ކުރީގެ މިނިސްޓަރު އަމީން މަޖިލީހުގެ އިމްތިޔާޒަށް އަރައިގެންފައިވާ ކަމަށް މަޖިލީހުން ފާސްކޮށްފިނަމަ ދައުވާކުރަނީ

ކުރީގެ ހެލްތް މިނިސްޓަރު ޢަބްދުﷲ އަމީން މަޖިލީހުގެ އިމްތިޔާޒަށް އަރައިގެންފައިވާ ކަމަށް މަޖިލީހުން ފާސްކޮށްފިނަމަ ދައުވާކުރުމަށް ފޮނުވާނެކަމަށް މަޖިލީހުގެ ރައީސް، ރައީސް ނަޝީދު ވިދާޅުވެއްޖެއެވެ. 

މަޖިލީހުގެ ރައީސް ވިދާޅުވީ ކޮމެޓީން ނިންމި ނިންމުމާ އެއްގޮތަށް މަޖިލީހުން ކޮމެޓީ ރިޕޯރޓް ފާސްކޮށްފިނަމަ ގާނޫނުގައިވާ ގޮތަށް އެމައްސަލައިގައި ދަޢުވާކުރުމަށް ޕްރޮސެކިއުޓާ ޖެނެރަލް އޮފީހަށް ފޮނުވުން ނޫން ގޮތެއް އެމަނިކުފާނަށް ނޯންނާނެކަމަށެވެ. 

މަޖިލީހުގެ އިމްތިޔާޒަށް އަރައިގަތްކަން ސާބުތުވެއްޖެނަމަ ތިން ހާހާއި ދިހަހާހާ ދެމެދުގެ ޢަދަދަކުން ޖުރިމަނާ ކުރުން ނުވަތަ ތިންމަސް ދުވަހާ ހަމަސް ދުވަހަށް ޖަލަށް ލުން، އަދަބެއްގެ ގޮތުގައި ކަނޑައެޅިފައިވާކަމަށް މަޖިލީހުގެ ރައީސް ފާހަގަ ކުރެއްވިއެވެ. މަޖިލީހުގެ ރައީސް ވިދާޅުވީ އެހެން މައްސަލަތަކުގައި ޕީޖީ ދައުވާ ނުކުރެއްވި ނަމަވެސް މަޖިލީހުގެ އިމްތިޔާޒުގެ މައްސަލައެއްގައި ދައުވާ ކުރުމަށް އެދިއްޖެނަމަ ދައުވާ ކުރުން ނޫން ގޮތެއް ޕީޖީއަކަށް ނޯންނާނެކަމަށެވެ. އަދި މަޖިލީހުގެ އިމްތިޔާޒުގެ މައްސަލައަކީ އެމަނިކުފާނު ރައީސްކަމުގައި ފިޔަވަޅު ނާޅައި ދޫކޮށްލާނެ މައްސައެއް ނޫންކަމަށެވެ. 

ކޮމެޓީން ނިންމައިފައި ވަނީ ކުރީގެ ހެލްތް މިނިސްޓަރ މަޖިލީހަށާއި ކޮމެޓީއަށް ވެސް ގަސްތުގައި ދޮގު މަޢުލޫމާތުދެއްވައި އިތުރުފުޅުހައްދަވައިފައިވާކަމަށެވެ. އެހެންކަމުން އެއީ މަޖިލީހުގެ އިމްތިޔާޒަށް އުނިކަން އައިސްފައިވާކަމެއް ކަމަށެވެ. 

ރިޕޯރޓްގައި ފާހަގަކޮށްފައިވަނީ އޮޑިޓް ރިޕޯރޓްގައި ބަޔާންކޮށްފައިވާ މަޢުލޫމާތަށް ބަލާއިރު، ކޮމެޓީން ހެލްތްމިނިސްޓަރާ ކުރިމަތިކުރުވި ސުވާލުތަކަށް ދެއްވައިފައިވާ ޖަވާބު އޮޑިޓް ރިޕޯޓް ބަޔާންކޮށްފައިވާ މަޢުލޫމާތާ ޚިލާފުކަމަށެވެ. 

ވެންޓިލޭޓަރުތައް ހޯދުމުގައި ޑަބްލިޔުއެޗްއޯއާ ހެލްތް މިނިސްޓްރީއާ ރަސްމީކޮށް މުއާމަލާތު ކުރެވުނުކަމަށް ފާހަގަކުރައްވައި އެމުއާމަލާތުކުރިކަމުގެ ހެއްކެއްގެ ގޮތުން ހުށަހެޅި އީމެއިލްގެ ކޮޕީ ކޮމެޓީން ބެލިބެލުމުން، އެ އީމެއިލުން މުއާމަލަތުކޮށްފައިވަނީ ހެލްތް މިނިސްޓްރީގެ މުވައްޒަފަކާކަން ނުވަތަ މިނިސްޓްރީއާ ގުޅުންހުރި ފަރާތަކާކަން އެ ލިޔުމުން އެނގެންނެތް ކަމަށް ކޮމެޓީ ރިޕޯޓުގައި ވަނީ ފާހަގަކޮށްފައެވެ. އެ މުއާމަލާތު ކުރެވުނުކަމުގެ ރަސްމީ އެއްވެސް ލިޔުމެއް ކޮމެޓީއަށް ހުށަހެޅުމަށް ފުރުޞަތު ދިން ނަމަވެސް ރަސްމީ ލިޔުމެއް ހެލްތްމިނިސްޓްރީން ކޮމެޓީއަށް ހުށަހަޅައިފައި ނުވާކަމަށް ވެސް ވަނީ ފާހަގަ ކޮށްފައެވެ. 

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.