ފަޅިމޫނު - 24

(25 ނޮވެމްބަރ 2020 ގައި ޝާއިއުކުރި ބަޔާ ގުޅޭ)

"އެއީ އަހަންނަކަށް ހިލޭ މީހެއް ނޫން. އެއީ އަހަރެންގެ ފުރަތަމަ ލޯބި. އަހަރެންގެ ފުރަތަމަ އެދުން. އޭނާޔާ ނުލައި އަހަންނަކަކަށް ދިރިއެއް ނޫޅެވޭނެ. އަހަރެންގެ ހިތާއި ސިކުނޑިއަށް ވެރިވެފައިވާ ހަމަނުޖެހުން އަހަންނަކަށް ރަނގަޅަކަށް ކިޔައެއްވެސް ނުދެވޭނެ. އަހަރެން ބޭނުން ވަނީ އެންމެ ފަހަރަކު އޭނާޔާ ބައްދަލުކޮށްފައި އަހަންނަށް މަކަރު ހެދީ ކީއްވެގެންތޯ އަހަން. އަހަރެން ތިޔަ ރުޚްސާނާޔާ ހަވާލުކުރީ ކީއްވެގެންތޯ ބަލަން އަހަރެން ބޭނުން. އަހަންނަށް އެކަށީގެންވާ ޖަވާބެއް ލިބުނީމާ ހުރިހައި ކަމެއް ނިމުނީ. އިތުރު އެއްވެސް މައްސަލައެއް ނުޖައްސާނަން."

"އަހަރެން ބާދްޝާއަށް މި ވިސްނައި ދެނީ ރަނގަޅަށް. އަހަންނަށް އިތުބާރު ކުރޭ. އޭނާ ބާދްޝާ ދެކެ ލޯތްބެއް ނުވޭ. ލޯބިވާނަމަ ކާވެނީގެ އަނގަމަތީގައި ހުރެފައި ބާދްޝާ ދޫކޮށްލާފައި ނުއެއް ފިލީސް."

"އޭނާ ފިލީތަ؟"

"އެޔަށް ކިޔަނީ ފިލުމޭ. ބާދްޝާގެ ދިރިއުޅުގެ ބައިވެރިއަކަށް ވުމުގެ ބަދަލުގައި ފަކުރުން ދުވެ ފިލީ."

"ތިޔަ ކަހަލަ ކިޔަވައިގެން ތިބޭ މީސްމީހުންގެ މަޅީގައި އަހަންނެއް ނުޖެހޭނެ. އެއްފަހަރު އޭނާޔާ އަހަންނާ ބައްދަލު ކުރުވައިދީ."

"މީގެ ހަތަރު މަހެއްހައި ދުވަސް ކުރިއާ ހަމައަށް އަހަރެން އޭނާ އުޅޭ ތަނެއް ދެނަހުރިން. އެކަމަކު އޭނާ ދިޔަ ތަނެއް މިހާރަކު ނޭނގޭ. މި ރަށް ދޫކޮށްލާފައި ދިޔައީ ކަމަށްވެސް ވެދާނެ."

ބާދްޝާ އިނގިލިން ބިމާ ދިމާއަށް އިޝާރާތް ކޮށްލިއެވެ. "އޭނާ މި ރަށުގައި އެބަ އުޅޭ. މިއަދު ހަވީރުވެސް އަހަރެން އޭނާ ދުށިން. އަހަންނަށް އޭނާ ރަނގަޅަށް ފާހަގަ ކުރެވުނު. އޭނާއަށްވެސް އަހަރެން ވަރަށް ރަނގަޅަށް އެނގުނު."

ރުޚްސާނާ ހައިރާންކަމާއި ބޭޔަގީންކަމުގެ ނަޒަރަކުން އޭނާޔާ ދިމާއަށް ބަލައިލިއެވެ. "އޭނާޔާ ބައްދަލުވިތަ؟"

"އާނ... އެކަހަލަ ބައްދަލުވުމަކަށް ދޭނޭ ނަމެއް އަހަންނަކަށް ނޭނގޭ. ބައްދަލުވާން އުޅެފައި ގެއްލުނީ. އެ ސަރަހައްދުގައި މީހުން ގިނަ ކަމުން އަހަންނަކަށް އޭނާޔާ ހަމައަކަށް ނުދެވުނު. އޭނާ އިނީ ރެކިސާއެއްގައި. އަހަރެން ބަލަން ހުއްޓާ އެ ރެކިސާ ގޮސް އޮބާލައިފި."

ރުޚްސާނާއަށް ބޭއިޚްތިޔާރުގައި ހަމަޖެހުމުގެ ނޭވައެއް ލެވުނެވެ. އޭނާއަށް ވީ ގޮތް ބާދްޝާ ފާހަގަ ކޮށްފާނެއޭ ހިތަށް އެރުމާއެކު ސަމާލު ވެލިއެވެ. "އޭނާ ބާދްޝާއާ ދުރަށް ދަނީ ކަމެއް ތިޔަ ކަމަކުންވެސް ނޭނގޭތަ؟ ބާދްޝާ ފެނުނީމާ އޭނާ ވާނީ މަޑުކުރާކަށްނު؟ ރެކިސާ މަޑުކުރުވާފައި އައިސް ބާދްޝާއާ ވާހަކަ ދައްކަން ވާނެނު؟ އެކަމަކު އޭނާ އެހެންނެއް ނުހެދި. ޖާނީ... ނިކަން ރަނގަޅަށް ވިސްނާލަބަލަ. ބާދްޝާ ދެކެ ހެޔޮ ހިތުން އިޚްލާސްތެރިކަމާއެކު ތެދުވެރި ލޯތްބެއް ވާނޭ މީހަކު މި ދުނިޔޭގައި ހުރިއްޔާ އެ މީހަކީ އަހަރެން."

"ތިޔަ ލޯބިވާ ވަރަށް އެހެން މީހަކު އަހަރެން ދެކެ ލޯބިނުވާނެ ކަމަށް އަހަރެން ގަބޫލު ކުރަން. އަހަންނަށް ބިރުން ފިލާ މަންޖެވެސް ތިޔަވަރަކަށް ލޯތްބެއް ނުވާނެ. އެކަމަކުވެސް އަހަރެން އޭނާޔާ އެއް ފަހަރު ބައްދަލު ކުރަން ބޭނުން. އަހަންނަށް މަކަރު ހެދީ ކީއްވެގެންތޯ އޭނާ ކުރެން އަހަން ބޭނުން. އެންމެ ބޮޑު މުސީބާތަކީ ހަގީގަތުގައި މަކަރު ހެދީ ކާކުކަން އަދިވެސް އަހަންނަށް ނުވިސްނޭތީ. ދެ ރުޚްސާނާވެސް އަހަންނަށް މަކަރު ހެދީތަ؟"

ރުޚްސާނާ ބުންޏެވެ. "އާނ. ހަގީގަތަކީ އެއީ. ދެ ފަރާތުންވެސް ބާދްޝާއަށް އޮޅުވައިލީ. އޭނާ ބާދްޝާއަކަށް އެއްވެސް ކަމެއް ނޭންގި. އޭގެ ފަހުން ވީ ހުރިހައި ކަމެއް މިއޮތީ ބާދްޝާގެ ކުރިމަތީގައި ފެންނާން."

"ސީދާ ތެދަށް ބުނެބަލަ. އެހެންވީ ކީއްވެގެން؟"

ރުޚްސާނާ އާދޭހުގެ ނަޒަރަކުން ބާދްޝާއާ ދިމާއަށް ބަލާން ފަށައިފިއެވެ. އޭނާ ބުނާ ކަހަލައެވެ. "ތިޔަ ސުވާލު ނުކުރާށެވެ. މި ގޭގެ ހަތަރު ފާރުން އެތެރެއަކީ އަހަރެމެންގެ ކުޑަކުޑަ ދުނިޔެއެވެ. އަހަރެން މިހިރީއެވެ. ބާދްޝާ ތިޔަހުރީއެވެ. އަހަރެމެން ދެމީހުންގެ ދަރިފުޅު މިއޮތީއެވެ. އަހަރެމެންގެ އަމިއްލަ ވާހަކަ ދައްކަމާ ހިނގާށެވެ. އަހަރެމެންގެ ތިން މީހުންގެ މެދަށް އެހެން އަންހެނަކު އައިސްގެން ނުވާނެއެވެ. ބުނާނީވެސް ކީކޭ ހެއްޔެވެ؟ އެ ރުޚްސާނާގެ ވާހަކަ ދައްކާ ކޮންމެ ފަހަރަކު އަހަރެންގެ އަގު ވައްޓައިލަނީއޭ ހިތަށް އަރައެވެ. އަހަރެންގެ ފިރިމީހާގެ ކުރިމަތީގައި އަހަރެން މިއީ މީހަކަށް ނުވަނީ ހެއްޔެވެ؟ އަހަރެން ހުއްޓައި އެހެން އަންހެނެއްގެ ޚިޔާލުން ސިކުނޑި ފުރާލައިގެން އުޅެނީ ކީއްވެގެން ހެއްޔެވެ؟ ﷲ އަށްޓަކައި ބުނަމެވެ. އަހަންނާ ތިޔަ ކަހަލަ ވާހަކަ ނުދައްކާށެވެ."

އޭނާ ހިމޭނުން އިންތަން ބަލަން ބާދްޝާ ހުއްޓެވެ. ޖަވާބެއްގެ އިންތިޒާރުގައެވެ. ޖަވާބެއް ނުލިބި އިރުކޮޅެއް ވީމާ އަހައިލިއެވެ. "ތިޔަ ވިސްނަނީ އަހަރެންގެ ވާހަކަ ކޮންމެވެސް ގޮތަކުން އޮއްބާލަންތަ؟"

"ނޫނޭ... އަހަރެން..."

ރުޚްސާނާގެ ވާހަކަ ނުފެށެނީސް ގޭގެ ދޮރުގައި މީހަކު ތަޅައިގަތް އަޑު އިވިއްޖެއެވެ. ދެން އިވުނީ ރުޚްސާނާގެ މަންމަގެ އަޑެވެ. "ދަރިފުޅާ... ދޮރު ހުޅުވަބަލަ... ދޮރު ހުޅުވަބަލަ. އެ ޖާނީގެ ދަރި... ނުބައި ނުލަފާ ލުއްޗާ ކަލޭގެ އަހަރެމެންނަށް ހެދި ގޮތް ނިކަން ދެކިބަލަ."

ބާދްޝާ ދޮރާ ދިމާއަށް ބަލައިލިއެވެ. "އޭތް ޚަބަރުދާރު. އަހަރެންގެ ދަރިއާ ދިމާއަށް އެއްވެސް އެއްޗެކޭ ނުކިޔާތި. ކަލޭމެންނަށް ޖެއްސި ހާލެއް ޖެއްސީ އަހަރެންގެ ދަރިއެއް ނޫން."

ރުޚްސާނާ ބުންޏެވެ. "ޖާނީ... ދޮރު ހުޅުވަބަލަ."

ބާދްޝާ އަތް ހޫރައިލިއެވެ. "ބައިތިއްބާ. އަހަރެމެން މިހާރު މި ދައްކަނީ ވަރަށް މުހިއްމު ވާހަކައެއް. މުސްކުޅި ދައިތަ އާއި ބޭބެގަނޑު މި ވަގުތު އައީ ކީއްކުރަން؟"

"ޖާނީ. ތިޔައީ ހުތުރު ވާހަކައެއްނު؟ އެއީ އަހަރެމެންގެ މައިންބަފައިން. ބޮޑެތި މީހުން. އެމީހުންނަށް އިހުތިރާމު ކުރަން ވާނެ. އަވަހަށް ގޮސް ދޮރު ހުޅުވާ."

"ސާފުކޮށް ބުނަންވީނު؟ މައިންބަފައިން އައީމާ އަހަރެންގެ ވާހަކަ އޮއްބާލަން ފުރުސަތު ލިބުނީނު؟ އަހަރެންގެ ފުށުން ސަލާމަތް ވެވިދާނެއޭ ހީވަނީތަ؟ އެއީ ވާނެ ކަމެއް ނޫން. ދެން އަހަރެން ހުރިހައި ހަގީގަތެއް އޮޅުން ފިލުވާނީ މައިންބަފައިންގެ ކުރިމަތީގައި."

އޭނާ ގޮސް ތަންޑު ނެއްޓުމަށް ފަހު ލަތްކަކާއެކު ދޮރު ހުޅުވައިލިއެވެ. ބާދްޝާ ދޮރު ހުޅުވާނެ ކަމަށް އެމީހުން އުއްމީދު ނުކުރާ ކަހަލައެވެ. އެމީހުން ތިބީ ވެފައިވާ ވަރުބަލިކަމާއެކު ދޮރުގައި ލެނގިލައިގެންނެވެ. ވުމާއެކު ހުޅުވާލި ދޮރާއެކު ދެމީހުން ކޮޓަރި ތެރެއަށް ވެއްޓިއްޖެއެވެ.

ރުޚްސާނާ ކަންބޮޑު ވެފައި އަހައިލިއެވެ. "ޖާނީ. ތިޔަ ކުރީ ކީއް؟"

ބާދްޝާ އެއް ފަރާތަކަށް ޖެހިލިއެވެ. "އެއީވެސް އަހަރެންގެ ކުށެއްތަ؟ ދެބޭފުޅުން ދޮރުގައި ލެނގިވަޑައިގެން އަވަހާރަފުޅު ލައްޕަވާފައި ތިއްބަވާނެކަން އަހަންނަށް އެނގޭނީ ކިހިނެއް؟"

ދެމީހުން ކުކުރަނީއެވެ. މަންމަ ތެދުވެ ބިންމަތީގައި އިށީނދެއްޖެއެވެ. "ދަރިފުޅާ. މި ސޮރު މިއަދު މަންމަމެން މަރައިފި. ޙައިދަރީ ސަރަހައްދާ އަރައިު ހަމަވެފައި ކާރު ހަލާކު ވެއްޖެއޭ ކިޔާފައި އަހަރެމެން ބާލައިގެން ކާރު ކޮއްޕުވީ. ކޮއްޕައިލުމާއެކު ކާރު އިސްޓާޓު ކޮށްގެން އަހަރެމެން އެތަނަށް ދޫކޮށްލާފައި އައީ. މި ކަލޭގެ އެހެން ހެދީ ކީއްވެގެންތޯ ދަރިފުޅު އަހާބަލަ. އަހަރެމެންނަށް ދިނީ ކޮން ކުށެއްގެ އަދަބެއްތޯ އަހާބަލަ."

ރުޚްސާނާގެ ލޮލުން ކަރުނަ ފާއްދާލައިފިއެވެ. އޭނާ ޝަކުވާގެ ނަޒަރަކުން ބާދްޝާއާ ދިމާއަށް ބަލައިލިއެވެ.

ބާދްޝާ ބުންޏެވެ. "އަހަންނާ ދިމާއަށް ތިޔަހެން ނުބަލާ. ހަވީރު އަހަރެން ދުށް ރުޚްސާނާ އެއީ ކާކުހެއްޔޭ އަހަރެން ބައްޕަ ގާތު އެހިން. އެއްގޮތަކަށްވެސް ޖަވާބެއް ނުދިން. މިއީ ކުޑަކުދިންނެއް ނޫން. ދުނިޔެ ދެކެފައި ތިބި ދެ މުސްކުޅިން. އެއްވެސް މީހަކަށް މަގު އޮޅުވައިލުމަކީ ކޮށްގެން ވާނެ ކަމެއް ނޫންކަން މި ދެމީހުން ވަރަށް ރަނގަޅަށް ދަންނާނެ. އެކަމަކު އަހަންނަށް މަގު އޮޅުވައިލީ. އެހެންވީމާ އަހަރެންވެސް މި ދެމީހުން މަގުމައްޗަށް ދޫކޮށްލީ. ރަނގަޅު ފިލާވަޅެއް ދިނުމަކީ ބޭނުން ކަމެއް. އަހަރެން ކުރި ކަމަކީ އެއީ."

ފަރީދު އަޙްމަދު އުނަގަނޑުގައި އަތް އަޅައިގެން ކޮޅަށް ތެދުވެއްޖެއެވެ. "ދަރިފުޅާ. ބައްޕަމެން މި އައީ ތިން މޭލަށް ހިނގާފައި. މިއީ އައު ސަރަހައްދަކަށް ވާތީ ބަހެއްވެސް އަދި އެހެން ދުއްވާ އެއްޗެއްވެސް ނުފެނުނު. ބޭނުން ނަމަ އެނބުރި ގެއަށް ދެވުނީސް. އެކަމަކު ބައްޕަމެންނަށް މިހެން ހަދާފައި އައިސް ދަރިފުޅަށް ހަދާނީ ކިހިނެއް ބާވައޭ ހިތައި ކަންބޮޑުވާތީ އައީ."

"މަންމާ. ބައްޕާ. މި ކޮޅަށް އައިސް އެނދުގައި އިށީނދޭ. ޖާނީގެ ފަރާތުން އަހަރެން މާފަށް އެދެން."

މަންމަ ތެދުވެއްޖެއެވެ. "ދަރިފުޅާ. ދަރިފުޅު މާފަށް އެދުނަކަސް މި ސޮރު ހަމަ މަގަކަށް ނޭޅޭނެ."

ބާދްޝާ ކުރިއަށް ޖެހިލިއެވެ. "ކުރިމަތީގައި ހުރި މީހާ ސީދާ މަގަށް އެނބުރޭނެއޭ ހީކުރަނީ ކީއްވެގެން؟ އެންމެ ފުރަތަމަ އަމިއްލަ ނަފުސާ މެދު ވިސްނާ. އަމިއްލައަށް ތިޔަ ތިބެނީ ނުބައި މަގުގައި. އަހަރެން ސީދާ މަގުން ހިނގާތަން ދެކެން ބޭނުމިއްޔާ އަހަރެންގެ ސުވާލަށް ސާފުކޮށް ޖަވާބުދީ. އަހަންނަށް މަކަރު ހެދީ ކީއްވެގެންކަން ބުނެދެވޭނެތަ؟ އަހަރެންގެ ރުޚްސާނާއަކީ ކާކުކަން ބުނެދެވޭނެތަ؟ މި ސުވާލުތަކުގެ ޖަވާބު ދީފައި ބަލަން ހުރޭ. ބާދްޝާ ޖާނީ ވަރުގެ ހެޔޮލަފާ ރަނގަޅު މީހަކު މި ދުނިޔެއަކުން ނުފެންނާނެ."

ރުޚްސާނާ ބުންޏެވެ. "ޖާނީ. އަނެއްކާވެސް ތިޔަ ދައްކަނީ ހަމަ އެއް ވާހަކައެއް. އެއީ ކޮންމެ މީހެއް ކަމުގައި ވިޔަސް އެ މީހަކު ޖާނީ ދެކެ ލޯތްބެއް ނުވެއޭ އަހަރެން ބުނެފީމެއްނު؟ އޭނާ ދެކޭ ގޮތުގައި ޖާނީއަކީ އޭނާޔާ އެކަށީގެންވާ ވަރަށްވުރެ މާ ނިކަމެތި މީހެއް. ޖާނީއަކީ އާދައިގެ ކުލީކާރު ދުއްވާ މީހެއް. އޭނާ ޖާނީއާ ނީނީ އެހެންވެގެން. ކާވެނީގެ ކުރިން އޭނާ ފިލައިފި. މަންމަޔާއި ބައްޕަ އަހަރެން ތައްޔާރު ކުރީ އެހެން ވެގެން. ޖާނީގެ އަނތްބަކަށް އަހަރެން ހެދީމާ މަންމަޔާއި ބައްޕައަށް މި ޖެހެނީ ގަނަތެޅެން. ޖާނީ ލަދު ގަންނާން ޖެހޭނެ. މާފަށް އެދެން ޖެހޭނެ."

"އަހަރެން އެއްހާސް ފަހަރުވެސް މާފަށް އެދިފާނަން. ބޮޑެތި މީހުން އެމީހުންގެ ދަރިން ހަލާކު ކުރަނީ ކީއްވެގެން؟ އަދަބު ކުޑަ ކުރާށާއި ވިޔާނުދާ ވާން މަޖުބޫރު ކުރަނީ ކީއްވެގެން؟ ރުޚްސާނާޔާ ބެހޭ ގޮތުން ތިޔަ ދައްކާ ވާހަކަތަކީ ތެދެއްކަން މި ދެމީހުން ޔަގީންކޮށް ދީފިއްޔާ ފަހަރެއްގައި އަހަރެން މާފަށް އެދިފާނަން."

މަންމަ ބުންޏެވެ. "އަހަރެންގެ ދަރިފުޅު އެ ދައްކަނީ ތެދު ވާހަކަ. އެ އަންހެންކުއްޖާ ކަލެޔާ އިންނާކަށް ބޭނުމެއް ނުވި. އޭނާ ދެކޭ ގޮތުގައި ކަލެޔަކީ އޭނާޔާ އަރައި އަރަފޯދިގެންވާ މީހެއް ނޫން. އަހަރެމެންގެ ދަރިފުޅު ކަލެޔާ ދެވިކަން އެއީ އަހަރެމެންގެ ހެޔޮކަން. މި ފެންނަނީ އެ ހެޔޮކަމުގެ ބަދަލު."

ބާދްޝާ ރުޅި އައިސްފައި ބުންޏެވެ. "ތިޔައީ ވިޔާނުދާ ބައެއް. މިހައިތަނަށް ތިޔަ އައީ އަހަންނަށް ދޮގު ހަދަމުން. އޮޅުވައިލަމުން. އަހަރެން މިއީ އޭނާޔާ އެކަށީގެން ނުވާ މީހެއް ކަމަށް އޭނާ ދެކޭނަމަ އަހަންނާ އެކީ ދެ ދުވަހު އުޅުނީ ކީއްވެގެން؟ އެންމެ ފަހުން އޭނާ އަހަރެން ގާތު ބުނީ ދެމީހުންގެ ބައްދަލުވުން ދުވަހަކުވެސް ނުނިމޭހައި ދުރަށް ތިމަން ގޮވައިގެން ހިނގާށޭ. އޭނާ އަހަންނާ ވަކި ވާކަށް ބޭނުމެއް ނޫން. ވަކިވާން ބޭނުން ނަމަ އެހައި ދިގު ބައްދަލުވުމަކަށް އެދެންވީ ކީއްވެގެން؟ އަހަންނާ ވަކިވީ ވަގުތު އޭނާ ރުއި. އަހަރެން މިއީ އާދައިގެ ކުލީކާރު ދުއްވާ މީހެއް ކަމަށް ހީކުރަންޏާ ރޯންވީ ކީއްވެގެން؟ އޭނާ އަހަރެން ދެކެ ރުޅި އަންނަ ނަމަ... އަހަރެން މޮޔަހެއްދީ ނަމަ... ލޮލުން އެ އައި ކަރުނައަކީ ކިހިނެއް ނެރުނު އެއްޗެއް؟ އެންމެ ފަހުގެ ބައްދަލުވުން ނިންމާލަން ބޭނުން ނުވީ ކީއްވެގެން؟ މި ސުވާލުތަކުގެ ޖަވާބެއް ކަލޭމެންނަކަށް ނުދެވޭނެ. ދޭކަށް ނުވެސް އެނގޭނެ. އަދިވެސް އަހަންނަށް ތިޔަ ހަދަނީ ދޮގު."

(ނުނިމޭ)

ނޯޓު: ދިމާވީ ސަބަބުތަކަކާހުރެ މި ވާހަކަ މާ ދޭތެރެ ދުރުކޮށް ގެނެސްދެވުނު ކަމަށްޓަކައި ކިޔުންތެރިންގެ އަރިހުން މާފަށް އެދެމެވެ. މީގެ ފަހުން އިރާދަކުރެއްވިއްޔާ އަވަސްއަވަހަށް ޝާއިއު ކުރަމުން ގެންދާނަމެވެ.

2 ޚިޔާލު

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.