ރައީސް ނަޝީދަށް ހުކުމް އިއްވި ފަނޑިޔާރު މަގާމުން ވަކިކޮށްފި

ފޮޓޯ: ރައްޔިތުންގެ މަޖިލިސް

ރައްޔިތުންގެ މަޖިލީހުގެރައީސް، ކުރީގެ ރައީސް މުޙައްމަދު ނަޝީދަށް ހުކުމް އިއްވި ކްރިމިނަލް ކޯޓުގެ ކުރީގެ ގާޒީ ޢަބްދުލްބާރީ ޔޫސުފް ފަނޑިޔާރުކަމުގެ މަގާމުން ވަކިކޮށްފިއެވެ.

އެނާ ފަނޑިޔާރުކަމުން ވަކިކޮށްފައި ވަނީ ރައްޔިތުންގެ މަޖިލީހުގެ ވަނީ 62 މެމްބަރުންގެ އަޣްލަބިއްޔަތުންނެވެ. ބާރީ މަގާމުން ވަކިކުރުމަށް ވޯޓަށް އައްސަވައިފަވައި ވަނީ ޖޭއެސްސީ ހުށަހެޅި ގޮތަށް އޭނާ މަގާމުން ވަކިކުރުމަށް މަޖިލީހުގެ ޖުޑިޝަރީ ކޮމެޓީން ވެސް ނިންމުމާ ގުޅިގެންނެވެ.  

ގާޒީ ބާރީ މަގާމުން ވަކިކުރުމަށް ނިންމައި އެމައްސަލަ ޖޭއެސްސީން މަޖިލީހަށް ހުށައަޅާފައިވާއިރު އޭނާ ހުރީ ސަސްޕެންޑްކޮށްފައެވެ. ޖޭއެސްސީން ވިދާޅުވި ގޮތުގައި އޭނާ ސަސްޕެންޑް ކޮށްފައިވަނީ އެމްއެމްޕީއާރުސީ ޚިޔާނާތުގެ ފައިސާއިން މަންފާ ހޯދި ކަމުގެ ތުހުމަތުގައި ފުލުހުން ތަހުގީގު ކުރަމުންދާ މައްސަލައާ ގުޅިގެންނެވެ.  

ކްރިމިނަލް ކޯޓުގެ ކުރީގެ ގާޒީ ޢަބްދުލްބާރީ ޔޫސުފް ފަނޑިޔާރުކަމުގެ މަގާމުން ވަކިކުރުމަށް ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމަށް ޖުޑިޝަލް ސާވިސް ކޮމިޝަނުން ނިންމީ ވަރަށް ބޮޑެތި ތުހުމަތުތަކާ އެކުއެވެ.  

ކުރީގެ ރައީސް މުޙައްމަދު ނަޝީދަށް ޓެރެރިޒަމް ކުށުގެ ދައުވާގައި ހުކުމްކުރުމުގެ ކުރިން އެ މައްސަލައިގެ ހުކުމުގެ ކޮޕީއެއް، އޭރުގެ ނައިބު ރައީސް އަޙްމަދު އަދީބު ޢަބްދުލްޣަފޫރަށް، ގާޒީ ބާރީ ފޮނުއްވި ކަމަށް ވެސް ޖޭއެސްސީގެ ތުހުމަތުތަކުގައި ބުނެއެވެ. އަދި ގާޒީ ބާރީއާއި އަދީބާ ދެމެދު ގާތްގުޅުމެއް އޮތްކަމަށް ވެސް ވަނީ ތުހުމަތު ކޮށްފައެވެ.

އޭރުގެ ސަރުކާރުން ބޭނުންވިގޮތަށް ބޮޑެތި ޝަރީއަތް ނިންމާދިން ފަނޑިޔާރުންނަށް އިނާޔަތްތައް ދިންއިރު، ގާޒީ ބާރީއަށް ފްލެޓެއް ބޭނުންވުމުން، ބާރީގެ އަނބިކަނބަލުންގެ ނަމުގައި ފްލެޓެއް ހަމަޖައްސައިދިނުމަށް ނިންމިކަމަށްވެސް ބުނެއެވެ. އަދި ހަމަ އެ ދުވަސްވަރު ކުރީގެ ނައިބު ރައީސް އަޙްމަދު އަދީބުގެ ފަރާތުން ފަސް ލައްކަ ރުފިޔާ ގާޒީ ޢަބްދުލްބާރީ ޔޫސުފަށް ދީފައިވާކަމަށް ހެކިންގެ ހެކިބަހުން ސާބިތު ވާކަމަށްވެސް ޖޭއެސްސީން ބުނެފައި ވެއެވެ. ފްލެޓް ގަތުމަށް އެޑްވާންސަށް ހަ ލައްކަ ރުފިޔާ ގާޒީ ޢަބްދުލްބާރީ ޔޫސުފް ދައްކާފައިވާއިރު، އެފައިސާއަކީ ޢަބްދުލްބާރީ ޔޫސުފް އާމްދަނީ ހޯދައިގެން، ހޯދި ފައިސާކަން ސާބިތުކޮށްދެވިފައި ނުވާކަމަށްވެސް ބުނެފައި ވެއެވެ. އެހެންކަމުން އެ ފައިސާއަކީ ގޮތް ނޭނގޭ ނާޖާއިޒު ގޮތުގައި ހޯދައިފައިވާ ފައިސާކަންވެސް ތަހުގީގަށް ސާބިތުވެފައިވާކަމަށް ވެސް ޖޭއެސްސީން ވިދާޅުވިއެވެ.

ޖޭއެސްސީން ކުރާ ތުހުމަތުތަކުގެ ތެރޭގައި ގާޒީ ބާރީ އަމަލީގޮތުން ވިޔަފާރީގެ ތެރޭގައި ހަރަކާތްތެރިވިކަމާއި، އަދި މި ވިޔަފާރިން ލިބުނު އާމްދަނީ މާލީ ބަޔާނުގައި ހާމަކޮށްފައިނުވުން ވެސް ހިމެނެއެވެ.

ގާޒީ ބާރީގެ އިތުރުން ދ. ޖުޑިޝަރީ ދާއިރާގެ އިސް މެޖިސްޓްރޭޓް ޢަބްދުއްރައްޒާޤު މުޙައްމަދުވެސް މިއަދު ވަނީ މަޤާމުން ވަކިކޮށްފައެވެ. އޭނާ މަޤާމުން ވަކި ކޮށްފައިވަބީ 61 މެމްބަރުންގެ އަޣްލަބިއްޔަތުންނެވެ. އޭނާ ވެސް މަޤާމުން ވަކި ކުރުމަށް ޖޭއެސްސީން ނިންމީ ސުލޫކީ މައްސަލައެއްގައެވެ. އޭނާ ވަކިކުރަން ޖޭއެސްސީން ނިންމިއިރު އޭނާވެސް ހުންނެވީ ސަސްޕެންޑް ކޮށްފައެވެ. އޭނާ ސަސްޕެންޑް ކޮށްފައި ހުރީ ފުލުހުން ތަހުގީގު ކުރަމުންދާ ޖިނާއީ މައްސަލައެއްގައި ކަމަށް ޖޭއެސްސީން ބުނެފައި ވެއެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.