ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ހައްޤުތައް ގެއްލިގެން 72 މައްސަލައެއް ހުށަހެޅިފައިވޭ: އެޗްއާރްސީއެމް

ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ހައްޤުތައް ގެއްލިގެން ފާއިތުވި ހަތަރު އަހަރު ދުވަހުގެ ތެރޭގައި ޖުމްލަ 72 މައްސަލައެއް ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރްސީއެމް) އަށް ހުށަހެޅިފައިވާކަމަށް އެކޮމިޝަނަށް ވިދާޅުވެއްޖެއެވެ.

ބައިނަލްއަގްޤްވާމީ ގޮތުން ފާހަގަކުރާ ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ދުވަހާއި ގުޅިގެން އެޗްއާރްސީއެމްއިން ނެރެފައިވާ ނޫސްބަޔާނެއްގައި ބުނެފައިވަނީ، އެކޮމިޝަނުން ބަލައިފައިވާ މައްސަލަތަކުގެ ތެރޭގައި، ޢާއިލާގެ ފަރާތުން ލިބެންޖެހޭ އަޅާލުން ނުދިނުމާއި އިހުމާލުގެ މައްސަލަތަކާއި އަދި އާއިލާއިން އެދިގެން ނުކުޅެދުންތެރިކަން ހުންނަ ފަރާތްތައް ދައުލަތުގެ ބެލުމުގެ ދަށަށް ބަދަލުކޮށްދިނުމަށް އެދި ހުށަހަޅައިފައިވާ މައްސަލަތައް ހިމެނޭ ކަމަށެވެ. މީގެއިތުރުން، ދައުލަތުން އިހުމާލުވެފައިވާ މައްސަލަތަކާއި، ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ލިބެންވާ މާލީއެހީތެރިކަން ނުލިބިގެން ހުށަހަޅާފައިވާ މައްސަލަތަކާއި އަދި ދައުލަތުގެ ބެލުމުގެ ދަށުގައި ތިބޭ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތައް ނިޔާވުމުގެ ސަބަބުން ބަލާފައިވާ މައްސަލަތައްވެސް ހިމެނޭކަމަށް އެޗްއާރްސީއެމްގެ ބަޔާނުގައި ފާހަގަ ކުރެއްވިއެވެ.

ކޮވިޑް-19 އާއި ގުޅިގެން ޔޫއެންޑީޕީން ތައްޔާރުކޮށްފައިވާ "އެޑްރެސިން ދަ ސޯޝިއޯ އިކޮނޯމިކް އިމްޕެކްޓް އޮފް ކޮވިޑް-19 އޮން ދަ މޯލްޑިވްސް" ރިޕޯޓްގައި ފާހަގަކޮށްފައިވާ ގޮތުގައި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަކީ ކޮވިޑް-19ގެ ނުރައްކާ ބޮޑު ބަޔަކަށް ވުމުން،  އެ ފަރާތްތަކުގެ ރައްކާތެރިކަމަށް ޚާއްސަ އަހައްމިއްޔަތުކަމެއް ދިނުމަކީ މުހިންމު ކަމެއްކަމަށް އެޗްއާރްސީއެމް އިން ވަނީ ވަނީ ފާހަގަކޮށް ފައެވެ.

"ބައެއް ކަހަލަ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަކީ އެފަރާތްތަކަށް ދިމާވެފައިވާ ހާލަތުގެ ސަބަބުން މައުލޫމާތު ހޯދުމުގަޔާއި މައުލޫމާތު ލިބިގަތުމުގައި ގޮންޖެހުންތަކެއް ދިމާވެފައިވާ ބައެއްކަންވެސް މިރިޕޯޓުގައި ފާހަގަކޮށްފައިވެއެވެ. އަދި ކޮވިޑް19ގެ ބަލިމަޑުކަމުން ރައްކާތެރިވެ ތިބުމަށް ކަމާބެހޭ ފަރާތްތަކުން ފޯރުކޮށްދޭ މައުލޫމާތު އެކަށީގެންވާ ގޮތެއްގައި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ނުލިބުމުގެ ސަބަބުން އިތުރު ބަލިތައް ޖެހުމުގެ ފުރުސަތު ބޮޑުކަންވެސް މިރިޕޯޓުގައި ފާހަގަކޮށްފައިވެއެވެ." އެޗްއާރުސީއެމްގެ ބާޔުނުގައި ވެއެވެ.

ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ދުވަހާއި ގުޅިގެން އ.ދ. އިން މިއަހަރު ކަނޑައަޅާފައިވާ ޝިއާރަކީ، "ކުރިއަށްވުރެ ފުރިހަމައަށް ބިނާކުރުން: ނުކުޅެދުންތެރިކަން ހުންނަ ފަރާތްތައް ޝާމިލުވާ، ޚިދުމަތްތަކަށް ފަސޭހައިން ވާސިލުވެވޭ، ދެމެހެއްޓެނިވި މުޖުތަމައުއެއް ކޮވިޑް19 އަށްފަހު ބިނާކުރުމަށް" މިއެވެ.

މި ޝިއާރުގެ މައިގަނޑު މަޤްސަދަކީ ދުނިޔެއަށް ދިމާވެފައިވާ ކޮވިޑް19 ގެ ބަލި މަޑުކަމުން އަރައިގަނެ، އާންމު ހާލަތަށް ރުޖޫއަވުމަށް ކުރަމުންދާ މަސައްކަތުގައި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ބައިވެރިވުން ހިމަނާ، ޚިދުމަތްތަކަށް ފަސޭހަކަމާއެކު ވާސިލުވެވޭނެ، ދެމެހެއްޓެނިވި ގޮތަކަށް ޤައުމު ބިނާކުރުންކަމަށް އެޗްއާރްސީއެމްއިން ފާހަގަ ކުރައްވައެވެ.

ދުނިޔޭގެ ސިއްޙަތު ޖަމްއިއްޔާއިން އަންދާޒާކުރާގޮތުގައި ދުނިޔޭގެ އާބާދީގެ 15 އިންސައްތަ މީހުންނަކީ ކޮންމެވެސް ނުކުޅެދުންތެރިކަމެއް ތަޙައްމަލުކުރަމުންދާ ބައެކެވެ.

ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ދުވަސް ދުނިޔޭގެ ފެންވަރުގައި ފާހަގަކުރުމުގެ ބޭނުމަކީ، ނުކުޅެދުންތެރިކަން ހުންނަމީހުންގެ  ހައްޤުތައް ރައްކާތެރިކޮށް، މުޖުތަމަޢުގައި އެމީހުންނަށް ލިބެންވާ އިޙްތިރާމާއި އަޅާލުން ފޯރުކޮށްދީ، އެފަރާތްތަކުގެ ބައިވެރިވުން އިތުރުކުރުމެވެ. އަދި ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ދިމާވާ ތަފާތު ގޮންޖެހުންތަކާމެދު މުޖުތަމައު ހޭލުންތެރިކުރުމެވެ. ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ދުވަހުގެ ގޮތުގައި ފާހަގަ ކުރަމުންދަނީ ޑިސެމަބަރު މަހުގެ ތިންވަނަ ދުވަހެވެ. 

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.