ކައުންސިލް އިންތިޚާބުގައި އެމްޑީޕީއާއި ވެރިކަންކުރާ ކޯލިޝަން ބަލިކޮށްދިނުމަށް ރައީސް ޔާމީނު އެދިވަޑައިގެންފި

ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބުގައި ވޯޓް ފޮށިން އެމްޑީޕީއާއި ވެރިކަންކުރާ ކޯލިޝަން ބަލިކޮށް ދިނުމަށް ރައްޔިތުންގެ ކިބައިން ޖަލުގައި އޮންނެވި ކުރީގެ ރައީސް ޢަބްދުﷲ ޔާމީނު އެދިވަޑައިގެންފި އެވެ.

ރައީސް މިކަމަށް އެދި ވަޑައިގެންނެވިކަމުގެ މެސެޖު ދެއްވީ، މިއަދު ރައީސް ޔާމީންނާ ބައްދަލުކުރެއްވުމަށްފަހު، އެމަނިކުފާނު މިނިވަން ކުރުމަށް ގޮވާލައި ކަނޑުމަތީގައި ކުރި އިހުތިޖާޖުގައި ޕީޕީއެމް،ޕީއެންސީ ކޯލިޝަން ހިންގެވުމުގައި އިސްކޮށް ހުންނެވި ޕީއެންސީގެ ރައީސް ޢަބްދުއްރަޙީމް ޢަބްދުﷲ ދެއްކެވި ވާހަކަފުޅުގައެވެ.

މިވަގުތު ރައީސް ޔާމީނަށްޓަކައި ކޮށްދެވޭނެ އެންގެ އަގުހުރި މަސައްކަތަކީ އަންނަ ލޯކަލް ކައުންސިލް އިންތިޚާބުގައި އެމްޑީޕީއާއި ވެރިކަންކަންކުރާ ކޯލިޝަން ބޮޑުތަނުން ބަލިކޮށް ޕީޕީއެމްއަށް އިންތިޚާބު ކާމިޔާބުކޮށް ދިނުން ކަމަށް އިހުތުޖާޖުގައި ވާހަކަފުޅު ދައްކަވަމުން ޢަބްދުއްރަހީމް ވިދާޅުވިއެވެ.

މިއަދު ރައީސް ޔާމީނާ 2:30 މިނެޓް ވާންދެން ބައްދަލުކުރެއްވި ކަމަށާއި ރައީސް ޔާމީން ހުންނެވީ ވަރަށް ސާބިތުކަމާއި ހިތްވަރާއެކުގައި ކަމަށް ވިދާޅުވިއެވެ. ޖަލުގައި ހުންނެވިއަސް ރައީސް ޔާމީންގެ ޢަޒުމަކަށް ކުޑަވެސް ބަދަލެއް ނާންނަކަމަށާއި އެމަނިކުފާނު ހުންނެވީ ވަރަށް ސާބިތުކަމާ އެކީގައި ކަމަށް ޢަބްދުއްރަޙީމް ވިދާޅުވިއެވެ.

"އެމަނިކުފާނު ހުންނެވީ މިއަނިޔާވެރި ސަރުކާރަށް ބޯލަނބާ ގޮތަކަށް ނޫން. އެމަނިކުފާނު ހުންނެވީ، ޖަލުގައި ހުންނަވަން ޖެހޭތީ ސަރުކާރުން ބުނާހާ ގޮތަކަށް އެއްބަސްވާކަށް ނޫން. އެމަނިކުފާނު ހުންނެވީ އެމަނިކުފާނު ނުކުރާ ކުށަކަށް އިއުތިރާފް ވާކަށް ނޫން. އެމަނިކުފާނު ގަބޫލުފުޅު ކުރައްވަނީ އެމަނިކުފާނަކީ މައުސޫމް ބޭފުޅެއްކަމަށް. އެއީ ދިވެހި ރައްޔިތުން ވެސް ގަބޫލޫކުރާ ގޮތް. އަޅުގަނޑުމެންވެސް ގަބޫލުކުރާ ގޮތް" ޢަބްދުއްރަޙީމް ވިދާޅުވިއެވެ.

ޢަބަދުއް ރަޙީމް ވިދާޅުވީ ރައީސް ޔާމީނަށް އިންތިހާއަށް ސަޕޯޓު އެބައޮތްކަމަށެވެ. ވެރިކަމުގައި ހުންނެވި އިރަށްވުރެ ރައީސް ޔާމީންގެ ސަޕޯޓު ދުވަހެއް ދުވަހަކަށް އިތުރުވަމުން ދާކަމަށެވެ. ރައީސް ޔާމީން ޖަލުގައި ހޭދަކުރައްވަން ޖެހުމަކީ ޕީއެމް، ޕީއެންސީއާއި އަދި އެކޯލިޝަންގެ ލީޑަރޝިޕަށް އުދަނގޫ ދަތި ދުވަސް ތަކެއް ކަމަށް ވިދާޅުވިއެވެ. ރައީސް ޔާމީން ޖަލުގައި ހޭދަކުރެއްވި އެއް އަހަރު 50 އަހަރަށްވުރެ ދިގުވެއްޖެކަމަށެވެ.ވަގުތީ ގޮތުން ޖަލުގައި އޮންނަ ވަން ޖެހުމަކީ އިމްތިހާނެއްކަމަށް ގަބޫލުކުރައްވާކަމަށާއި ވަރަށް އަވަހަށް އަމަނިކުފާނު މިނިވަން ވާނެކަމަށް ދެކެވަޑައިގަންނަވާކަމަށް ވެސް ޢަބްދުއްރަޙީމް ވިދާޅުވިއެވެ. 

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.