ޠޫފާން 'ބުރެވި' ސްރީލަންކާއަށް އަރައިފި

ޠޫފާން 'ބުރެވި' ދަތުރުކުރާނެ ކަމަށް ބެލެވޭ މަގު

ބޭ އޮފް ބެންގޯލްގައި އުފެދި ހުޅަނގަށް ދަތުރުކުރަމުންދާ ޠޫފާން 'ބުރެވި' ސްރީލަންކާއަށް އަރައިފިއެވެ. ރޭ 8:30 (ރާއްޖޭގަޑިން ރޭގަނޑު 8:00) ހާއިރު ޠޫފާން އަރާފައިވަނީ ސްރީލަންކާގެ އިރުމަތީ އައްސޭރިން ޓްރިންކޮމަލީއާއި މުއްލައިޓީވޫއާ ދެމެދުގެ ހިސާބަކަށެވެ.

ޑިޕާޓްމަންޓް އޮފް މީޓިއޮރޮލޮޖީގެ ޑިރެކްޓަރ ޖެނެރަލް ވިދާޅުވި ގޮތުގައި 'ސައިކްލޯނިކް ސްޓޯމް' އެއް ގޮތުގައި ގިންތި ކުރެވިފައިވާ 'ބުރެވި' ދަތުރުކުރަމުން ދަނީ ގަޑިއަކު 100 ކިލޯމީޓަރުގެ ބާރު މިނުގައި ޖެހޭ ވަޔާއެކުގައެވެ. އަދި ހުޅަނގުގެ މިސްރާބަކަށް ދަތުރުކޮށް މިއަދު ހެނދުނުގެ ވަގުތެއްގައި ސްރީލަންކާއާ އިންޑިޔާއާ ދެމެދުގައި އޮންނަ ކަނޑުއޮޅި ގަލްފް އޮފް މަނާރްްއާ ހަަމައަށް ޠޫފާން ދަތުރުކުރާނެ ކަމަށް ބެލެވެއެވެ.

ޠޫފާން އެރުމުގެ ކުރިން ސްރީލަންކާއިން ވަނީ އިރުމަތީ ސްރީލަންކާގެ އައްސޭރިފަށުުގައި ދިރިއުޅޭ 75 ހާސް މީހުން ރައްކާތެރި ހިސާބުތަކަށް ގެންގޮސްފައެވެ. އެންމެ ގިނަ ބަަޔަކު ގެންދެވިފައިވަނީ ޓްރިންކޮމަލީންނެވެ. އެރަށުގެ މީހުން ވަނީ ޠޫފާންގެ ނުރައްކާ ކުޑަވަންދެން 237 ވަގުތީ ހިޔަލަށް ބަދަލުކޮށްފައެވެ.

ސްރީލަންކާގެ އިރުމަތީ ހިސާބުތަކަށް ޠޫފާން އެރުމުން ލިބުނު ގެއްލުމުގެ ތަފްސީލެއް ހިމާތަނަށް ލިބިފައި ނުވި ނަމަވެސް، އެ ގައުމުގެ މޫސުމާ ބެހޭ އިދާރާއިން ކުރިން ބުނެފައިވާ ގޮތުގައި، އައްސޭރިފަށުގެ އަވަށްތަކުގެ އިމާރާތްތަކަށް ގެއްލުންވެ، ކަަރަންޓު ކަނޑައިގެން ގެސް، އެ ސަރަހައްދަށް ބޯކޮށް ވާރެ ވެހި ފެންބޮޑުވާނެއެވެ. ލަފާކޮށްފައިވާ ގޮތުގައި އެ ސަރަހައްދުގެ ބައެއް އަވަށްތަކަށް 200 މިލިމީޓަރުގެ ވާރޭވެހޭނެއެވެ.

އިންޑިޔާގެ ދެކުނުގެ ރަށްތަކުން މިހާރު ވަނީ ޠޫފާން 'ބުރެވި' އަރާނެކަަމަށް ރައްކާތެރިކަމުގެ ފިޔަވަޅު އަޅާފައެވެ. ޠޫފާން ދަތުރުކުރަމުންދާ ބާރުމިނަށް ބަަލާއިރު ޠޫފާން ތިރުވަނަންތަޕޫރަމް (ޓްރިވެންޑްރަމް) އަށް އަރާނެ ކަމަށް ބެެެލެވެއެވެ.

މުޙައްމަދު ޢަބްދުﷲ
މުޙައްމަދު ޢަބްދުﷲ އަކީ އާފަތިހަށް ލިޔުއްވާތާ އެތައް އަހަރެއް ވެފައިވާ ޢިލްމުވެރި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. ދީނީ ލިޔުމާއި ދުނިޔޭގެ ޚަބަރުތަކަށް އަރައިހުންނެވި ކުޅަދާނަ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.