ރައީސު ޓްރަމްޕް މައިކަލް ފްލިންއަށް މާފުދެއްވައިފި

އެމެރިކާގެ ރައީސު ޑޮނާލްޑް ޓްރަމްޕް އޭނާގެ ފުރަތަމަ ނޭޝަނަލް ސެކިއުރިޓީ އެޑްވައިޒަރު މައިކަލް ފްލިންއަށް މާފުދެއްވައިފިއެވެ. އޭނާ ވަނީ ރަޝިޔާގެ އޮފިޝަލުންނާ ބައްދަލުކުރެއްވި މައްސަލައިގައި އެފްބިއަށް އިތުރުފުޅުހެއްދެވި ކަމަށް އިއުތެރިފާވެވަޑައިގެންފައެވެ. އޭނާގެ ޝަރީއަތް އަދިވެސް ނުނިމޭތީ އޭނާގެ މައްޗަށް ހުކުމެއް އިއްވާފައި ނުވެއެވެ.

"ޖެނެރަލް މައިކަލް ޓީ. ފްލިންއަށް ފުރިހަމަ މާފެއް ދީފައިވާކަން އިއުލާންކުރުމަކީ އަހަރެންނަށް ލިބޭ ވަރަށް ބޮޑު ޝަރަފެއް. ފްލިންއަށާއި އޭނާގެ އާއިލާއަށް މަރުހަބާ ކިޔަން." މާފުދެއްވިކަން އިއުލާންކުރައްވަން ރައީސު ޓްރަމްޕް ކުރެއްވި ޓުވީޓުގައި ވެއެވެ.

ބުނެވޭ  ގޮތުގައި ފްލިންއަކީ ޖަނަވަރީ 20 ވަނަ ދުވަހު ވައިޓްހައުސްއިން ނުކުމެވަޑައިގަތުމުގެ ކުރިން ރައީސު ޓްރަމްޕް މާފުދެއްވަން ނިންމަވާފައިވާ އޭނާގެ އެކުވެރިންގެ ތެރެއިން ބޭފުޅެކެވެ. އެހެންކަމުން، ޖަނަވަރީ 20 ގެ ކުރިން އަދި އިތުރު ބޭފުޅުންނަށް މާފުދެއްވާނެ ކަމަށް ބެލެވެއެވެ.  

ރަޝިޔާއިން އެމެރިކާއަށް ކަނޑައަޅާފައި ކުރިން ހުންނެވި އެމްބެސެޑަރު ސަރްގޭ ކިސްލްޔަކްއާއެކު 2016 ވަނަ އަހަރު ފްލިން ބޭއްވެވި ބައްދަލުވުމާ އެފްބީއައިއަށް ދޮގު މައުލޫމާތު ދެއްވފައިވާކަމަށް 2017 ވަނަ އަހަރު ފްލިން ވަނީ އިއުތިރާފުވެވަޑައިގެންފައެވެ.

2016 ވަނަ އަހަރު އެމެރިކާގައި އޮތް ރިޔާސީ އިންތިޚާބަށް ރަޝިޔާއިން ނުފޫޒުފޯރުވި ކަމަށް ދެކެވުނު ވާހަކަތައް ތަހުގީގުކުރުމަށް އައްޔަންކުރެވުނު ޚާއްސަ ކައުންސެލް ރޮބަޓް މުލާ 2017 ވަނަ އަހަރު އޭނާގެ މަސައްކަތްޕުޅު ފެއްޓެވާއެކު އެންމެ ފުރަތަމަ ކުރެއްވި އެއް ކަމަކީ ފްލިންގެ މައްޗަށް ދައުވާ އުފުއްލެވުމެވެ.

ރައީސު ޓްރަމްޕް 2016 ވަނަ އަހަރު ކުރެއްވި ރިޔާސީ ކެމްޕޭނުގައި މައިކަލް ފްލިންއަކީ ޓްރަމްޕުގެ ކެމްޕޭން އެޑްވަޒަރެވެ. އަދި އޭނާ ޓަރަމްގެ އެންމެ ގާތް އަރިސް ބޭފުޅުންގެ ތެރޭގައި ހިމެނިވަޑައިގަތުމުގެ ސަބަބުން ފުރަތަމަ ހީކުރެވިފައި އޮތީ ޓްރަމްޕްގެ ރަނިން މޭޓަކަށް ނަންގަވާނީ ފްލިން ކަމުގައެވެ.

މިފަހަކަށް އައިސް އެމެރިކާގައި ވެރިކަން ދޫކުރައްވާފައި ވަޑައިގަންނަވާ ކޮންމެ ރައީސަކުވެސް އޭނާގެ ދައުރުގެ ފަހުކޮޅު މިފަދައިން އެކި ބޭފުޅުންނަށް މާފުދެއްވައެވެ.

މުޙައްމަދު ޢަބްދުﷲ
މުޙައްމަދު ޢަބްދުﷲ އަކީ އާފަތިހަށް ލިޔުއްވާތާ އެތައް އަހަރެއް ވެފައިވާ ޢިލްމުވެރި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. ދީނީ ލިޔުމާއި ދުނިޔޭގެ ޚަބަރުތަކަށް އަރައިހުންނެވި ކުޅަދާނަ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.