ކޮވިޑް-19 އާ ދެކޮޅަށް ބޭނުންކުރުށް ފައިޒާއާއި ބަޔޯންޓެކް ގުޅިގެން އުފެއްދި ވެކްސިން އާއްމުކޮށް ބޭނުންކުރުމުގެ ހުއްދަ ދިން ފުރަތަމަ ގައުމަށް އިނގިރޭސިވިލާތް ވެއްޖެއެވެ. އެގައުމުން ބުނެފައި ވަނީ އަންނަ ހަފުތާއިން ފެށިގެން ވެކްސިން ބޭނުންކުރާނެ ކަމުގައެވެ.
"ސަރުކާރުން މިއަދު ވަނީ މިނިވަން މެޑިސިން އެންޑް ހެލްތުކެއާ ޕްރޮޑަކްސް ރެގިއުލޭޓަރީ އެޖެންސީ (އެމްއެޗްއާރްއޭ) ގެ ލަފާ ގަބޫލުކޮށް ފައިޒާ-ބަޔޯންޓެކް ކޮވިޑް-19 ވެކްސިން ބޭނުންކުރުމުގެ ހުއްދަ ދީފައެވެ." އިގިރޭސި ސަރުކާރާ ހަވާލާ ދީ ރޮއިޓާސްއިން ބުނެފައި ވެއެވެ.
"އަންނަ ހަފުތާއިން ފެށިގެން އިނގިރޭސިވިލާތުގެ ހުރިހާ ހިސާބަކުން ވެކްސިން ލިބޭގޮތް ހަދާނެ." ސަރުކާރުން ބުނެފައި ވެއެވެ.
ހެލްތު ސެކްރެޓަރީ މެޓް ހެންކޮކް ވިދާޅުވި ގޮތުގައި (ވެކްސިން ދިނުމުގެ) ޕްރޮގްރާމް އަންނަ ހަފުތާގައި ފަށާނެއެވެ. އޭނާ ވިދާޅުވިގޮތުގައި ހޮސްޕިޓަލްތައް މިހާރުވެސް ވަނީ އެކަމަށް ތައްޔާރުވެފައެވެ.
"މިއީ ވަރަށް އުފާވެރި ޚަބަރެއް." ހެންކޮކް ވިދާޅުވިއެވެ.
ފައިޒާއިން ބުނީ ވެކްސިން ބޭނުންކުރުމުގެ އެމަޖެންސީ ހުއްދަ ލިބުމަކީ ކޮވިޑް-19 އާ ދެކޮޅަށް ކުރެވޭ މަސައްކަތުގައި ތާރީޚީ ކަމެއް ކަމުގައެވެ.
ވެކްސިންއަށް ހުއްދަ ދިނުމުގައި އެހެން ގައުމުތައްވެސް ދެން މާ ލަސްވާނެ ކަމަކަށް ނުބެލެއެވެ. އެމެރިކާއާއި ޔޫރަޕިއަން ޔުނިއަން (އީޔޫ) އިންވެސް ދަނީ ފައިޒާ ވެކްސިންގެ އިތުރަށް މޮޑާނާ ވެކްސިންއަށް ހުއްދިދިނުމުގެ މަސައްކަތްކުރަމުންނެވެ.
ފައިޒާއިން ބުނި ގޮތުގައި އެކުންފުނީގެ ވެކްސިން އިނގިރޭސިވިލާތައް ފޮނުވުމުގެ މަސައްކަތް ވަގުތުން ފަށާނެއެވެ. އަދި އެމެރިކާގެ ފުޑް އެންޑް ޑްރަގް އެޑްމިނިސްޓްރޭޝަން (އެފްޑީއޭ) ގެ ހުއްދަ ލިބުމާއެކީ އިނގިރޭސިވިލާތަށްވުރެ ފުޅާ ދާއިރާއެއްގައި އެމެރިކާއަށް ވެކްސިން ފޯރުކޮށްދިނުމަށް ފައިޒާއިން ވަނީ ތައްޔާރުވެފައެވެ. މި ހުއްދަ އަންނަ ހަފުތާގައި ލިބޭނެކަމަށް ބެލެވެއެވެ.
އިނގިރޭސި ވިލާތުން 20 މިލިއަން މީހުންނަށް ދެވޭ ވަރަށް (40 މިލިއަން ޑޯޒް) ވެކްސިނަށް އޯޑަރު ދީފައިވާއިރު، މިއަހަރު ނިމެންވާއިރަށް ލިބޭނީ ކިހާވަރެއް ކަމެއް އަދި ޔަގީން ނުވެއެވެ. ފައިޒާ ވެކްސިން އެއްތަނުން އަނެއް ތަނަށް އުފުލުގައި ކުރިމަތިވާނެ އެންމެ ބޮޑު ގޮންޖެހުމަކީ ގަނޑުވާ ދަރަޖައަށްވުރެ ވެސް ގަދަ ފިނީގައި އެ ގެންގުޅެން ޖެހުމެވެ.
ތަޖުރިބާކާރުން ބުނާ ގޮތުގައި ވެކްސިންއިން ރައްކާތެރިކަން ލިބިދެނީ ތިން ހަފުތާ ދެރު މިނުގައި ދެ ޑޯޒް ވެކްސިން ޖެހުމުންނެވެ.
އިނގިރޭސިވިލާތުން ދަނީ އާސްޓްރާޒެނެކާއާއި އޮކްސްފޯޑް ޔުނިވަސިޓީ ގުޅިގެން އެފެއްދި ވެކްސިންއަށްވެސް ހުއްދަދިނުމުގެ މަސައްކަތްކުރަމުންނެވެ.