ސައޫދީ ރަސްގެފާނުގެ އަރިސް އަމީރަކު ވަރަށް ހަރުކަށި އިބާރާތުން އިސްރާއީލަށް ފާޑުވިދާޅުވެއްޖެ

'އައިއައިއެސްއެސް މަނާމާ ޑައިލޮގް' ގައި ސައޫދީ އަމީރު ތުރްކީ އަލްފައިޞަލް ވާހަކަފުޅުދައްކަވަނީ

އިސްރާއީލަކީ ހުޅަނގުގެ އިސްތިއުމާރީ ބާރެއް ކަމަށް ވިދާޅުވެ ސައޫދީ ޝާހީ އާއިލާގެ އިސް އަމީރެއް ކަމުގައިވާ ތުރްކީ އަލްފައިޞަލް އިސްރާއީލަށް ވަރަށް ހަރުކަށި އިބާރާތުން ފާޑުވިދާޅުވެއްޖެއެވެ.

ވިހި އަހަރަށްވުރެ ދިގު މުއްދަަތަކަށް ސައޫދީ ޖާސޫސީ އިދާރާގެ ވެރިއަކަށް ހުންނެވުމުގެ އިތުރަށް އެމެރިކާއާއި، އިނގިރޭސިވިލާތުގައި ސައޫދީ ސަފީރެއްގެ ގޮތުގައިވެސް ކުރިން މަސައްކަތްޕުޅު ކުރައްވާފައިވާ ތުރްކީ އަލްފައިޞަލް މި މޭރުމުން ވާހަކަފުޅޫ ދައްކަވާފައި ވަނީ ބަހްރޭންގެ ވެރިރަށް މަނާމާގައި އޮތް ބައްދަލުވުމެއްގައި ޕެނަލިސްޓެއްގެ ގޮތުން ބައިވެރިވެ ވަޑައިގެން ދެއްކެވި ވާހަކަފުޅުގައެވެ. އެ ބައްދަލުވުމަކީ ލަންޑަނުގައި ހުންނަ އިންޓަނޭޝަނަލް އިންސްޓިޓިއުޓް އޮފް ސްޓްރެޓީޖިން ސްޓަޑީޒް (އައިއައިއެސްއެސް) ގެ ފަރާތުން "ނިއު ސެކިއުުރިޓީ ޕާޓްނަޝިޕްސް އިން ދަަ މިޑްލް އީސްޓް- އައިއިއިއެސް މަނާމާ ޑައިލޮގް" ގެ ނަމުގައި ބޭއްވި ބައްދަލުވުމެކެވެ.

"އިސްރާއީލުން ވަނީ އެމީހުން އިސްތިއުމާރުކޮށްގެން ތިބި ބިންތަކުގައި ދިރިއުޅޭ އެތައް ހާސް ބަޔަކު ތާކުންތާކު ނުޖެހޭ ތުހުމަތުތަކުގައި ހައްޔަރުކޮށް، 'ކޮންސެންޓްރޭޝަން ކޭމްޕް'ތަކުގައި އެމީހުން ބަންދުކޮށްފައި. ޒުވާން އަދި މުސްކުޅި އަންހެނުންނާއި ފިރިހެނުން ދަނީ އިންސާފު ހޯދާނޭ މަގެއް ނެތި އެ ތަންތަނުގައި ތިބެ ފަނާވަމުން." އިސްރާއީލުގެ ޚާރިޖީ ވަޒީރު ގަބީ އަޝްކެނާޒީ ވެސް ވާޗުައަލްކޮށް ބައިވެރިވި ބައްދަލުވުމުގައި ވާހަކަފުޅުދަައްކަަވަމުން ތުރްކީ އަލްފައިޞަލް ވިދާޅުވިއެވެ.

"އެމީހުން ދަނީ އެމީހުން ހިތުހުރިހާ ގޮތަކަށް ގެތައް ތަޅަމުން. އެމީހުން ހިތަަށް އެރި މީހަކު މަރަމުން. އަދި މިވަރުން ނުވެގެން ކްނެސެޓް (އިސްރާއީލުގެ ގާނޫނުހަދާ މަޖިލިސް) އިން ވަނީ އިސްރާއީލުގެ ރައްޔިތުކަމުގެ ހައްގަގީ ހަމައެކަނި ޔަހޫދީން ހައްގެއް ކަމަށް ކަނޑައަޅައި ގާނޫނެއް ފާސްކޮށްފަ، މީގެ ސަަބަބުން އިސްރާއީލުގައި ތިބި ޔަހޫދީން ނޫން މީހުންނަށް ވަނީ އެމީހުންގެ ހައްގު ގެއްލިފައި. މިއީ ކޮންކަހަލަ ޑިމޮކްރަސީއެއް."  އަލްފައިޞަލް ވިދާޅުވިއެވެ.

ތުރްކީ އަލްފައިޞަލް އިތުރަށް ވިދާޅުވި ގޮތުގައި 1967 ގެ ސަރަހައްދީ ރޮނގާ ހަަމައަށް އިސްރާއީލު ފަަހަތަށް ޖެހި، ފަލަސްޠީނު ރެފިއުޖީންގެ މައްސަލަ ހައްލުކޮށް، އިތުމަތީ ޤުދްސު ވެރިރަށެއްގެ ގޮތުގައި އޮންނަ ފަލަސްޠީނުގެ މިނިވަން ދައުލަތެއް އުފެދިގެން ނޫނީ އިސްރާއީލާއެކު ގުޅުން ގާއިމު ނުކުރެވޭނެއެވެ.

އިސްރާއީލާއެކު ގުޅުން ގާއިމުކުރުމުގެ ގޮތުން ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ) އާއި ބަހްރޭނުން ސޮއިކުރި 'އެބްރަހަމް އެކޯޑްސް' އަށް އިޝާރާތްކުރައްވައި އޭނާ ވިދާޅުވީ "ހަމައެކަނި ބަލީގެ އަސަރުކުޑަކޮށްދޭ ބޭހާ، ތަދުކަނޑުވާ ބޭސް ދީގެން ހުޅުވިފައިވާ ފާރުގަނޑެއް ފަސޭހަ ނުކުރެވޭނެ" ކަމުގައެވެ.

ތުރުކީ އަލްފައިޞަލް އަކީ މިހާރު ސައޫދީ ސަރުކާރުގެ މަގާމެއްގައި ހުންނެވި ބޭފުޅެއް ނޫނެވެ. މި ބައްދަލުވުމުގައި ވާހަކަފުޅު ފަށްޓަވަމުން ވެސް އޭނާ ވިދާޅުވީ އޭނާ ވާހަކަފުޅުދައްވަނީ އަމިއްފުޅު ހައިސިއްޔަތުން ކަަމަށެވެ. އެހެންނަމަވެސް، އޭނާއަކީ ސައޫދީ ރަސްގެފާނު ސަލްމާން ބިން ޢަބްދުލްޢަޒީޒުގެ އަރިސް ބޭފުޅަަކަށް ވާތީ ގިނަ ބަޔަކު ގަބޫލުކުރާގޮތުގައި އޭނާ ދެއްކެވި ވާހަކަފުޅުން ހާމަވެގެންް ދަނީ ސަލްމާން ރަސްގެފާނުގެ ވިސްނުންފުޅެވެ.

ބުނެވޭ ގޮތުގައި އިސްރާއީލާ ގުޅުން ގާއިމުކުރައްވަން ސައޫދީ ވަލީއަހުދު މުޙައްމަދު ބިން ސަލްމާން ބޭނުންފުޅުވި ނަމަވެސް އޭނާއަަށް އެކަން ނުކުރެއްވިގެން އުޅުއްވަނީ ސަލްމާން ރަސްގެފާނު އެކަމާ ދެކޮޅުހައްދަވާތީއެވެ.

"ސައޫދީ މަންދޫބު ދެއްކެވި ވާހަކަފުޅުތަކާ މެދު ހިތާމަކުރާ ވާހަކަ ދަންނަވަން. އެވާހަކަފުޅުތަކުން މެދުއިރުމައްޗަށް އަންނަމުންދާ ބަދަލުތަކުގެ ރޫހު ފެނިގެންދާކަމަށް އަހަރެން ގަބޫލުނުކުރަން." ތުރްކީ އަލްފައިޞަލްގެ ވާހަކަފުޅަށް ފަހު ބައްެދަލުވުމުގައި ވާހަކަދައްކަމުން އިސްރާއީލުގެ ޚާރިޖީ ވަޒީރު އަޝްކެނާޒީ ބުންޏެވެ.

މުޙައްމަދު ޢަބްދުﷲ
މުޙައްމަދު ޢަބްދުﷲ އަކީ އާފަތިހަށް ލިޔުއްވާތާ އެތައް އަހަރެއް ވެފައިވާ ޢިލްމުވެރި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. ދީނީ ލިޔުމާއި ދުނިޔޭގެ ޚަބަރުތަކަށް އަރައިހުންނެވި ކުޅަދާނަ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.