ސައޫދީ-ޤަޠަރު މައްސަލަ ހައްލުކުރެވޭތޯ ކުޝްނާ މެދުއިރުމައްޗަށް

ސައޫދީ އަރަބިއްޔާއާއި ޤަޠަރުގެ ދެމެދުގައި އުފެދިފައިވާ މައްސަލަ ރައީސު ޑްނާލްޑް ޓްރަމްޕްގެ ދައުރު 20 ޖަނަވަރީ 2021 ގައި ނިމުމުގެ ކުރިން ހައްލުކުރެވޭތޯ ކުރެވޭ ފަހު މަސައްކަތުގައި ރައީސު ޓްރަމްޕްގެ ސީނިޔާ އެޑްވައިޒަރު އަދި ދަނބިދަރިކަލުން ޖަރެޑް ކުޝްނާ މެދުއިރުމައްޗަށް ވަޑައިގަންނަވާ ގޮތަށް ހަމަޖެހިއްޖެއެވެ.

ވައިޓް ހައުސްގެ މަސްދަރަކުން ޚަބަރުފަތުރާ ވަސީލަތްތަކަށް މައުލޫމާތު ދިން ގޮތުގައި އިސް މަސްއޫލުވެރިންގެ ވަފުދަކާއެކު ވަރަށް އަވަހަށް ކުޝްނާ ސައޫދީ އަަރަބިއްޔާއަށް ވަޑައިގަންނަވާނެއެވެ. އަދި އޭގެ ފަހުން ޤަޠަރަށް ޒިޔާރަތްކުރައްވާނެއެވެ. އެމެރިކާ ސަރުކާރުގެ އިސް މަސްއޫލުވެރިޔަކާ ހަވާލާދީ ރޮއިޓާސްއިން ބުނިގޮތުގައި ކުޝްނާ ރަތް ކަނޑުގެ އައްސޭރީގައި އަލަށް ބިނާކުރާ ސައޫދީ ރަށް ނިއޯމްގައި ވަލީއަހުދު މުޙައްމަދު ސަލްމާނާ ބައްދަލުކުރެއްވަށްފަހު، ޤަޠަރުގެ ވެރިރަށް ދޯހާއަށް ވަޑައިގެން އަމީރު ޝޭޚް ތަމީމް ބިން ޙަމަދް އާލްޘާނީއާ ބައްދަލުކުރައްވާނެއެވެ.

ރައީސު ޓްރަމްޕްެގެ ވެރިކަން ނިމުމަަކަށް އައުމުގެ ކުރިން މެދުއިރުމަތީގައި އިތުރު ޑިޕްލޮމެޓިކް ކާމިޔާބީއެއް ހޯދުމަކީ ޖެރަޑް ކުޝްނާއާއި، ޓްރަމްޕް ސަރުކާރުގެ އިސް ބޭފުޅުން ވަރަށް ބޮޑަށް ބޭނުންފުޅުވެވަޑައިގަންނަވާ ކަމެއް ކަމަށް ވައިޓް ހައުސްގެ އިސް ބައެއް ފަރާތްތަކުން ބުނެފައި ވެއެވެ.

ސައޫދީ އަރަބިއްޔާއާއި އިސްރާއީލާ ދެމެދު ފާޅުގައި ސުލްހައިގެ އެއްބަސްވުމެއް ގާއިމުކޮށް ބަހްރޭނާއި ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ) ފަަދައިން އިސްރާއީލާ ގުޅުން ގާއިމުކުރުމަކީ މިވަގުތު ސައޫދީ ސަރުކާރަށް ފަސޭހަ ކަމަކަށް ނުވާތީ، ދެން އެންމެ ފަސޭހައިން ކުރެވެން އޮތް ކަމަކީ ސައޫދީންނާއި ޤަޠަރާއި ސުލްހަ ކުރުމެވެ.

ޤަޠަރުގެ ހިސާރު ނިމުމަކަށް އަތުވެދާނެ ކަމުގެ އިޝާރާތްތަކެއް ސައޫދީންެގެ ފަރާތުން ވެސް ދަނީ ލިބެމުންނެވެ. ޤަޠަރާއެކު އޮތް މައްސަލަ ހައްލުކުރަން ތައްޔާރަށް ތިބިކަން ސައޫދީ ޚާރިޖީ ވަޒީރު ފައިޞަލް ބިން ފަރްޙާން ވިދާޅުވެފައިވާ އިރު، ސަޢޫދީން ދަނީ ޤަޠަރުގެ އެންމެ ގާތް އެކުވެރިންގެ ތެރޭގައި ހިމެނޭ ތުރުކީއާ ގުޅުން ރަނގަޅުކުރުމަށް މަސައްކަތްކުރަމުންނެވެ.

މީގެ ދެ ހަފުތާކުރިން ދެއްކެވި ވާހަކަފުޅެއްގައި ޤަޠަރުގެ ޚާރިޖީ ވަޒީރު ޝޭޚް މުޙައްމަދު ބިން ޢަބްދުއްރަޙްމާން އާލްޘާނީ ވަނީ ޤަޠަރުގެ ސިޔާދަތަށް އިހުތިރާމުކުރުމުގެ މައްޗަށް ބިނާވެފައިވާ ކޮންމެ މަޝަވަރާއެެއްގައި ބައިވެރިވާން ޤަޠަރު އޮތީ ތައްޔާރަށެވެ.

ޤަޠަރުން ޓެރަރިޒަމަށް ވާގިވެރިވާކަމަށް ބުނެ ސައޫދީ އަރަބިއްޔާ، ޔޫއޭއީ، ބަހްރޭން އަދި މިސްރު  ގުޅިގެން ވަޔާ، އެއްގަމާއި، ކަނޑުން ޤަޠަރު ހިސާރުކުރީ 5 ޖޫން 2017 ގައެވެ. އޭރުއްސުރެ މިމައްސަލަ ހައްލުކުރަން ކުރެވުނު މަަސައްކަތްތައް ވަނީ ނާކާމިޔާބުވެފައެވެ.

މުޙައްމަދު ޢަބްދުﷲ
މުޙައްމަދު ޢަބްދުﷲ އަކީ އާފަތިހަށް ލިޔުއްވާތާ އެތައް އަހަރެއް ވެފައިވާ ޢިލްމުވެރި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. ދީނީ ލިޔުމާއި ދުނިޔޭގެ ޚަބަރުތަކަށް އަރައިހުންނެވި ކުޅަދާނަ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.