މާލެ ކައިރި ރަށްތަކުގެ ދޮންވެލިން ޑޮލަރު ހަދަމުން ދިޔައިރު ހުވަދު އަތޮޅުގެ ދޮވެލިން ކުރިކަމަކީ ދަތް އުނގުޅުންކަމަށް ތިނަދޫ އުތުރު ދާއިރާގެ މެންބަރު ޢަބްދުލް މުޣުނީ ވިދާޅުވެއްޖެއެވެ.
ޓޫރިޒަމް ޤާނޫނަށް ގެންނަ އިޞްލާޙު ދިރާސާކޮށް މުޅި މަޖިލީހުގެ ކޮމެޓީން އެކުލަވާލި ރިޕޯރޓަށް ވާހަކަ ދައްކަވުމުން މެމްބަރު މުޣުނީ ވިދާޅުވީ ރާއްޖޭގައި އެންމެ ގިނަ ދޮވެލި އޮތް އަތޮޅަލީ ހުވަދު އަތޮޅުކަމަށެވެ. އެ ދޮންވެލިން ޑޮލަރު ހެދުމުގެ ފުރުޞަތު ލިބުނުތާ އަދިވީ 10 އަހަރު ކަމަށް އޭނާ ވިދާޅުވިއެވެ. އޭގެ ކުރިން އެ ދޮންވެލިން ކުރިކަމަކީ ދަތް އުގުޅުމާއި ގޭގޭގެ ބޭރު ފާރުގައި އުވަޖެހުންކަމަށެވެ. ނަމަވެސް އޭރުވެސް މާލެ ކައިރި ރަށްތަކުގެ ދޮންވެލިން ދިޔައީ ޑޮލަރު ހަދަމުން ކަމަށެވެ. އެހެން ކަމުން ޓޫރިޒަމް ޤާނޫނަށް ގެންނަ އިސްލާހުން އެއަތޮޅުގެ ދޮންވެލިންވެސް ހެޔޮވަރު ވަރަކަށް ޑޮލަރު ހެދިގެން ދިއުމަށް އެދޭކަމަށް އޭނާ ވިދާޅުވިއެވެ.
މެންބަރު މުޣުނީ ވިދާޅުވީ ޓުރިޒަމް ދެވަނަ މާސްޓަރ ޕްލޭންގައި ވެސް ހުވަދޫގައި ޓުރިޒަމް ތަރައްގީކުރުމަށް ކަނޑައެޅި ކަމަށެވެ، ނަމަވެސް އެއީ ކުރަން ހެޔޮވާވާރު ކަމަކަމަށް އޭރުގެ ސަރުކާރަށް ނުވިކަމަށެވެ.އޭރު ފަތުރުވެރިކަން ތަރައްގީ ކުރެވުނީ އަރިއަތޮޅާ ހިސާބަށް ކަމަށެވެ. ހުވަދު އަތޮޅަށް ޓޫރިޒަމް ދިއުމާއެކު ދުނިޔޭގެ އެންމެ ފެންވަރު މަތި ޓޫރިސްޓް ރިސޯޓްތައް އޮތް އަތޮޅަށް ހުވަދު އަތޮޅުވެގެން ގޮސްފައިވާކަމަށް ވެސް އޭނާ ވިދާޅުވިއެވެ. ހުވަދު އަތޮޅަކީ ރާއްޖޭގައި އެންމެ ރީތި ފަޅުރަށްތައް އޮތް އަތޮޅުކަންވެސް މެންބަރު މުޣްނީ ފާހަގަ ކުރެއްވިއެވެ. އެހެންކަމުން އެތޮޅަށް އަންނަ ފަތުރިވެރިންނަށް ފަސޭހަ ދަތުރުފަތުރުގެ އިންތިޒާމުތައް ހަމަޖެހިފައި އޮތުމުގެ މުހިންމުކަން ފާހަގަ ކުރެއްވިއެވެ. އަދި ދެކުނު ހަތަރު އަތޮޅު ފަތުރިކަން ތަރައްޤީކުރުމަށް ދަތުރުފަތުރުގެ ފަސޭހަ އިންތިޒާމުތަކެއް ހަމަޖެހެން ޖެހޭކަމަށް އޭނާފ ފާހަގަ ކުރެއްވިއެވެ. ބައެއް އެހެންމެމްބަރުންވެސް ވަނީ ފަތުރުވެރިންނަށް ފަސޭހަ ކަމާއެކު ދަތުރު ފަތުރު ކުރެވޭނެ އިންތިޒާމު ހަމަޖައްސަން ޖެހޭކަން ފާހަގަ ކުރައްވައިފައެވެ.