އައްޒަގެ ދިރާސީ ބަސް: ސުވާދީބު ދައުލަތް އުފެދުމާ އެކު، ދިވެހި ސަރުކާރުގެ އަވަސް ފިޔަވަޅުތައް!

ސުވަދުންމަތީ ދިރާސާގެ ހޯދުންތައް ހުށަހަޅަމުން މިދަނީ ޚިޔާލީ ދެ ޝަޚުޞިއްޔަތު ކަމަށްވާ މާފައާއި ކަނބުލޮގެ ވާހަކަ ބޭނުންކޮށްގެންނެވެ. މީގެއިތުރުން، މި ދިރާސާގެ ބައިވެރިންގެ ބައެއް ބުނުންތަކާއި އަދި ތާރީޚީ ޞަފުހާތަކުން މި ލިޔުމަށް ބާރުދޭ އިތުރު ތަފުސީލުތައް ދިރާސީ ނޯޓްގެ ގޮތުގައި ހިމަނާލާފައިވާނެކަން ކިއުންތެރިންގެ މަޢުލޫމާތަށް ޓަކައި ދަންނަވަމެވެ. ދިރާސާގެ ބައިވެރިންގެ އަސްލު ނަމުގެ ބަދަލުގައި ބޭނުންކޮށްފައިވާނީ ޚިޔާލީ ނަންތަކެކެވެ. ދިވެހިންނާއި އިނގިރޭސިންގެ ތެރެއިން މި ހާދިސާގައި އިސްކޮށް އުޅުއްވި ބޭބޭފުޅުންގެ އަސްލު ނަންފުޅުތައް ނުވަތަ ނަންނަން ހިމަނާފައިވާނަމަ، އެއީ އެކި ފަތްފުށްތަކުގައި ޝާއިޢުކުރެވި، އާންމުކުރެވިފައިވާ ނަންފުޅުތަކެވެ. ނުވަތަ ނަންނަމެވެ. އެއްވެސް ހާލެއްގައި މިއިން ނަންފުޅެއް ނުވަތަ ނަމެއް ބޭނުންކޮށްފައިވަނީ، ދިރާސާވެރިޔާގެ ހައިސިއްޔަތުން، ވަކި ކަމެއް ވަކި ބޭފުޅެއްގެ އިސްތަށިފުޅުގައި ނުވަތަ ބޮލުގައި އަޅުވާކަށެއް ވެސް ނުމެ ނޫންމެއެވެ. އޭގެ ބަދަލުގައި އަޅުގަނޑުގެ މަޤުޞަދަކީ، ވީހާ ވެސް ތަފުސީލުކޮށް މި ހާދިސާ ހުށަހަޅައިދިނުމެވެ. އެހެންކަމުން ދިރާސާގެ ބައިވެރިން، ވާހަކަތައް ކިޔައިދިނުމުގައި ބޭނުންކޮށްފައިވާ ބަސްކޮށާރާއި ބަސްމަގު، އަސްލާ އެއްގޮތަށް ގެނެސް ދިނުމަށް ވަރަށް ބޮޑަށް އިސްކަންދީފައިވާނެ ވާހަކަ ވެސް މަޢުލޫމާތަށް ޓަކައި ދަންނަވަމެވެ. މިއީ އެތައް ބަޔެއްގެ އިހުސާސާ ގުޅިފައިވާ ޙަޤީޤީ ހާދިސާތަކެއް ގެނެސްދެވޭ ކޮލަމަކަށް ވާތީ މި ހާދިސާތަކުން އަސަރުކޮށްފައިވާ، ނަފުސާނީ ދުޅަހެޔޮކަން ނެތް މީހުން މި ލިޔުން ވިދާޅުވުމުގައި އެހެން ފަރާތެއްގެ އެހީތެރިކަން ހޯދުން ރަނގަޅުވާނެ ވާހަކަ ހަނދުމަފުޅުކޮށް އަރުވަމެވެ.

މިއަދުގެ ކޮލަމު މި ޚާއްޞަކުރަނީ، ސުވާދީބު ދައުލަތް އުފެދުނުކަން ދިވެހި ސަރުކާރަށް އެނގުމާ އެކު ދެން ދިވެހި ސަރުކާރުން ކަންކަން ކުރައްވަމުން ގެންދެވި ގޮތުގެ މައްޗަށެވެ. ޙަޤީޤަތަކީ، އިނގިރޭސިންނާއި ދިވެހި ދައުލަތާ ދެމެދު މައްސަލަ ޖެހެން ފެށީ ސުވާދީބު ދައުލަތެއް އުފެދިގެނެއް ނޫނެވެ. ނަމަވެސް، ސުވާދީބު ދައުލަތަކީ، އިނގިރޭސިންނާއި ދިވެހި ދައުލަތާ ދެމެދު ޖެހުނު ސިޔާސީ ކުނިޖެހުމެއްގެ ނަތީޖާއޭ ދެންނެވުމަކީ ދޮގަކަށް ނުވާނެއެވެ. އެހެނީ، އިބްރާހީމް ފާމުލަދޭރި ކިލެގެފާނު އިސްތިޢުފާ ދެއްވައި ބޮޑުވަޒީރުކަން ވެލާނާގޭ އިބްރާހީމް ނާސިރަށް ލިބިވަޑައިގަތީ ވެސް މި ސިޔާސީ ކޯޅުންތަކުގެ ތެރެއިންކަން މި ކޮލަމުގެ ކިޔުންތެރިންނަކަށް އޮޅިވަޑައިގެންފައެއް ނޯންނާނެއެވެ. މި ސިޔާސީ ކޯޅުމުގެ އަސްލަކީ، އައްޑު އަތޮޅު ގަން އިނގިރޭސިންނަށް ކުއްޔަށް ދެއްވުމަށް އިބްރާހީމް ފާމުލަދޭރި ކިލެގެފާނު ނުރަސްމީ ގޮތެއްގައި ސޮއިކުރެއްވި އިނީޝިއަލް އެގްރީމަންޓެވެ. އެ އެގްރީމަންޓް ދާއިމީ އެގްރީމަންޓަކަށް ބަދަލުކުރުމަށް ވަޒީރުންގެ މަޖިލީހާއި ރައްޔިތުންގެ މަޖިލީހުން ފާސްނުވުމެވެ. ނަމަވެސް އިނގިރޭސިން އޭރު އައްޑު އަތޮޅުގައި، މަސައްކަތް ފަށައިގެން ކުރިއަށް ދަނީއެވެ. އެ ހުރިހާ ކަމެއް ހުއްޓާލާފައި، ގަމުން ފައިބަން އިނގިރޭސިން ބޭނުންނުވުމުން ދެން ފެނުނީ، އައްޑު އަތޮޅުގައި ހަމަނުޖެހުންތަކެއް ހިންގުމަށް ފަހު، ދިވެހި ދައުލަތުގެ ދިދަ ބޭލި މަންޒަރެވެ. އެއަށްފަހު، ސުވާދީބު ދައުލަތް ވުޖޫދުވީއެވެ. މި ހަމަނުޖެހުން ހިނގާފައި ވަނީ 1 ޖަނަވަރީ 1959 ގައެވެ. އެހެނަސް، ސުވާދީބު ދައުލަތް އުފެދުނުކަން ދިވެހި ދައުލަތަށް، ރަސްމީކޮށް އެނގުނީ، 1959 ވަނަ އަހަރު މާރިޗު މަހުގެ 13 ވަނަ ދުވަހުގައެވެ. އެ ދުވަހު، ބީބީސީގެ ޚަބަރުގެ ފަލަ ސުރުޚީއެއްގެ ގޮތުގައި ފާހަގަކުރެވުނު އެއް ވާހަކައަކީ ދިވެހި ރާއްޖޭގެ ދެކުނުގެ ތިން އަތޮޅުގައި ވަކި ދައުލަތެއް އުފެއްދި ޚަބަރެވެ. ޝައްކެއް ނެތެވެ. ބީބީސީން ފޮނުވި މި ޚަބަރުން ދިވެހި ސަރުކާރު ސިއްސުވާލިއެވެ. ދިވެހިރާއްޖޭގެ ބައެއް ކީއްކުރަންތޯ އެންމެ ވެލިފުކެއް ވެސް ދިވެހި ދައުލަތުގެ ބާރުގެ ދަށުން ވަކިވާކަށް ދިވެހި ދައުލަތުން ބޭނުމެއް ނުވިއެވެ. މިއީ ވާނޭ ވެސް ގޮތްކަން ހަމަބުއްދި ހުރި ކޮންމެ އިންސާނަކުމެ ޤަބޫލުކުރާނެއެވެ. އެހެންނަމަވެސް، މިކަންކަން ހިނގަން މެދުވެރިވި ސަބަބަކީ ވެސް ދިވެހި ދައުލަތުން އެޅުއްވި ފިޔަވަޅުތަކާއި ކަންކަން ކުރެއްވި ގޮތްކަން ވެސް މި ކޮލަމުގެ ކިޔުންތެރިންނަށް އެނގިވަޑައިގަންނަވާނެއެވެ. ވީމާ، މި ސިޔާސީ ކޯޅުންތަކާ ގުޅިގެން، މާލޭގައި ހިނގަމުން ދިޔައީ ކޮންކޮން ކަންތައްތަކެއްކަން މި ކޮލަމުގެ ޚިޔާލީ ދެ ޝަޚުޞިއްޔަތުގެ ވާހަކައާ އެކު މިއަދުގެ ކޮލަމުގައި ހުށަހަޅާނަމެވެ.

ދޮންކަނބުލޮ: މާފާ! ސުވާދީބު ދައުލަތް އުފެދުމާ ގުޅިގެން މާލޭގައި ކަންކަން ކުރެވެމުން ދިޔަ ގޮތް ކިޔައިދޭނަމޭ މާފަ ބުނީމެއްނުން

މާފަ: ދޮންކަނބުލޯ! ތިޔަ ވާހަކަ ފަށަންވާނީ، ސުވާދީބު ދައުލަތް ފެށުނު ހިސާބުންނެއް ނޫން. އޭގެ ތަންކޮޅެއް ކުރިން... އޭރުން ކަނބުލޮއަށް ރަނގަޅަށް ވާހަކަތައް އޮޅުންފިލާނީ

ދޮންކަނބުލޮ: އެހެންތަ؟ އޭގެ ކުރިން ވެސް ވަރަށް ގިނަ ކަންކަން ހިނގާފައިވޭތަ؟

މާފަ: އާނ! މި ވާހަކަތައް ކުރިން ވާނީ ކޮންމެވެސް ވަރަކަށް ކިޔައި ވެސް ދެވިފައި.. ކަނބުލޮ ހަނދާންކޮށްލަ ބަލަ. އިބްރާހީމް ފާމުލަދޭރި ކިލެގެފާނު ބޮޑުވަޒީރުކަމުން އިސްތިޢުފާ ދެއްވި ގޮތް...

ދޮންކަނބުލޮ: މާފާ! (ވިސްނަން އިނދެފައި) އެއީ... އިނީޝިއަލް އެގްރީމަންޓު ދާއިމީ އެގްރީމަންޓަކަށް ބަދަލުކުރުމަށް ރައްޔިތުންގެ މަޖިލީހުން ފާސްނުވުމުން ދޯ؟

މާފަ: އާނ! ތިޔަކަންތައް ވެސް ވީ... އަދި އޭގެ އިތުރުން އިބްރާހީމް ނާސިރުގެ ލީޑަރުކަމުގެ ދަށުގައި އިހުތިޖާޖެއް ވެސް އޮތީ ފެށިފައި. އަދި އިބްރާހީމް ފާމުލަދޭރި ކިލެގެފާނުގެ ވެރިކަމަށް އިސްލާހުގެނައުމަށް ހަދަންފެންނަ ގޮތެއް ނިންމެވުމަށް ނެގި ކޮމެޓީއެއް ވެސް އޮތް. މި ކޮމެޓީން ނިންމެވީ ޞިއްޙީ ހާލުކޮޅު ހުރި ގޮތުން، އިސްތިޢުފާ ދެއްވަން އިބްރާހީމް ފާމުލަދޭރި ކިލެގެފާނަށް ދަންނަވަން.

ދިރާސީ ނޯޓު: "... މި ކޮމެޓީން ފެނުނު ގޮތަކީ، ސުމުއްވުލް އަމީރު އިބްރާހީމް ފާމުލަދޭރި ކިލެގެފާނު، ޞިއްޙީ ހާލުކޮޅު ހުރި ގޮތުން ރާއްޖޭގެ ބޮޑުވަޒީރުކަމުން އިސްތިޢުފާދެއްވުމަށެވެ" (ޢަބްދުލް ޙަކީމް ޙުސައިން މަނިކު، 1997، ޞ.118). މި ކޮމެޓީއަކީ، އިބްރާހީމް ފާމުލަދޭރި ކިލެގެފާނުގެ ސަރުކާރަށް އިސްލާހުގެނައުމަށް ހަދަން ފެންނަ ގޮތެއް ވިސްނާފައި ރަދުންނަށް ދެންނެވުމަށް ނެގުނު ކޮމެޓީއެކެވެ. ރަދުން، މި ނިންމުން އިބްރާހީމް ފާމުލަދޭރި ކިލެގެފާނަށް އެންގެވުމާ އެކު، އިސްތިޢުފާދެއްވީ ކަމަށް ވެސް ޢަބްދުލް ޙަކީމް ޙުސައިން މަނިކު ވިދާޅުވެއެވެ. އަދި މި އިސްތިޢުފާގެ ސިޓީފުޅުތައް ލިޔުއްވުމާއި ދެފަރާތަށް ފޯރުކޮށްދެއްވުމުގައި މަސައްކަތްކުރެއްވި އިބްރާހީމް ޝިހާބު (އޭރު އިބްރާހީމް ފާމުލަދޭރި ކިލެގެފާނުގެ ސެކްރެޓަރީ) އާ ހަވާލާ ދެއްވައި ޢަބްދުލް ޙަކީމް ޙުސައިން މަނިކު ވިދާޅުވަނީ، "އަޅުގަނޑު ހައިރާންވިއެވެ. ކިލެގެފާނަށްވީ ރާއްޖޭގެ ވެރިކަމުން ވަކިވެ ވަޑައިގަތުން އުފާފުޅަކަށެވެ" (ޞ.119).

ދޮންކަނބުލޮ: މާފާ! އެހެންވީމާ، އެއީ އަސްލު އިބްރާހީމް ފާމުލަދޭރި ކިލެގެފާނު އާލާސްކަންފުޅާ އުޅުއްވާތީއެއް ނޫންދޯ؟

މާފަ: ކަނބުލޯ! ޙަޤީޤަތް ޤަބޫލުކުރާ މީހަކު ވިއްޔާ ބުނާނީ ތިޔަހެން. އެކަމު އެމަނިކުފާނު ހަމަ އުފަލާއެކު އިސްތިޢުފާ ދެއްވީ... އޭރު ވެސް އިނގިރޭސިން ދިޔައީ ދިވެހިރާއްޖޭގައި އެބައިމީހުންގެ ފައި ހަރުކޮށްލެވޭނެ ގޮތެއް ހޯދަމުން... މިގޮތުން ހަދިޔާކުރައްވަން މަސައްކަތްކުރެއްވި ބާ އާގުބޯޓެއްގެ ވާހަކަ ވެސް ތާރީޚީ ޢިލްމުވެރިޔަކު ލިޔުއްވާފައިވޭ.

ދިރާސީ ނޯޓު: ޢަބްދުލް ޙަކީމް ޙުސައިން މަނިކު (1997) ވިދާޅުވާ ގޮތުގައި އިބްރާހީމް ފާމުލަދޭރި ކިލެގެފާނުގެ ބޮޑުވަޒީރުކަމުގައި އިނގިރޭސިން ދިވެހިރާއްޖެއަށް އާގުބޯޓެއް ހަދިޔާކުރުމަށް ގަސްތުކުރި ކަމަށާއި، މި ބޯޓު މާލެ އަންނަނިކޮށް އިންޖީނު ހުއްޓުނު ކަމަށް ވެސް ވިދާޅުވެއެވެ. އޭނާ އިތުރަށް ވިދާޅުވެފައިވާ ގޮތުގައި މި ބޯޓަށް ދީފައިވާ ނަމަކީ "އެމް ވީ އައިމިނާދީދީ" ކަމަށެވެ. "އައިމިނާދީދީ" އަކީ އިބްރާހީމް ފާމުލަދޭރިކިލެގެފާނުގެ އަނބިކަނބަލުންގެ ނަންފުޅެވެ. ނަމަވެސް މި ބޯޓު ބާކަމުން ބަލައިނުގަތީ ވެސް އިބްރާހީމް ނާސިރުގެ ލީޑަރުކަމުގެ ދަށުގައި އިތުރު ބޭފުޅުން ހިމެނޭ ކޮމެޓީއަކުން ކަމަށް ވެސް ވިދާޅުވެފައިވެއެވެ. މިފަދަ އެހީގެ ދަޅަތައް ދައްކައިގެން ވެސް އިނގިރޭސިންނަށް އެބައިމީހުންގެ އަސްލު މަޤުޞަދު ޙާޞިލުނުވިކަމަށް ވެސް އޭނާ ލިޔުއްވައެވެ. މީގެ މާނައަކީ، އެގްރީމަންޓް ދާއިމީކުރުމަށް ރަދުންގެ ސޮއެއް ނުލިބުނެވެ. ނަތީޖާއަކީ، އިނގިރޭސިން އައްޑު އަތޮޅުގައި ތިބުމުގެ ބޭނުމުގައި ސުވާދީބު ދައުލަތް އުފެއްދުމެވެ.

ދޮންކަނބުލޮ: ދެން އެހެންވީމާ، ފާމުލަދޭރި ކިލެގެފާނު އިސްތިޢުފާދެއްވުމުން ދެން ކިހިނެއްތަ ކަންތައް ވީ؟

މާފަ: ބޮޑުވަޒީރުކަން އިބްރާހީމް ނާސިރަށް ލިބިވަޑައިގަތީ... އިބްރާހީމް ފާމުލަދޭރި ކިލެގެފާނަށް "ޞާޙިބުއް ރިފްޢާ"ގެ ލަޤަބު އަރުވައި، އޭރު އޮތް މުސާރަފުޅުގައި ސަރުކާރުގެ އެންމެ މަތީ އެޑްވައިޒަރުކަމުގެ ޝަރަފުވެރިކަމާ އެކު، ކާރުކޮޅު ވެސް އޮތް ގޮތަށް އެ ކިލެގެފާނަށް އޮންނަ ގޮތަށް ރައްޔިތުންގެ މަޖިލީހުން ފާސްކުރެއްވީ... މިކަން ހުށަހެޅުއްވީ އިބްރާހީމް ނާސިރު ތާއީދުކުރެއްވީ އިބްރާހީމް ޝިހާބް..

ދޮންކަނބުލޮ: އެ ކިލެގެފާނަށް ހާދަ ރަނގަޅު ގޮތެއް.

މާފަ: އާނ! ކަނބުލޯ! މިކަމުން ވެސް ތިޔަ ކުދިން އެބަ ޖެހޭނުން ޢިބުރަތެއް ލިބިގަންނަން... މި ހުރިހާ މައްސަލައެއް ދިމާވާން މެދުވެރިވި ޙަޤީޤީ ސަބަބަކީ، އިބްރާހީމް ފާމުލަދޭރި ކިލެގެފާނު އިނީޝިއަލް އެގްރީމަންޓުގައި ކުރެއްވި ސޮއި... އެއީ ހެޔޮ ނިޔަތްޕުޅެއްގައި ކުރެއްވި ސޮޔަކަށް ވިޔަސް. އެއީ ތާ އަސްލަކީ...

ދޮންކަނބުލޮ: އެކަމަކު އެ ކިލެގެފާނަށް ޝަރަފާއި ޢިއްޒަތާއި މުސާރަފުޅާއި ކާރުކޮޅު ވެސް... ހަމަހިމޭންކަމާ އެކު އަރާމުގައި ދިރިއުޅުއްވީ.. މުޅި ޤައުމު ހަލަބޮލިކަމެއްގެ ތެރޭގައި...

މާފަ: އާނ! ކަނބުލޯ! އެކިލެގެފާނު... ހަތްދިހައިގެ އަހަރުތަކުގެ ކުރީކޮޅުގައި ނިޔާވީ... ނިޔާވި އިރު ވެސް ކާރުކޮޅު ބޭނުންނުކުރައްވާކަމަށް ވަނީ.

ދޮންކަނބުލޮ: ކީއްވެބާ؟

މާފަ: ކަނބުލޯ! އެ ކިލެގެފާނަކީ ޚުލްޤުފުޅު ހެޔޮ، އެހާ ހެޔޮލަފާ ވެސް ބޭފުޅެއް. އިނގިރޭސިންގެ ބަހަށް އެ އެގްރީމަންޓުގައި ސޮއިކުރެއްވިޔަސް ކިލެގެފާނަކީ ހަމަ ވަރަށް ރަނގަޅު ބޭފުޅެއް...

ދޮންކަނބުލޮ: އެހެންތަ؟ އިނގިރޭސިންނާ ހެދި ދޯ މި ހުރިހާ ކަމެއް ދިމާވީ؟

މާފަ: އިނގިރޭސިންނާއި ދިވެހި ދައުލަތާ އޮތް ހީނަރު ގުޅުން ރަނގަޅުކުރުމަށް ދެ ސަރުކާރުން ވެސް ދިޔައީ މަސައްކަތް ކުރައްވަމުން... އޭގެ ތެރެއިން އެއް ކަމެއް މޭޖަރ ފިލިޕް ފޮނުވާލެއްވުން ވެސް... ދިވެހި ސަރުކާރުގެ އެދިވަޑައިގަތުމަކަށް އިނގިރޭސި ސަރުކާރުން މިކަން ކުރެއްވީ...

ދިރާސީ ނޯޓު: ޢަބްދުލް ޙަކީމް ޙުސައިން މަނިކު (1997) ވިދާޅުވާ ގޮތުގައި މޭޖަރ ފިލިޕްއަކީ އިނގިރޭސި ސިޔާސަތުގެ "ޑިވައިޑް އެންޑް ރޫލް" މި އުސޫލަށް ހިންގުމުގެ ވެރިޔެކެވެ. އަލީ ފަހުމީ އަހުމަދު (2012) ވިޔަފާރި މިއަދު (24 މާރިޗް 1959) އާ ހަވާލާ ދެއްވައި ވިދާޅުވެފައިވާ ގޮތުގައި އައްޑޫ މައްސަލަ ހަމަޖެއްސެވުމަށް ދިވެހި ސަރުކާރުން ފޮނުއްވި ވަފުދުގެ ބޭފުޅުން ސިލޯނަށް ވަޑައިގެން އިނގިރޭސި ހައިކޮމިޝަނަށް ފޮނުއްވި ސިޓީގައި އައްޑު އަތޮޅުގައި ގަޑުބަޑު ހިންގުމުގައި އެންމެ ބޮޑަށް އެހީތެރިވެފައި ވަނީ މޭޖަރ ފިލިޕްކަމަށް ވިދާޅުވެ މޭޖަރ ފިލިޕް ރާއްޖެއިން ފޮނުވާލަދެއްވުމަށް ދަންނަވާފައިވެއެވެ. އަދި އުދަރެސް ނޫސް (11 ނޮވެންބަރު 1973) އާ ހަވާލާ ދެއްވައި އަލީ ފަހުމީ އަހުމަދު ވިދާޅުވެފައިވަނީ، ހަމަ އެ އަހަރު އެޕްރީލް މަސް ނިމުނު ދުވަހު މޭޖަރ ފިލިޕް ފުރުއްވުމާ ގުޅިގެން އޭނާގެ ބަދަލުގައި، މެއި މަހުގެ 1 ވަނަ ދުވަހު އާތިންގތަން ޑޭވީ އައްޑުއަށް ވަޑައިގެންނެވި ކަމަށެވެ. އޭނާ އިތުރަށް ވިދާޅުވަނީ ފަހުން ޑޭވީ ހުންނެވި ދިވެހިރާއްޖޭގައި ހުންނަވާ އިނގިރޭސި ސަފީރުގެ ގޮތުގައި މާލެ އަތޮޅު ދޫނިދޫގައި ކަމަށެވެ.

މި ދިރާސާގައި އައްޑު އަތޮޅުން ބައިވެރިވި ގިނަ ބައިވެރިންގެ ބަސްދީގަތުންތަކުން ފާހަގަކުރެވުނު ގޮތުގައި ސުވާދީބު ދައުލަތް އުފެދުމުގައި މޭޖަރ ފިލިޕްގެ ރޭވުންތެރި ވިސްނުން ވަރަށް މުހިންމު ދައުރެއް އަދާކޮށްފައިވެއެވެ.

ދޮންކަނބުލޮ: މާފަ ދެން ކޮންކަމެއްތަ؟

މާފަ: ދެން އެދުވަސްވަރުގެ މާލޭގައި ހިނގި ފާހަގަކޮށްލެވޭ އެއް ކަމަކީ، ޑޭވީ މޫދަށް ލާން މާލޭ އަންހެނުން ދޯނިދޯނީގައި ފުރައިގެން ދޫނިދުއަށް ދިއުން

ދޮންކަނބުލޮ: އެހެންތަ؟ މާފާ. އަންހެނުންވެސް ވަރަށް ކަންތައް ކުރޭދޯ އޭރުވެސް؟

ދިރާސީ ނޯޓު: ޢަބްދުލް ޙަކީމް ޙުސައިން މަނިކު (1997) ވިދާޅުވާ ގޮތުގައި "މުޒާހަރާ ކުރަމުން ދިޔަ ދުވަސްވަރު އެއް ދުވަހަކު ފެނުނީ ދިވެހި އަންހެނުންގެ މާ ގިނަ ބަޔަކު ދޯނިތަކެއްގައި ފުރައިގެން ދޫނިދުއަށް ދަތުރު ފެށި ތަނެވެ. މި ކަނބަލުންގެ ބޭނުމަކީ އާތިންގތަން ޑޭވީ މޫދަށް ލުމެވެ" (ޞ.121). އޭނާ އިތުރަށް ތަފުސީލު ދެއްވަމުން ވިދާޅުވެފައި ވަނީ މިކަންތައް ވެސް ކުރެއްވީ ނާސިރުގެ އިރުޝާދުގެ ދަށުން އިބްރާހީމްމަނިކު ދޮންމަނިކު މ.އެންދެރިމާގެ ކަމުގައެވެ. މި ފަތްފުށްތަކުން އެނގޭ ގޮތުގައި މާލޭގައި އިނގިރޭސިންނާ ދެކޮޅަށް ހިނގި ހުރިހާ ކަމެއްގައިމެ، ބޮޑުވަޒީރު އިބްރާހީމް ނާސިރު އިރުޝާދު ދެއްވާފައިވެއެވެ. މިހިނިގި ހުރިހާ ކަމެއް ވަރަށް ރަނގަޅަށް ދިރާސާގެ ބައިވެރިޔަކު ސިފަކޮށްފައިވެއެވެ. "އަޅުގަނޑުމެންނަކީ ކުޑަކުޑަ ބައެއް. ވަށްވަށް ޖެހުން ކަހަލަ ކަމެއް މީ. އޭގެ މިސާލަކަށް ކަމެއް ދަންނަވާފާނަން. ދިވެހި ސަރުކާރުން ވަފުދެއް ވަޑައިގެންނެވި އައްޑުއަތޮޅުގެ މީހުންނާ ވާހަކަ ދައްކަން. ޝިހާބާ މިކަހަލަ  ބޭފުޅުން ކޮޅެއް ވަޑައިގެންނެވި. ދިޔައިމާ ކުރިކަމަކީ އަންހެނުން އިލޮށިފަތިތަކާ އެއްޗެހި ހިފައިގެން މުޒާހަރާކުރީ ވަޑައިގެންނެވި ބޭފުޅުންނާ ދެކޮޅަށް. އަރާތާ ތިބީ... ދިވެހި އަންހެނުން ހިތްވަރު ނެތެކޭ ނޫން. މިކަހަލަ މުޒާހަރާކުރަން ނޭނގޭނެދެއްތޯ. މި މީހުން މިއައީ އިލޮށިފަތި ހިފައިގެން ރަށްރަށު މީހުން. ދެން އެހެން ހެދީމާ މާލޭ އަންހެނުން ނުކުތީ ޑޭވީ ބާލާށޭ ކިޔާފައި ދޫނިދުއަށް. ޑޭވީ ހުންނަނީ ދޫނިދޫގައި. މާލޭ ހުރިހާ އަންހެންވެރިން މިދިޔައީ އެތަނަށް.  މިއަދު މިދިޔައީ، އަނެއް ދުވަހު އަތުވެއްޖެ މަނަވަރެއް. މަނަވަރު އައިސް މިއޮންނަނީ ދޫނިދޫ ބޭރުގައި ޑޭވީ ހިމާޔަތްކޮށްދޭން" (އަދަމްބެ (އަސްލު ނަމެއް ނޫން)، މާލެ). ވީމާ، މި މިއިން އެނގެނީ، އައްޑު އަތޮޅުގެ އަންހެނުންނަށް ދޫނުކުރާކަން މާލޭގެ އަންހެނުން ވެސް އިނގިރޭސިނަންށަ އަންގައިދިންކަމެވެ.

މާފަ: ކަނބުލޯ އެނގޭތަ؟ ސިހުރު ހަދައި ދުންމުޖުމަރާ ހިފައިގެން ދޫނިދޫގެ ވަށައިގެންނާއި ދޫނިދޫ ކައިރީގައި އޮތް އިނގިރޭސި މަނަވަރު އެޗް.އެމް.އެސް ގެންބިއާގެ ވަށައިގެން ކިޔެވެލިތައް ކިޔެވިކަމަށް ވެސްވޭ...

ދޮންކަނބުލޮ: އެއީ އިނގިރޭސިން ބިރުގަންނުވަންދޯ މާފާ؟

މާފަ: (ހީނލާފައި) ތިޔަހެން ވެސް ވެދާނެ... އެއީ ވެސް އައްޑޫ މައްސަލައަށް ހައްލެއް ހޯދަން އައި މަނަވަރެއް... އެކަމަކު ފުރަންޖެހުނީ އެއްވެސް ކާމިޔާބެއް ނުލިބި..

ދިރާސީ ނޯޓު: ޢަބްދުލް ޙަކީމް ޙުސައިން މަނިކު (1997) ވިދާޅުވަނީ "ކޮންމެއަކަސް ފެންނާންފެށީ ކަޅު ހެދުމެއް އަޅައިގެން ތިބޭ ބަޔަކު މެންދުރު ނަމާދުން ފައިބާއިރު ދުންމުޖުމަރާއެއް ހިފައިގެން ގޮސް، އެޗް.އެމް.އެސް ގެމްބިއާ ވާށައިޖަހާފައި އަދި ދޫނިދޫ ވަށާއިޖަހާފައި މާލެ އަންނަ ތަނެވެ" (ޞ.121). އޭނާ އިތުރަށް ވިދާޅުވާ ގޮތުގައި މި މީހުން މަނަވަރުގެ ވަށައިގެން ދާއިރު، މަނަވަރަށް ދުންމުޖުމަރާގެ ދުން ބުރައެވެ. އަދި މިކަން ކުރީ ކުޑަހުއްތު މުހައްމަދުދީދީގެ އިމާމުކަމުގެ ދަށުނެވެ. އޭނާގެ އަތްދަށުން ކިޔަވަން އިތުރު މީހުން ތިބޭކަމަށް ވެސް ވެއެވެ. މި މަނަވަރު ނަވާރަ ދުވަހު އޮތުމަށް ފަހު، ސިހުރު ހަދަން ފެށިތާ ހައެއްކަ ދުވަސްތެރޭގައި އެއްވެސް ކާމިޔާބެއް ނުލިބި ފުރީކަމަށް ވެސް ޢަބްދުލް ޙަކީމް ޙުސައިން މަނިކު ވިދާޅުވެއެވެ. މިއިން އެނގޭ އެއް ކަމަކީ، މިކަމުގެ ތެރޭގައި ސިހުރުހާހޫރައިގެ ބޭނުން ވެސް ކުރި ކަމެވެ.

ދޮންކަނބުލޮ: މާފާ! ހާދަ ކަމެކޭ ދޯ މާލޭގައި އޭރު ކުރަމުން ދިޔައީ؟

މާފަ: (ހީނލަމުން)... އާނ ކަނބުލޯ! މާޖަ ކަންކަން ވެސް ކޮށްފައިވޭ... އެނގޭތަ މި ބުނި މަނަވަރު ދޫނިދޫ ފަޅުގައި އޮތް އިރު، މާފަންނު ކަނޑުތޮށި މަތީގައި ބޮޑު މަނަވަރެއް ހަދާފައި އޮވޭ...

ދޮންކަނބުލޮ: އެއީ ކީއްކުރަން މާފާ؟

މާފަ: އާނ! މަޖާ ކަމެކޭ.... އިނގިރޭސިންގެ މަނަވަރު އެނބުރޭ ކޮންމެ ކޮޅަކަށް އެ މަނަވަރު އެނބުރޭ... ފަހުން އިނގިރޭސީންގެ މަނަވަރުތައް ދޫނިދޫއަށް އަންނަން ފެށުމުން އެ ބަދަލުވާ ކޮންމެ މަނަވަރެއްގެ ސިފަޔާ އެއްގޮތަށް މި ބުނި މަނަވަރުގެ ސިފަ ވެސް ބަދަލުކުރޭ...

ދިރާސީ ނޯޓު: ޢަބުދްލަ ޙަކީމް ހުސައިން މަނިކު (1997) ވިދާޅުވަނީ، މާލޭ މާފަންނު ތޮށިގަނޑުމަތީގައި ހަދާފައި އޮތް މަނަވަރުގެ ސިފަ، އިނގިރޭސިންގެ މަނަވަރުތަކާ އެއްގޮތަށް ބަދަލުކުރުމާއި، މި މަނަވަރު، އިނގިރޭސީންގެ މަނަވަރާ އެއްގޮތަށް ކޮޅުކޮޅަށް އެނބުރުން ފަދަ ކަންކަމަކީ ވެސް އިބްރާހީމް ނާސިރުގެ ސިޔާސީ ހިކުމަތު ޢަމީލީ ކަމަށެވެ. އޭނާ އިތުރަށް ބަޔާންކުރައްވަނީ، ދިވެހިން މިނިވަންކަން ހޯދީ ހަމައެކަނި މޭޒު ދޮށުގައި ތިބެގެން ގަލަމާއި ބުއްދިން ކަމަށް، ޢަލީ އަޙުމަދު ލިޔުއްވިޔަސް އެއީ ޙަޤީޤަތާ ޚިލާފު ވާހަކައެއް ކަމަށެވެ. އެހެންކަމުން މި ބުނުމުން ދެހަވަނީ، އިނގިރޭސިންނަށް ދޫ ނުދެއްވައި، ޢަމަލީ ގޮތުން އެތައް ކަމެއް އޭރު ކުރެވުނުކަމެވެ.

މި ދެންނެވި މަނަވަރުގެ ވާހަކަ ދިރާސާގެ ބައިވެރިޔަކު ވެސް ސިފަކޮށްދީފައިވެއެވެ. "ދެން އަޅުގަނޑުމެން ކުރި ކަމަކީ ގޯނީގައި އުވަލައިގެން މަނަވަރެއް ހެދީ. ހަދާފައި މިހާރު ކަސްޓަމްސް ހުރި ދިމާގައި ބޭއްވީ. އެއީ ދޫނިދޫ ބޭރުގައި އޮތް މަނަވަރަށް ޖެއްސުން ކުރަންވެގެން. ސިލްވަރކްލައުޑްގައި އޭތި ހެދީ. މިހާރު ވެސް ދުނިޔޭގައި އެބަ ހުންނެވި ސަރުދާރު ދޮންމަނިކު.  މިއީ އެކަމުގައި ބައިވެރިވެ އަޅުގަނޑުމެންނަށް އެހީވި މީހެއް. އޭގެފަހުން އިނގިރޭސިންގެ މަނަވަރަށް އެޗް.އެމް.އެސް ބްލެކް ޕޫލް ކިޔާ. އަޅުގަނޑުމެން ބޭއްވި މަނަވަރަށް މިކިޔަނީ އެޗް.އެމް.އެސް. ވައިޓް ފޫލް. މީ ކުޑަކުޑަ ކުދިންތަކެއް ބޮޑެތި މީހަކާ ސަމާސާކުރާހެން ކުރާކަންކަން މީ" (އާދަމް (އަސްލު ނަމެއް ނޫން)، މާލެ). ވީމާ، މިކަންކަމުން ހާމަވަނީ، އިނގިރޭސިންނާ ދެކޮޅަށް އެރު ކުރެވެން ހުރި ހުރިހާ ކަމެއް ދިވެހި ސަރުކާރާއި މާލޭގެ ޒުވާނުން ގުޅިގެން ކުރަމުން ދިޔަކަމެވެ.

މާފަ: އާނ! ކަނބުލޯ މިއީ ހައްތަހާ ވެސް ރޭވިގެން ހިނގަމުން ދިޔަ ކަންކަން... ނާސިރު ހުރިހާ ކަމެއްގައި ވެސް މޭސްތިރިޔަކަށް ހުންނެވީ... ޑޭވީ މާލެ ވަޑައިގެންނެވި ދުވަހެއްގައި ދިވެހި ޒުވާނުންގެ ބައިސްކަލުތަކެއްގައި ޑޭވީއަށް ދުއްތުރާ ކުރި ކަމަށް ވެސް ވޭ

ދޮންކަނބުލޮ: އެހެންވީމާ ޑޭވީ އުޅުއްވާނީ ވަރަށް ދަތި ހާލުކޮޅެއްގައި ދޯ؟

ދިރާސީ ނޯޓު: ޢަބްދުލް ޙަކީމް ޙުސައިން މަނިކު (1997) ވިދާޅުވާ ގޮތުގައި "ޑޭވީ މާލެވަޑައިގަތީމާ ވެސް ބޮޑުފާލަމުން ފެށިގެން އަތިރީ މާފަންނުގެއާ ހަމައަށް ވަޑައިގެންނެވުނީ ދެ ގަޑިއިރަށް ވުރެ ވެސް ގިނަ އިރުންނެވެ" (ޞ121). މިކަން ވީ ގޮތަކީ ޒުވާނުންތައް ބައިސްކަލުތަކުގައި ޑޭވީއަށް ހުރަސްއަޅަން ނުކުމެ، އެމަނިކުފާނުގެ ކުރި ބައްދަނީއެވެ. ދެން ސިފައިން އެ މަނިކުފާނު ހިމާޔަތްކުރަނީއެވެ. މިފަދަ އެތައް ދުއްތުރާލެއް އެމަނިކުފާނަށް ލިބިވަޑައިގެންނެވި ކަމަށް ޢަބްދުލް ޙަކީމް ޙުސައިން މަނިކު ވިދާޅުވެއެވެ. މިބީދައިން އޭނާ އިތުރަށް ވިދާޅުވަނީ މީގެ ތެރެއިން އެއްދުވަހަކު ނާސިރުގެ އެންމެ ބޮޑު އެހީތެރި ވަފާތެރި ޚާދިމު، ޑޭވީގެ ލޯންޗުކޮޅަށް ވަރަށް ހަޑިމުޑުދާރު ފެންބާލިދީއެއް އޮއްސާލި ކަމަށެވެ. ޑޭވީގެ ވާހަކަތައް ކިޔައިދެމުން ދިރާސާގެ ބައިވެރިޔަކު ބުނެފައިވަނީ "އަދި އަޅުގަނޑުމެން ޑޭވީ ކުރަހައިގެން ޑޭވީގޮތަށް ހަދާފައި ގުޑިއެއް ގޮތަށް ހަދައިގެން ތެލަނގަ އެއްލައިގެން ޑޭވީ އެއްލަނީ. އެވަރުގެ ކަންތައް އަޅުގަނޑުމެން ކުރީމޭ. އަނެއްކޮޅުން އިނގިރޭސިން އަޅުގަނޑުމެންނަށް ދަތިކުރަން ކަންތައްތައް ކުރި" (އާދަމާބެ (އަސްލު ނަމެއް ނޫން)، މާލެ).

މާފަ: (ބޯޖަހާލަމުން) އާނ! އަދި ބުނަން ޑޭވީއަށް އެންމެ ބޮޑު ދައްޗަކަށް ވީ ކަމަކީ، ކާއެއްޗެހި ލިބުން ދަތިވުން

ދޮންކަނބުލޮ: ކީއްވެ މާފާ؟

މާފަ: އޭރު ދޫނިދުއަށް ކާއެއްޗެހި ގެންނަނީ މަތިންދާ ބޯޓުގައި... ހުޅުލެއަށް ބޯޓުތައް ޖައްސާނީ...

ދޮންކަނބުލޮ:  އޭރު ވެސް ހުޅުލޭގައި އެއަރޕޯޓެއް ހަދައިފިތަ؟

މާފަ: ނޫނޭ...! އެއީ ދަގަނޑު ފިލައިން ހަދާފައިވާ ކުޑަކުޑަ ރަންވޭއެއް... އެތަނަށް އިނގިރޭސިންގެ ރޯޔަލް އެއަރ ފޯސްގެ މަތިންދާ ބޯޓުތައް ޖައްސާނެ... ފަހުން ވީ ގޮތަކީ... އެތަން ވެސް ހާލާކުކޮށްލީ... ބޯޓެއް ނުޖެއްސޭ ވަރަށް... އެތަންމިތަނުން ދަގަނޑު ފިލާތައް ނައްޓައި... އެ ތަނުގައި ބޮޑެތި ގަހާއި ރުއް އިންދީ.. ދެން އެހެންވީމާ... ކާއެއްޗެހި ގެނައުން ދަތިވާނެތާ..

ދޮންކަނބުލޮ: އެހެންދޯ؟

މާފަ: އާނ! މިއަދު އަދި ވަރަށް މުހިންމު ސިޓީއެއްގެ ވާހަކަ ކިޔައިދޭން އެބަ އޮތް...

ދޮންކަނބުލޮ: އިނގިރޭސިންގެ ސިޓީއެއްތަ؟

މާފަ: ނޫނޭ... ދިވެހި ސަރުކާރުން ދެކުނުގެ ތިން އަތޮޅަށް ފޮނުއްވި ސިޓީއެއް... މިސިޓީ ކިޔާލާފައި މިއަދުގެ ވާހަކަ ނިންމާލާނީދޯ...

ދޮންކަނބުލޮ: އެންމެ ރަނގަޅު މާފާ! ދެން ސިޓީ ކިޔާނީ...

ދިރާސީ ނޯޓު: ޢަލީ ޙުސައިނު (2014) ވިދާޅުވާ ގޮތުގައި ދެކުނުގެ ތިން އަތޮޅުގެ ރައްޔިތުންނަށް ނަސޭހަތް ދެއްވުމަށް ޓަކައި ފުރަތަމަ ނަސޭހަތުގެ ސިޓީއެއް ޗާޕުކުރައްވައި، މި ތިން އަތޮޅަށް ފޮނުއްވި ހަނޑޫ ބަސްތާތަކުގެ ތެރެއަށް އަޅާފައި ރަށްރަށަށް ފޮނުއްވީއެވެ. އޭނާ އިތުރަށް ވިދާޅުވެފައިވާ ގޮތުގައި އޭރު އެ ތިން އަތޮޅުން ވެސް ވަނީ ކާޑު ހުސްވެފައެވެ. މި ނަސޭހަތުގެ ސިޓީ (ޢަލީ ޙުސައިން، 2014 ޞ.82-84) ގައި ވާގޮތަށް ތީރިގައި އެވަނީ ނަކަލު ކޮށްފައެވެ. އޭނާ ވިދާޅުވާ ގޮތުގައި ފޮތުގައި ހިމަނާފައިވަނީ ހުވަދު އަތޮޅުގެ ސިޓީއެވެ. މި ސިޓީ އަނެއް ދެ އަތޮޅަށް ވެސް ފޮނުވީ ހަމައެކަނި މަތީ ފޮޅުވަތް ބަދަލުކުރައްވާފައިކަމަށް ވެސް ވިދާޅުވެއެވެ.


އަލްޙަމްދުލިއްލާހި ވަޙުދާ

ވުޒާރަތުއް ދާޚިލިއްޔާ

       މާލެ، ދިވެހިރާއްޖެ.

ދިވެހި ދައުލަތުގެ ފަރާތުން ހުވަދު އަތޮޅުގެ ކޮންމެ ފިރިހެނަކާއި އަންހެނަކަށް ސަލާމަށްފަހު އަންގަމެވެ. ތި އަތޮޅުގެ މީސްތަކުންކުރެ، އަމިއްލަ އެދުމުގެ މައްޗަށް ބުރަވެގެންތިބި ބަޔަކު ދައުލަތާ ދެކޮޅުހަދައި ދިވެހިރާއްޖޭގެ ތާރީޚު ނުދެކޭ ފަދަ ބަޣާވާތް ކޮށްފިކަމީ އެނގިފާޅުވެގެންވާ ކަމެކެވެ. ކަން އެހެން ހިނގުމާއެކު ދައުލަތުގެ ފަރާތުން ތިޔަ އެންމެ ކަލުންނަށާއި ކަނބަލުންނަށް ނަޞޭޙަތްތެރިވުމުގެ ގޮތުން އަންގަމެވެ.

އަހުރެމެންގެ ދިވެހިރާއްޖެއަކީ، ފެށުނީއްސުރެ އެއް ދީނެއްގައި އޮންނަ އެއް ދައުލަތެއްގެ ވެރިކަމެއް ހިނގާ އެއް މަޒުހަބަކަށް ބޯލަނބައިގެން ތިބޭ އެކުވެރި ބަޔަކީމުއެވެ. ޞުލްޙަވެރިކަމާއި އަމަންއަމާންކަމަށް ލޯބިކުރާ ބަޔަކީމުއެވެ. މިފަދަ ގޮތެއްގައި ރާއްޖެ ހިނގަމުން އަންނަނިކޮށް އައްޑު އަތޮޅު ގަމަށް އިނގިރޭސީން ފޭބުމުގެ ނަތީޖާއެއްގެ ގޮތުން ތިޔަ އަތޮޅުގައި ދެކޮޅުވެރިކަމުގެ ރޫޙެއް ފިތުނަވެރިންގެ ބަޔަކު އުފެއްދުވިކަމީ، އެކަމުގެ މައްޗަށް ތެދުވެރިކަމާއެކު ތިޔަބައިމީހުން ވިސްނާންވީ މައްސަލައެކެވެ.

ދިވެހި ދައުލަތާ ދެކޮޅަށް އިސްވެ ބަސްކިޔާން އެހުރި ޢަބްދުﷲ ޢަފީފަކީ، މިދިޔަ ހަނގުރާމައިގައި އައްޑުއަށް އިނގިރޭސީން ފޭބި ދުވަސްވަރު ވެސް ކޮންފަދަ ގޮތަކަށް އުޅުނު މީހެއްކަން ތިޔަބައިމީހުން ހަނދާންކުރާށެވެ.

ނިކަން ވިސްނާބަލާށެވެ. ދިވެހި ދައުލަތުގެ ތެރެއިން ވަކިވެ އަލުން ދައުލަތެއް އުފެއްދުމުގެ މޮޔަ ޚިޔާލުކުރުމަށް ބޭނުންވާ ސަބަބަކީ ކޮބައިހެއްޔެވެ؟ ތިޔަބައިމީހުން އެދުނު އެއްވެސް އެދުމެއް ދައުލަތުން ފުއްދައި ނުދީ އެބަ އޮތް ހެއްޔެވެ؟ ތިޔަ ގެންނަން އުޅޭ އިންގިލާބަކުން އާންމު ރައްޔިތުނަށް ކުރި އެއްވެސް ފައިދާއެއް އެބަ އޮތް ހެއްޔެވެ؟

ޝައްކެއްނެތެވެ. ދިވެހި ދައުލަތް އޭރު ވެސް އަދި މިހާރު ވެސް އޮތީ ރައްޔިތުން އެދޭ އެދުންތައް ޤަބޫލުކޮށް، އެބައި މީހުންނަށް ފައިދާ ހުރި ގޮތްތައް ހޯދައިދިނުމަށް ތައްޔާރަށެވެ.

އަލަށް ދައުލަތެއް އުފައްދައި ހަމަޖައްސައި ހިންގުމަކީ، މި ޒަމާނުގައި ދުނިޔެ އޮންނަ ގޮތުން ވަރަށް ވެސް ފަސޭހަކަމެކޭ ހީކުރުމަށްވުރެ ވަކީން މޮޔަ ޚިޔާލެއް ނޯންނާނެއެވެ. އެކަން އެ ދަޢުވާކުރާ މީހުންނަށް ވެސް މިހާރު ދާނީ އެނގެމުންނެވެ. އާނއެކެވެ! އެބައިމީހުން އާ ދައުލަތެއް އުފެއްދި ކަމަށް ކުރި މޮޔަ ދަޢުވާ ދުނިޔޭގެ އެއްވެސް ދައުލަތެއް ޤަބޫލެއް ނުކުރިއެއް ނޫންހެއްޔެވެ؟ ނުކުރިއެވެ. އަދި ނުވެސް ކުރާނެއެވެ. މިހެނީ، ޚާއްޞަކޮށް ސިލޯނު، އިންޑިއާ، ބަރުމާ ފަދަ ދައުލަތްތައް ވަނީ، ވަރުގަދައަކަށް ދިވެހި ދައުލަތާއެކުގައެވެ. އެއިން އެއްވެސް ދައުލަތަކުން ދިވެހި ދައުލަތުގެ ހުއްދައެއް ނެތި އެއްވެސް ކަހަލަ މުދަލެއް ތިޔައިން އެއްވެސް އަތޮޅަކަށް ބޭރެއް ނުވެސްކުރާނެއެވެ. މިހިރަ ކަންކަމުގެ މައްޗަށް ވިސްނާ ހޭއަރާށެވެ. ދަންނަބޭކަލުންގެ ނަމުގައި ތިޔަ އަތޮޅުގައި އުޅޭ ބައެއް މީހުން، ވައްހާބީ މަޒުހަބު ފެތުރުމަށް އެކުރާ މަސައްކަތްތަކާ މެދު ވެސް ވިސްނާށެވެ.

ދިވެހި ދައުލަތުގެ ފަރާތުން ނަޞޭޙަތްތެރިވެ އަންގަމެވެ. ދިވެހި ދައުލަތް އޮތީ، ތިޔަ އަތޮޅަށް ހުރިހާ ގޮތަކުންމެ ފުރިހަމައަށް އެހީވާށެވެ. ތިޔަބައިމީހުންގެ ޙައްޤު އެދުންތަކަށް އިޖާބަ ދިނުމަށް ތައްޔާރަށްމެއެވެ. ވީމާ، ދިވެހި ދައުލަތަށް ކިޔަމަންތެރިކަމުގައި ތިބި ބަޔަކު އެބައެއްގެ ޙާލާއި އެދުންތައް ހުށަހެޅުމަށް މާލެ އަންނާށެވެ. އެ އަންނަ ބަޔަކަށް ދައުލަތް ބަލާނީ، އޯގާވެރިކަމުގެ ނިހާޔަތުގައިވާ ބެލުމަކުންނެވެ.

ނަމަވެސް ދައުލަތުގެ މި ނަޞޭޙަތަށް ތަބަޢަވުމެއް ނެތި ފިތުނަވެރިކަމާއި ދެކޮޅުވެރިކަންމަތީ ދެމިތިބެއްޖެނަމަ، އިންޒާރުކޮށް އަންގަމެވެ. ދައުލަތަށް ނުކިޔަމަންތެރިކަންމަތީ ތިބި ބަޔަކު ކިޔަމަންކޮށް، ތިޔަ އަތޮޅުގައި އަމަންއަމާންކަން ޤައިމުކުރުމަށް އަޅާންވީ ހުރިހާ ފިޔަވަޅެއް ދައުލަތުގެ ފަރާތުން އަޅާނަމެވެ. މިކަމުގައި ހައްދުންމަތިން ފެށިގެން ތިލަދުންމައްޗާއި ދެމެދުގެ ހުރިހާ ރައްޔިތުންމެ ތިބީ ކުރާންވީ ކޮންމެ މަސައްކަތެއްކޮށް، ވާން ޖެހިއްޖެ ކޮންމެ ޤުރުބާނީއެއް ވުމަށް ތައްޔާރަށެވެ. އާނއެކެވެ. ދިވެހި ދައުލަތުގައި، ބަޣާވާތްތެރިވާ ދިވެހިން ކިޔަމަންކުރުވާނެ ހަތިޔާރާއި ބާރު ވެސް މިހާރު އެބަހުއްޓެވެ. އަދިވެސް އެއްކަމެއް ތިޔަބައިމީހުންނަށް ވިސްނައިދެމެވެ. އެކަމަކީ، ތިޔަ އަތޮޅު ހަމަޖެއްސުމަށް ދިވެހި ދައުލަތުން ކޮންމެ ފިޔަވަޅެއް އެޅިކަމުގައި ވިޔަސް އިނގިރޭސި ދައުލަތް އެދޭތެރެއަކަށް ނުވަންނާނެއެވެ. އެގޮތީ، އެނުވަނުމަށް އެމީހުންވަނީ ދިވެހި ދަވްލަތާއެކު މުޢާހަދާއެއްގައި ސޮއިކޮށްފައެވެ. ވީމާ، ތިޔަބައިމީހުން ހެއްލުންތެރިކުރުމަށް އުޅޭ ބަޔަކު އެފަދަ ވަގުތެއްގައި އިނގިރޭސިންގެ އެހީ ލިބިދާނެކަމަށް އެ ދައްކާ ވާހަކައެއްގައި ހުވަފެނަކަށް ވުރެ ބޮޑު އަގެއް ނެތެވެ.

އަދިވެސް އެއްފަހަރު ނަޞޭޙަތްތެރިވެ އޯގާވެރިކަމާއެކު އަންގަމެވެ. އަހުރެމެން އެންމެން އެއް ދީނެއްގައި އެއް ދައުލަތެއްގައި ވަނިކޮށް އަހުރެމެން ވަކިވަކިކޮށްލުމަށް އެ މަސައްކަތްކުރާ އަމިއްލަ އެދުންވެރީންނާއި، ޚިޔާނާތްތެރީންނާއި ތިޔަބައިމީހުން ވަކިވާށެވެ. ތިޔަބައިމީހުންގެ ޙާލާއި އެދުންތައް ދައުލަތުގައި ދެންނެވުމަށް ކިޔަމަންތެރިކަމާއެކު އަވަސްވެގަންނާށެވެ. ނޫންނަމަ، އާޚިރުގައި، އުފުއްލަންޖެހޭނޭ ބޮޑު ހިތާމައާ މެދު އިންޒާރުކުރަމެވެ.

ގަދަކީރިތިވަންތަ މާތްﷲ ތިޔަބައިމީހުނަށް ހެޔޮވިސްނުން ދެއްވައި ދިވެހިރާއްޖޭގެ ދީނާއި މިނިވަންކަން ރައްކާތެރިކުރައްވާށިއެވެ. އާމީން!

1 ޒުލްޤައިދާ 1378ހ

9 މެއި 1959މ

                                                                                                  ސޮއި، އިބްރާހީމް ނާސިރު

                                                                                                    ވަޒީރުއްދާޚިލިއްޔާ


މި ސިޓީ ރަނގަޅަށް ތަހުލީލުކޮށްފި ނަމަ، ވަރަށް ގިނަ ކަންކަން ފާހަކުރެވޭނެއެވެ. ނަސޭހަތާއެކު އިންޒާރު ވެސް ދެއްވާފައިވެއެވެ. އަދި ދިވެހި ސަރުކާރަށް ބޯލަނބައި ކިޔަމަންވުން ނޫން އެއްވެސް ގޮތެއް ނެތްކަން ވެސް މިސިޓީއިން ހާމަވެއެވެ. އެހެނީ، އިނގިރޭސިންގެ އެހީތެރިކަމެއް ނުލިބޭނެކަމާއި، ބައިނަލްއަގުވާމީ ދުނިޔޭގައި ވެސް މި ގޮތަށް ހަދާ ސަރުކާރެއް ބަލައެއް ނުގަންނާނެކަން ސަރީހަކޮށް ހާމަކޮށްދެއްވާފައިވެއެވެ. ވަޒީރުލް އަޢުޒަމުގެ މި ސިޓީފުޅަށް ފަހު ވެސް އެތައް ކަމެއް ހިނގަމުން ދިޔައެވެ.

މިއަދުގެ ކޮލަމުގައި މި ހުށަހަޅައިލެވުނީ، ދިވެހި ދައުލަތުން، ސުވާދީބު ދައުލަތުގައި ބައިވެރިވި ތިން އަތޮޅު އަލުން އަނބުރާ ދިވެހި ދައުލަތުގެ ދަށަށް ގެނައުމަށް ކުރެއްވި މަސައްކަތްތަކުގެ ތެރެއިން ވަރަށް ކުޑަ މިންވަރެއްގެ ވާހަކަކޮޅެކެވެ. މި ވާހަކަ ކުރިއަށް ދާ ވަރަކަށް އެތައް ވާހަކައެއް ހާމަވެ، އެތައް ސަފުޙާއެއް ނިއުޅެމުން ދާނެއެވެ. އަންނަ ހަފުތާއަށް އިންތިޒާރުކޮށްލައްވާށެވެ.


ހަވާލާ ދެވިފައިވާ ލިޔުންތައް:

އަލީ ފަހުމީ އަހުމަދު. (2012). "ދިވެހިންނާއި އިނގިރޭސިންގެ ކޯޅުން" ސުވާދީބު. މާލެ: ކޮރޯނާ ޕްރެސް

ޢަބްދުލް ޙަކީމް ޙުސައިން މަނިކު. (1997). އިއްޔެ. މާލެ: ނޮވެލްޓީ ޕްރިންޓަރސް އެންޑް ޕަބްލިޝަރސް

ޢަޒީޒާ ޢަފީފު (އައްޒަ)
އަލްފާޟިލާ ޢަޒީޒާ ޢަފީފު (އައްޒަ) ވަނީ، މާސްޓަރސް އިން ދިވެހި ލެންގުއޭޖް އެންޑް ކަލްޗަރ ފުރިހަމަކުރައްވާފައެވެ. މިހާރު އައްޒައަކީ ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގައި ބަހަވީ ޢިލްމާއި ދިވެހިބަހުގެ އަދަބިއްޔާތު ފަދަ ބަހާ ގުޅުން ހުރި ތަފާތު މާއްދާތައް ކިޔަވައިދެއްވާ ދާރިސެކެވެ. އޭނާގެ ދިރާސީ މަސައްކަތްތަކުގެ ތެރޭގައި ދިވެހި ބަހުގެ ޤަވާޢިދުގެ އިތުރުން، ދިވެހިރާއްޖޭގެ ތާރީޚު، މިންތީ ތަފާތު، ދިވެހިރާއްޖޭގެ ފޯކްލޯ އަދި އަދަބިއްޔާތު ފަދަ ދިވެހި ބަހާއި ތާރީޚާއި ސަޤާފަތާ ގުޅުން ހުރި ތަފާތު ދާއިރާތައް ފާހަގަކޮށްލެވެއެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.