ޗައިނާގެ ސިނޮވެކް ބަޔޯޓެކް ލިމިޓެޑުން ކޮވިޑް-19 އަށް އުފެއްދި ސިނޮވެކް ވެކްސިންގެ ފުރަތަމަ ޝިޕްމެންޓް އިންޑޮނޭޝިޔާއަށް ލިބިޖެއެވެ. އަދި ރައީސު ޖޯކޯ ވިދޯދޯ ވިދާޅުވި ގޮތުގައި ސަރުކާރުން މިހާރު ދަނީ އާއްމުންނަށް ވެކްސިން ދިނުމަށް ތައްޔާރުވަމުންނެވެ.
އިއްޔެގެ ވަގުތެއް އޮންލައިންކޮށް ނޫސްވެރިންނާ ބައްދަލުކުރައްވަމުން ރައީސު ވިދޯދޯ ވިދާޅުވި ގޮތުގައި ސިނޮވެކް ވެކްސިންގެ 1.2 މިލިއަން ޑޯޒް އިއްޔެ ވަނީ އިންޑޮނޭޝިޔާއަށް ލިބުމުންނެވެ. އިންޑޮނޭޝިޔާއިން ދަނީ ފާއިތުވި އޮގަސްޓް މަހުއްސުރެ އެ ވެކްސިން ޓެސްޓުކުރަމުންނެވެ.
އޭނާ އިތުރަށް ވިދާޅުވި ގޮތުގައި ސަރުކާރުން ދަނީ އަންނަ ޖަނަވަރީ މަހުގެ ތެރޭގައި ސެނޮވެކްގެ އިތުރު 1.8 މިލިއަން ޑޯޒް ގެނައުމަށް މަސައްކަތްކުރަމުންނެވެ.
ސިނޮވެކް ވެކްސިންގެ އެންމެ ފަހު މަރުހަލާގެ ޓެސްޓުތައް ބްރެޒިލާއި ތުރުކީގައި ވެސް ކުރިއަށް ދާއިރު، މި ޑިސެންބަރު މަހުގެ ފަހުކޮޅު މި ޓެސްޓުތަކުގަ ނަތީޖާ ލިބޭނެކަމަށް ބެލެވެއެވެ.
އިންޑޮނޭޝިޔާގެ ނޭޝަނަލް އެޖްންސީ އޮފް ޑްރަގް އެންޑް ފުޑް ކޮންޓްރޯލް (ބީޕީއޯއެމް) އަދި ސިނޮވެކްގެ ކޮވިޑް-19 ވެކްސިން އާއްމުކޮށް ބޭނުންކުރުމުގެ ހުއްދަ ދީފައި ނުވެއެވެ. އެހެންނަމަވެސް، ސަރުކާރުން ދަނީ ހުއްދަ ލިބެންވާއިރަށް ވެކްސިން ދިނުމުގެ ހުރިހާ ތައްޔާރުވަމުންނެވެ.
"އަހަރުމެން ތައްޔާރުވަމުން ދާތާ އެތައް މަހެއް ވެއްޖެ. އަހަރެންނަށް ޔަގީން ވެކްސިނާ މެދު ގޮތެއް ނިންމިހާ އަވަހަކަށް އަހަރުމެންނަށް ވެކްސިން ޖަހަން ފެށޭނެކަން. ހުރިހާ ކަމެއް ހުންނާނީ ތައްޔާރަށް. ރައީސު ވިދޯދޯ ވިދާޅުވިއެވެ.
އިންޑޮނޭޝިޔާގައި ކޮވިޑް1-9 ޖެހޭ މީހުންގެ އަދަދު އިތުރުވަމުން ދާއިރު އެގައުމަކީ ދެކުނު އިރުމަތީ އޭޝިޔާއި ކޮވިޑް-19 އަށް އެންމެ ގިނަ މީހުން ޕޮޒިޓިވް ވި ގައުމެވެ. އެ ގައުމުގެ 5 ލައްކަ 75 ހާހަށްވުރެ ގިނަ މީހުން ކޮވިޑް-19 އަށް ޕޮޒިޓިވްވެ، 17 ހާހަށްވުރެ ގިނަ މީހުން ވަނީ މި ބަލީގައި މަރުވެފައެވެ.