ރައީސް އާއި އެ ޖަމާއަތުގެ ސެކްރެޓަރީ ޖެނެރަލް އާއި އޮގަނައިޒޭޝަން ފޯ އިސްލާމިކް ކޯޕަރޭޝަންގެ އިސްވެރިންނާއި ޖެނީވާގައި ތިއްބެވި ޓްރޮއިކާ އާއި އެމެރިކާ އާއި ސިންގަޕޫރު އަދި ސައުދީއަރަބިއްޔާގެ އިސްފަރާތްތަކާވެސް ޕީޕީއެމްގެ ވަފުދުން ވަނީ ބައްދަލު ކޮށްފައެވެ.

ޖަޢުފަރު ރަޝީދު
ޖަޢުފަރު ރަޝީދަކީ ކުޅިވަރުގެ ލިޔުންތަކާއި ޚަބަރުތައް ލިޔުމުގެ ދާއިރާއިން މަޝްހޫރުވީ ލިޔުންތެރިއެކެވެ. އާފަތިހުގައި ވަރަށް ގިނަ ދުވަހު ޚިދުމަތް ކުރެއްވި އަދި މިހާރުވެސް ޚަބަރާއި ރިޕޯޓު ލިޔުއްވަމުން ގެންދަވާ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.