އިންޑޮނޭޝިޔާގައި އަލިފާން ފަރުބަދައެއް ގޮވަން ފެށުމުން އެތައް ހާސް ބަޔަކު ރައްކާތެރި ހިސާބުތަކަށް

އިލީ ލެވޮޓޮލޮކް ފަރުބަދަ ގޮވައި އަލިފާން ފައިބަނީ

އިންޑޮނޭޝިޔާގެ އިރުމަތީގެ އަލިފާން ފަރުބަދައެއް ގޮވައި، އަޅިޔާއި ދިޔާވެފައިވާ ހިލާ އެތައްހާސް މީޓަރަކަށް އަރަން ފެށުމުން ފަރުބަދައިގެ ކައިރީގައި ދިރިއުޅޭ އެތައް ހާސް ބަޔަކު ރައްކާތެރި ހިސާބުތަކަށް ދަތުރުކުރަން ފަށައިފިއެވެ.

އިރުމަތީ ނުސާ ޓެންގާރާ ލެންބާޓާ ޖަޒިރާގައި ހުންނަ 1423 މީޓަރު އުސް އިލީ ލެވޮޓޮލޮކް ފާއިތުވި އާދީއްތަ ދުވަހު ގޮވަން ފަށާފައިވާއިރު އެ ފަރުބަދައިން ބޭރުވާ އަޅި ވަނީ 4 ހާސް މީޓަރު މައްޗަށް އަރާފައެވެ. އަދި ހޫނު އަޅިއާއި ދިޔާވެފައިވާ ހިލަ ވަނީ ފަރުބަދައިގެ ތިރިއަށް 3 ހާސް މީޓަރަށް ދަތުރުކޮށްފައެވެ.

ޑިޒާސްޓާ މިޓިގޭޝަން އެޖެންސީގެ ތަރުޖަމާނު ރަދިތުޔާ ޖާތީ ވިދާޅުވި ގޮތުގައި 28 އަވަށެއްގެ 2800 މީހުން ވަނީ އެހެން ހިސާބުތަކަށް ގޮސްފައެވެ. ޖާތީ ވިދާޅުވި ގޮތުގައި ކަމާ ބެހޭ ފަރާތްތަކުން ދަނީ އިތުރު 550 މީހަކު އެ ސަރަހަދުން ދުރަށް ގެންދިއުމަށް މަސައްކަތްކުރަމުންނެވެ.

ޓްރާންސްޕޯޓޭޝަން މިނިސްޓްރީން ވަނީ އަލިފާން ފަރުބަދަ ހިމެނޭ ސަރަހައްދުން މަތިންދާބޯޓުތައް ދަތުރުނުކުރުމަށް އަންގާފައެވެ. އަދި އެ ސަރަހައްދުގެ އެއާޕޯޓެއްވެސް ވަނީ ބަންދުކޮށްފައެވެ.

އިލި ލެވޮޓޮލޮކް ފަރުބަދައިން ގޮވާފާނެ ކަމުގެ އަސަރުތައް ފެންނަމުން ދަނީ އޮކްޓޯބަރު 2017 އިން ފެށިގެންނެވެ.

މީގެ އިތުރަށް އިރުމަތީ ޖާވާގައި ހުންނަ ސެމެރޫ އަލިފާންފަރުބަދަވެސް ވަނީ މިއަދުގެ ވަގުތެއްގައި ގޮވަން ފަށާފައެވެ. 3676 މީޓަރު އުސް އެފަރުބަދައިން އަރާ ހޫނު އަޅިއާއި ވިރިފައިވާ ހިލަ ވަނީ ފަރުބަދައިގެ 3000 މީޓަރު ތިރިއަށް ފައިބާފައެވެ. އެހެންކަމުން، އެ ފަރުބަދައިގެ ކައިރީގައި ދިރިއުޅޭ މީހުން މިހާރު ވަނީ އެހެން ސަރަހައްދުތަކަށް ދަތުރުކުރަން ފަށާފައެވެ.

އިންޑޮނޭޝިޔާއަކީ ދުނިޔޭގައި އަލިފާން ފަރުބަދަ އެންމެ ގިނަ ގައުމެވެ. އެގައުމުގައި މިހާރުވެސް ހަރަކާތްތެރި 120 އަލިފާން ފަރުބަދަ ހުރެއެވެ.

މުޙައްމަދު ޢަބްދުﷲ
މުޙައްމަދު ޢަބްދުﷲ އަކީ އާފަތިހަށް ލިޔުއްވާތާ އެތައް އަހަރެއް ވެފައިވާ ޢިލްމުވެރި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. ދީނީ ލިޔުމާއި ދުނިޔޭގެ ޚަބަރުތަކަށް އަރައިހުންނެވި ކުޅަދާނަ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.