ޗައިނާއިން އަމިއްލައަށް އުފެއްދި ފުރަތަމަ ނިއުކުލިޔާ ރިއެކްޓަރު ޖައްސައިފި

ހުއަލޯންގް ވަންގެ މަސައްކަތް ކުރިއަށް ދިޔައިރު، 23 މޭ 2018 ގައި ނަގާފައިވާ ފޮޓޯއެއް

ޗައިނާއިން އަމިއްލައަށް އުފެއްދި ފުރަތަމަ ނިއުކުލިޔާ ރިއެކްޓަރު، 'ހުއަލޯންގް ވަން' ޖައްސައިފިއެވެ. މިއީ ހަކައިތަގެ ރައްކާތެރިކަމާ، ނާޒުކު ޓެކްނޮލޮޖީތަކުގެ ޗައިނާއި ހުޅަނގަށް ބަރޯސާވން ކުޑަކުރުމުގައި އެޅި މުހިމއްމު ފިޔަވަޅެކެވެ.

އިއްޔެ (27 ނޮވެންބަރު) ގައި ޗައިނާގެ ކަރަންޓުގެ ގައުމީ ވިއުގައާއި ގުޅާލި މި ރެކްޓަރުން އަހަކަރު 10 ބިލިއަން ކިލޯވޯޓު-އަވަރ (kWh) ގެ ކަރަންޓު އުފައްދައެވެ. އަދި މި ރއެކްޓަރުގެ ސަބުބުން ޗައިނާއި ޖައްވަށް ބޭރުކުރާ ކާބަން އަހަރަކު 8.16 މިލިއަން ޓަން މަދުވެގެން ދާނެކަމަށް ޗައިނާ ނޭޝަނަލް ނިއުކްލިޔަރ ކޯޕަރޭޝަން (ސީއެންއެންސީ) އިން ބުނެއެވެ.

"މިއީ ބޭރުގެ ނިއުކުލިޔާ ހަކަތައި މޮނޮޕޮލީގެ ބާރު ކަނޑުވާލައި، ޓެކްނޮލޮޖީގައި ކުރިއަރާފައިވާ ގައުމުތަކު ފުރަތަމަ ސަފަށް ވަނުން." ސީއެންއެންސީގެ ބަޔާނުގައި ވެއެވެ.

ޗައިނާގެ ނޭޝަނަލް އެނާޖީ އެޑްމިނިސްޓްރޭޝަނުން ބުނާ ގޮތުގައި 2019 ވަނަ އަހަރު ނިއުކުލިޔާ ހަކަތައިން އުފެއްދިފައިވަނީ އެ ގައުމަށް ބޭނުންވާ ހަކަތައިގެ އެންމެ %5 އެވެ. އެކަމަކު 2060 އަންނަންވާއިރަށް ކާބަން ނިއުޓްރަލް ގައުމަކަށް ވާން ޗައިނާ މަސައްކަތްކުރާއިރު، މިނިސްބަތް މައްޗަށް ދާނެކަމަށް ބެލެވެއެވެ.

ޗައިނާއިން ކުރިން ބުނެފައިވާ ގޮތުގައި އެންމެ ލަސްވެގެން 2030 ގައި އެ ގައުމުގައި ހަކަތަ އުފެއްދުމަށް ބޯޓުދެލި (ކޯލް) ބޭނުންކުރާވަރު އެންމެ މައްޗަށް އެރުމަށް ފަހު، 2050 އަންނަންވާއިރަށް އެ ގައުމުން ހަކަތަ އުފެއްދުމުގައި ބޯޓުދެލި ބޭނުންކުރުން މުޅިން ހުއްޓާލާނެއެވެ. އަދި 2060 އާއި ހަމައަށް ކާބަން ނިއުޓްރަލް ގައުމަކަށް ވުމަށްޓަކައި ވަޔާއި، އިރުގެ (ސޯލާ) ހަކަތައިގެ އިތުރަށް ނިއުކުލިޔާ ހަކަތައް އުފައްދާ މިންވަރު އިތުރުކުރާނެއެވެ.

ހުއަލޯންގް ވަން ނިއުކުލިޔާ ރިއެކްޓަރުގެ މަސައްކަތް ފެށީ 2015 ވަނަ އަހަރުގައެވެ. ސީއެންއެންސީއިން ބުނި ގޮތުގައި އަދި މިބާވަތުގެ ހަ ރިއެކްޓަރުގެ މަސައްކަތް ކުރިއަށް އެބަދެއެވެ.

ފޫޖިއާން ޕްރޮވިންސުގަ ބިނާކޮށްފައިވާ ހުއަލޯންގް ވަންގެ އިތުރު ޓެސްޓްތައް ހެދުމަށް ފަހު ވިޔަފާރީގެ އުސޫލުން ބޭނުންކުރަން ފަށާނީ މިއަހަރު ނިމޭހާތާނގައެވެ.

ޗައިނާގައި މިހާރުވެސް 47 ނިއުކުލިޔާ އިންޖީނުގެ އެބަހުއްޓެވެ. މިތަންތަނުން އުފެއްދޭ ކަރަންޓުގެ ޖުމްލައަކީ 48.75 މިލިއަން ކިލޯވޯޓެވެ. މިއީ އެމެރިކާއާއި ފްރާންސަށް ފަހު ދުނިޔޭގެ އެންމެ މަތީ އަދަދެވެ.

މުޙައްމަދު ޢަބްދުﷲ
މުޙައްމަދު ޢަބްދުﷲ އަކީ އާފަތިހަށް ލިޔުއްވާތާ އެތައް އަހަރެއް ވެފައިވާ ޢިލްމުވެރި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. ދީނީ ލިޔުމާއި ދުނިޔޭގެ ޚަބަރުތަކަށް އަރައިހުންނެވި ކުޅަދާނަ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.