ބާރުގަދަ ޠޫފާން 'ނިވާރް' އިންޑިޔާގެ އިރުދެކުނު އައްސޭރިއަށް އަރައިފި

ޠޫފާން 'ނިވާރް' ގެ ސަބަބުން ބޯކޮށް ވާރޭ ވެހި ޗެެންނާއީގެ މަގެއްގައި ފެންބޮޑުވެފައި

ބޭ އޮފް ބެންގޯލްގައި އުފެދިފައިވާ ބާރުގަދަ ޠޫފާން 'ނިވާރް' އިންޑިޔާގެ އިރުދެކުނުގެ ސަރަހައްދެއް ކަމުގައިވާ ޕުޑުޗެރީ (ޕޮންޑިޗެރީ) ގެ އައްސޭރިފަށަށް އަރައިފިއެވެ.

ޔުނިއަން ޓެރިޓަރީ ޕުޑުޗެރީގެ އައްސޭރިގެ ރަށްތައް ހުރަސްކޮށް އެ ޠޫފާން  ރޭ 11:30 (ރާއްޖޭ ގަނޑިން ރޭ 11:00) އާ 2:30 އާ ދެމެދު ދަތުރުކުރި އެރު ޠޫފާނުގެ ވައިގެ ބާރުމިން ގަޑިއަކު 120 ކިލޯމީޓަރަށް ހުއްޓެވެ. ނަމަވެސް ފަހުން ޕުޑުޗެރީ ހުރަސްކޮށް ދެކުނުގެ ސްޓޭޓް ޓެމިލްނާޑޫގެ ރަށްތަކަށް އެރިއިރު ޠޫފާނުގެ ބާރު ވަނީ ދެރަވަފައެވެ. އޭރު ވައި ޖެހެމުން ދިޔައީ ގަޑިއަކު 100 ކިލޯމީޓަރުގެ ބާރުމިނުގައެވެ.

ޕުޑުޗެރީއަށް ރޭ 237 މިލިމިޓަރު ވާރޭ ވެހިފައިވާ އިރު، ޓެމިލްނާޑޫގެ އައްސޭރި ފަށުގެ ބައެއް ރަށްތަކަށް ރޭ 246 މިލިމީޓަރުގެ ވާރޭ ވެހިފައި ވެއެވެ.

ޠޫފާން އެރުމުގެ ކުރިން ރައްކާތެރިކަމުގެ ފިޔަވަޅެެއްގެ ގޮތުން ޓެމިލް ނާޑޫ ސަރުކާރުން ވަނީ މިއަދަކީ ރަސްމީ ބަންދު ދުވަހެއްގެ ގޮތުގައި ހަމަަޖައްސާފައެވެ. އަދި އެ ސްޓޭޓުގެ އައްސޭރިފަށުގެ ރަށްތަކުގައި ދިރިއުޅޭ ލައްކައެއްހާ މީހުން ވަނީ ރަށްކާތެރި ސަރަހައްދުތަކަށް ގެންގޮސްފައެވެ.

ޕުޑުޗެރީއާއި ޓެމިލްނާޑޫގެ އައްސޭރި ފަށުގެ ރަށްތަކުގައި އާދަޔާއި ޚިލާފަށް ފެންބޮޑުގެ ގިނަ ގެތަކަށް ފެން ވަދެފައި ވާއިރު، ގަސްތަކާއި، ކަރަންޓު މުޑިތައް ވެއްޓި ގިނަ މަގުތަކެއް ވަނީ ބަންދުވެފައެވެ. ގިނަ ސަރަހައްދުތަކެެއްގައި ކަރަންޓުވެސް ނެތެެވެ. ޓެމިލްނާޑޫގެ ވެރިރަށް ޗެންނާއީއަށްވެސް ގަަދަ ވަޔާއިއެކު ބޯކޮށް ވާރޭވެހި މަގުތަކުގައި ފެންބޮޑެވައި ވާއިރު، ޗެންނާއީ އެއާޕޯޓުވެސް ވަނީ 12 ގަޑިއިރަށް ބަންދުކޮށްފައެވެ. ސަދަން ރޭލްވޭއި ވަނީ ޗެންނާއީގެ އައްސޭރިފަށުގެ ސަރަހައްދުތަކުގައި ރޭލު ދަތުރުތައްވެސް ކެންސަލްކޮށްފައެވެ.

ޠޫފާން 'ނިވާރް' ހުޅަނގު އުތުރަށް ދަތުރުކުރަމުން ދާއިރު، ބާރު ދެރަވި ނަމަވެސް ގަދަ ވަޔާއެކު ބޯކޮށް ވާރޭ ވެހެމުން ދާތީ އާންދްރާ ޕްރަދޭޝްއާއި ކަރްނާޓަކާވެސް ވަނީ ޠޫފާނަށް ތައްޔާރުވެފައެެވެ. އާންދްރާ ޕްރަދޭޝްގެ ބައެއް ރަށްތަކަށް މިހާރުެވެސް ދަނީ ބޯކޮށް ވާރޭ ވެހެމުންނެވެ.

މުޙައްމަދު ޢަބްދުﷲ
މުޙައްމަދު ޢަބްދުﷲ އަކީ އާފަތިހަށް ލިޔުއްވާތާ އެތައް އަހަރެއް ވެފައިވާ ޢިލްމުވެރި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. ދީނީ ލިޔުމާއި ދުނިޔޭގެ ޚަބަރުތަކަށް އަރައިހުންނެވި ކުޅަދާނަ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.