ފުލުހުން އިހުތިޖާޖު ކުރި މައްސަލަ އެންއައިސީ އިން އަލުން ބަލައި ތަހުގީގުކުރުމަށް ހުށަހަޅައިފި

މ. އުޖާލާގެ ބަލައިފާސްކުރުމަށް ފުލުހުން ހިންގި އޮޕަރޭޝަންގައި އޭގޭގައި ހުރިމީހަކަށް އަނިޔާކުރި މައްސަލައިގައި އެކަންކުރި ފުލުހުންނަށް ފިޔަވަޅު އެޅުމާ ދެކޮޅަށް، ފުލުހުންގެ ބަޔަކު އިހުތިޖާޖުކުރި މައްސަލަ، އަލަށް އެކުލަވާލި ނެޝެނަލް އިންޓަގްރިޓީ ކޮމިޝަން(އެންއައިސީ) އިން އަލުން ބަލައި ތަހުގިގުކުރުމަށް މަޖިލީހުން ސަލާމަތީ ހިދުމަތްތަކާބެހޭ ކޮމެޓީން ހުށަހަޅައިފިއެވެ.

މިގޮތަށް ނިންމައިފައި ވަނީ ސަލާމަތީ ޚިދުމަތްތަކާ ބެހޭ ކޮމިޓީން އެމައްސަލަ ބަލާ ދިރާސާކޮށް ނިންމި ރިޕޯރޓްގައެވެ. އެ ރިޕޯޓު ހުށަހަޅަމުން އެކޮމެޓީގެ މުޤައްރިރު ހިތަދޫ އުތުރު ދާއިރާގެ މެންބަރު ވިދާޅުވީ ކުރީއެންސީއައިއިން އެމައްސަލަ ރަނގަޅަށް ބަލައި ތަހުގީގުކޮށްފައި ނުވާކަމަށެވެ. އެހެކަމުން އަލަށް އެކުލަވާލައިފައިވާ ކޮމިޝަނުން އެމައްސަލައިގެ ފުރިހަމަ ތަހުގީގެއް ހިންގައި އެކޮމެޓީއަށް ރިޕޯޓެއް ހުށަހެޅުމަށް ކޮމެޓީ ރިޕޯޓުގެ ހުށަހެޅުން ތަކުގައި ވެއެވެ.

މައްސަލަ ދިރާސާކޮށް ކޮމެޓީން ހޯއްދައިފައިވާ މައުލޫމާތުތަކުގެ ތެރޭގައި މ. އުޖާލާގެ ބަލައިފާސްކުރުމަށް ފުލުހުން ހިންގި އޮޕަރޭޝަނާ ގުޅިގެން ހަތް ފުލުހަކު ސަސްޕެންޑްކުރަން ނިންމުމުން ބައެއް ފުލުހުންގެ ފޭސްބުކް ޕްރޮފައިލް ކަޅުކުލައަށް ބަދަލުކޮށް އިޙްތިޖާޖުކޮށްފައިވާކަމަށް ވަނީ ފާހަގަކޮށްފައެވެ. އަދި އެ އިހްތިޖާޖަކީ  ފުލުހުންގެ ތެރެއިން ބަޔަކު ކުރި ޖިނާއީ ކުށެއްގެ ސަބަބުން އެކަންކުރި ފުލުހުންނާމެދު ފިޔަވަޅު އެޅުމަށް ނިންމުމުން އެކަމުގެ ނުރުހުން ފާޅުކުރުމުގެ ގޮތުން ކޮށްފައިވާ އިހުތިޖާޖެއް ކަމަށްވެސް ވަނީ ފާހަގަކޮށްފައެވެ. ނަމަވެސް އެކަން ކޮށްފައިވާ ފުލުހުންނަށް ނަސޭހަތް ދިނުން ފިޔަވައި އިތުރު ފިވަޅެއް އަޅައިފައި ނުވާކަމަށް ވެސް ކޮމެޓީ ރިޕޯޓުގައި ފާހަގަކޮށްފައި ވެއެވެ.

އެމައްސަލަ އަވަސް އަދި ސީރިއަސް މައްސަލައެއްގެ ގޮތުގައި ތަހުގީގުކޮށް ދިނުމަށް އޭރުގެ ނެޝެނަލް އިންޓަގްރިޓީ ކޮމިޝަންގައި ސަލާމަތީ ޚިދުމަތްތަކާބެހޭ ކޮމެޓީން ދެންނެވުމުން މައްސަލަ ތަހުގީގު ފަށްޓަވާފައިވާކަމަށް މައުލޫމާތު ދީފައި ވީނަމަވެސް، އެމައްސަލަ ތަހުގީގްކޮށް އެކޮމިޝަނުން އަދާކުރަންޖެހޭ ޒިންމާއާއި މަސްއޫލިއްޔަތު އަދާކޮށްފައިވާ ނުވާކަމަށް ފާހަގަކޮށްފައި ވެއެވެ. އަދި ޒިންމާދާރުކަމާއެކު އެކޮމިޝަނުން ސަލާމަތީ ހިދުމަތްތަކާބެހޭ ކޮމެޓީއަށް ޖަވާބުދާރީ ވެވަޑައިގެންފައިވާ ނުވާކަމަށްވެސް ކޮމެޓީ ރިޕޯޓުގައި ވަނީ ފާހަގަކޮށްފައެވެ.

އެމައްސަލައިގައި ހިނގާފައިވާފަދަ އިހުތިޖާޖެއްގެ ސަބަބުން ފުލުހުންގެ މުޅި މުއައްސަސާ ނުރައްކަލަށް ހުށަހެޅިދާނެކަމަށް ކޮމެޓީއަށް ފާހަގަ ކުރެވިފައިވާކަމަށް ވެސް ރިޕޯޓުގައި ވަނީ ފާހަގަކޮށްފައެވެ. އެފަދަ އިހުތިޖާޖު ތަކުރާރުވިޔަ ނުދިނުމަށްޓަކައި އެފަދަ އަމަލުތަކުގެ ފިޔަވަޅު ވަގުތުން ވަގުތަށްއަޅަމުން ދިއުމުގެ މުހިންމުކަން ވެސް ރިޕޯޓުގައި ފާހަގަކޮށްފައި ވެއެވެ. އެބާވަތުގެ އިހްތިޖާޖަކާ ގުޅޭފަދަ ކަމެއް ފުލުހުންގެ އެއްވެސް މީހަކު ހިންގާނަމަ އެކަށޭނަ ފިޔަވަޅުތަކާއި އަދަބުތައް ފުލުހުންގެ ޤާނޫނުގައި ކަނޑައެޅިފައި އޮތުން މުހިންމުކަމަށް ވެސް ވަނީ ފާހަގަ ކޮށްފައެވެ. އަދި ހުށަހެޅުމެއްގެ ގޮތުގައި ވެސް އެކަން ވަނީ ހުށަހަޅުއްވައިފައެވެ. އަދި ފުލުހުން މިފަދަ އިޙްތިޖާޖު ކުރުމަކީ ކުށެއްގެ ގޮތުގައި ފުލުހުންގެ ޚިދުމަތުގެ ބިލުގައި ހިމެނުމަށް ވެސް ވަނީ ހުށަހަޅުއްވައިފައެވެ. 

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.