އިސްލާމްދީނުގެ ނަން ކިލަނބުވާގޮތަށް، ހިންގާ ޖަރީމާތައް ހުއްޓުވުމަށް ޒިންމާދާރުވެރިންނަށް އިލްތިމާސް ކުރައްވައިފި

އިސްލާމްދީނުގެ ނަން ކިލަނބުވާގޮތަށް، ހިންގާ ޖަރީމާތައް ހުއްޓުވުމަށް ޒިންމާދާރުވެރިންނަށް މިއަދުގެ ހުކުރު ހުތުބާގައި އިލްތިމާސް ކުރައްވައިފިއެވެ.

މިއަދުގެ ހުތުބާ ހާއްސަ ކުރެއްވީ އިސްލާމްދީނުގައި ރުގުޔާ ކުރުމުގެ ސަރުއީ ހަމަތަކުގެ  މައްޗަށެވެ. ހުތުބާގައި ވިދާޅުވީ ސަރުއީގޮތުން ހުއްދަ ވަޞީލަތްތަކުގެ ބޭނުން ނާޖާއިޒު ގޮތުގައި ހިފުމަކީ އެއްވެސް މީހަކު ކޮށްގެންވާނެކަމެއް ނޫންކަމަށެވެ. އަދި މަކަރުވެރި ކެހިވެރި ރޭވުންތަކެއްގެ ތެރެއިން، ތިމާމެންގެ  ހަވާނަފަސުގެ އެދުންތަކާއި ގަރީޒާތައް ފުއްދައިގަތުމަށް އޮތް ނުބައި މަގަކަށް ރުގުޔާކުރުން ހަދައިގެން ނުވާނެކަމަށެވެ. މީސްތަކުންގެ  ކަންކަން މިފަދައިން ހުރެއްޖެނަމަ، އެ މުޖުތަމަޢެއްގައި ހެއުކަމެއް ނޯންނާނެކަމަށް ހުތުބާގައި ފާހަގަކުރެއްވިއެވެ.

"ފަސާދަ އާއްމުވެ، މުޖުތަމައު މިހާރު އޮތް ހާލަތަށްވުރެ ނުބައި ހާލަތަކަށް ވެއްޓުމުގެ ކުރިން ޒިންމާދާރު ވެރިންނާއި ޢިލްމުވެރިންނާއި، މުރައްބީންނާއި މައިންބަފައިން މިކަމާ މެދު ވިސްނަވައި ފިޔަވަޅުތަޖެއް އަޅަންވެއްޖެއެވެ. މާތްވެގެންވާ އިސްލާމްދީނުގެ ނަން ކިލަނބުވާގޮތަށް، ހިންގާ މިފަދަ ޖަރީމާތައް ހުއްޓުވުމަށް ޒިންމާދާރުވެރިންނަށް އިލްތިމާސް ކުރަމެވެ. އަދި މިފަދަ ނުބައި އަމަލުތަކަށް އަރައިގަންނަ މީހުން ﷲގެ މަގަށް ރުޖޫއަވެ ތައުބާ ވުމަށް ނަސޭހަތްތެރިވަމެވެ." ހުތުބާގައި ވިދާޅުވިއެވެ.

މުޅި މުޖުތަމައުގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި  ހޭލުންތެރިވުމުގެ މުހިންމުކަން ހުތުބާގައި ފާހަގަ ކުރެއްވިއެވެ. ދުނިޔެވީ ކަންކަމުގައި ކުރިއަރައި ދިއުމަށްޓަކައި  ދުނިޔެވީ އިލްމާއި މައުރިފާ ކުރިއަރުވާ ފަދައިން އާޚިރަތް ބާއްޖަވެރިކުރުމަށްޓަކައި ދީންވެސް މައުރިފާކޮށް އުގެނެން ޖެހޭކަމަށް ހުތުބާގައި ފާހަގަ ކުރެއްވިއެވެ.

"ޖިންނި ޝައިޠާނުންނާއި، ސިހުރުވެރިންގެ ނުބައިކަމާއި ސުންޕާކަމުން ރައްކާތެރިވެވޭނެ މަގު އަޅުގަނޑުމެންގެ ދީނުގައި ވަރަށް ސާފުކޮށް ބަޔާންކުރެވިފައިވެއެވެ. ވީމާ، ކީރިތި ޤުރްއާން ގިނަގިނައިން ކިޔަވައި، ހެނދުނާއި ހަވީރު ކިޔުމަށް ވާރިދުވެފައި ހުރި ދުޢާތަކާއި ޒިކުރުތައް އުނގެނި، ތިމާއަށް ކުރިމަތިވާ ކޮންމެ މުސީބާތަކަށް ކެތްތެރިކަމާއި ނަމާދުން ވާގި ހޯދައި، އެކަންކަން ފިއްލަވާތޯ އަޅުތަކުންގެ ދުއާތައް އިޖާބަކުރައްވާ އަޅުތަކުންނާ ކުއްތަންވެ ވޮޑިގެންވާ ﷲ އަށް ދަންނަވާށެވެ" ހުތުބާގައި ވިދާޅުވިއެވެ.

ބަލިތަކަށް ފަރުވާކުރުމަކީ ދީނުގައި ހުއްދަކުރައްވައިފައިވާ ކަމެއްކަން ފާހަގަ ކުރައްވައި ހުތުބާގައި ވިދާޅުވީ ﷲ ސުބުހާނަހޫ ވަތައާލާ ބަލިތައް ލައްވައިފައިވާ ފަދައިން އެބަލިތަކުގެ ޝިފާ ވެސް ލައްވައިފައިވާކަށް ހުތުބާގައި ފާހަގަކުރެއްވިއެވެ. ބަލިތަކަށް ފަރުވާކުރުމުގައި ހިފަންހުރި ގޮތްތަކުގެ ތެރޭގައި ރުޤްޔާކުރުން ހިމެނޭކަން ފާހަގަ ކުރެއްވިއެވެ. ރުގުޔާކުރުމަކީ  ބަލިމީހާއަށް ފަރުވާކުރުމުގެ ގޮތުން ކިރިތި ޤުރުއާންގެ އާޔަތްތަކާއި، ކީރިތި ރަސޫލާ ޞައްލަﷲ އަލައިހި ވަސައްލަމަ ސުންނަތުގައު ވާރިދުވެގެންވާ ދުޢާތަކުގެ ޒަރީއާއިން ބައްޔަށް ޝިފާ ދެއްވުން އެދި ﷲގެ  ހަޒުރަތުގައި  ދެންނެވުމެވެ.

ސިހުރަ ހާހޫރައާއި، ހަސަދައާއި އެސްފީނާގެ ޝިކާރައަކަށް ވެފައިވާ އެތައް ބަޔަކަށް ސަރުއީ ރުގުޔާއަކީ އެންމެ އެކަށީގެންވާ ފަރުވާކަމާމެދަކު ޝައްކެތް ނެތްކަމަށް ހުތުބާގައި ވިދާޅުވިއެވެ. އެހެން ކަމުން ރޫހާނީގޮތުން ކުރިމަތިވާ ބަލިތަކަށް ރުގްޔާއިން ފަރުވާ ހޯދިދާނެކަމަށް ހުތުބާގައި ފާހަގަ ކުރެއްވިއެވެ.

"ރުޤްޔާކުރުމަކީ ދީނުގައި ކަނޑައަޅައިފައިވާ އަދަބުތަކާއި ސަރުތުތަކާއެކު ހުއްދަ ކަމެއްކަމުގައި ވީނަމަވެސް ގިނަ ފަހަރަށް މުޖުތަމައުގައި ކަން ހިނގަނީ މިމަގުން ހެއްޔެވެ؟ ރުގުޔާކުރުމަކީ ކަމުގެ އިލުމު ލިބިގެން ހުރި މީހަކު އިންސާނިއްޔަތަށްޓަކައި ކުރުން ހުއްދަކަމެކެވެ. ސަރުއީ ހަމަތަކުގެ މަތިން ހުއްދަ ނޫން އެއްވެސް ކަމެއް ނުހިމެނޭ ގޮތަށެވެ. އެހެންކަމުން މީސްތަކުންނަށް ރުގުޔާކުރާ މީހަކީ  އަމާނާތްތެރި މީހަކަށް ވާންޖެހޭނެއެވެ. ނަމަވެސް ކަމުގެ ޞައްޙަ މަޢުލޫމާތާއި ސަރުއީ ހަމަތަކަށް ބީރައްޓެހި ބަޔަކު، ދުނިޔެވީ މަންފާތަކެއް ހާސިލުކުރުމަށް ބޭނުންކުރާ ވަޞީލަތަކަށް މިއަދު މިކަން ހަދައިފިއެވެ. ރުގުޔާގެ ނަމުގައި މީސަތަކުންނަށް ކެހިދީ، މަކަރުހަދައި އޮޅުވާލަން ފަށައިފިއެވެ. ރުގުޔާ ކުރުމުގެ ނަމުގައި ބަލި މީހާޔަށް އެއްވެސް ބާވަތެއްގެ އަނިޔާއެއް ކޮށްގެން ނުވާނެއެވެ." ހުތުބާގައި ވިދާޅުވިއެވެ. 

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.