ބޭރުގެ ފަރާތްތަކަށް ޔޫއޭއީގެ ވިޔަފާރިތަކުގެ %100 މިލްކުކުރެވޭ ގޮތް ހަދައިފި

ބޭރުގެ އިންވެސްޓަރުން ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ) ގައި އިންވެސްޓުކުރުމަށް ޝައުގުވެރި ކުރުމުގެ ގޮތުން، އެ ގައުމުގެ ވިޔަފާރިތަކުގެ %100 އާއި ހަމައަށް ބޭރުގެ ފަރާތްތަކަށް މިލްކުކުރެވޭ ގޮތަށް އެ ގައުމުގެ ގާނޫނަށް ބަދަލު ގެންސްފިއެވެ.

ކޮވިޑް-19 ގެ ސަބަބުން އިގްތިސާދު ވެއްޓިފައިވާ ވަޅުގަނޑުން އަރައިގަތުމަށް ޔޫއޭއީން ދަނީ ބޭރުގެ މުއްސަނދިން ޝައުގެވެރި ކުރުމަށް މަސައްކަތް ކުރަމުންނެވެ. އެ ގޮތުން މިމަހުގެ ކުރީކޮޅު އިސްލާމީ ޕާސަނަލް ލޯއަށް ބަދަލު ގެނެސް ބޭރުގެ ފަރާތްތަކަށް ފަސޭހަވާނެ ގޮތް ހަދާފައި ވާކަން ފާހަގަކޮށްލަން ޖެހެއެވެ.

ޔޫއޭއީގެ ރައީސު ޝޭޚް ޚަލީފާ ބިން ޒާޔިދު ނެރުއްވި ރިޔާސީ ގަރާރަކުން ކުންފުނިތަކާ ބެހޭ ގާނޫނު 2/2015 އަށް ގެނައި ބަދަލަށް އަންނަ ޑިސެންބަރު މަހުގެ ފުރަތަމަ ދުވަހުން ފެށިގެން އަމަލުކުރަން ފަށާއިރު، ބޭރުގެ ފަރާތްތަކަށް ޔޫއޭއީގެ ވިޔަފާރިތަކުގެ %49 އަށް ވުރެ ބޮޑަށް މިލްކުނުކުރެވޭ ގޮތަށް އޮތް އޮތުން ނިމުމަކަށް އަންނާނެއެވެ. މިއީ އެގައުމުގައި ދިރިއުޅެމުން ބޭރު ގައުމުތަކެގެ ވިޔަފާރިވެރިންނަށް އުފާވެރި ޚަބަރަކަށް ވެގެން ދާނެއެވެ.

މިހާރުވެސް އެތައް ހާސް ބޭރު ވިޔަފާރިވެރިން ޔޫއޭއީގެ ކޮންމެވެސް ފަރާތަކަށް %51 ހިއްސާދީގެން އެމީހުންގެ  ވިޔަފާރިތައް ޔޫއޭއީގައި ހިންގަމުން ދެއެވެ.

ރައީސު ޚަލީފާގެ ގަރާރުން ގެނައި ބަދަލުގައި ސްޓޮކް މާކެޓްގައި އާއްމުކޮށް ހިއްސާ ވިއްކާ ކުންފުނިތަކުގައި ވެސް %70 އާ ހަމައަށް އިންވެސްޓުކުރުމުގެ ފުރުސަތު ބޭރުގެ ފަރަތްތަކަށް ލިބިގެން ދާނެއެވެ. ކުރިން އޮތް ގޮތުން ބޭރުގެ ފަރާތްތަކަށް މިލްކުކުރެވެނީ 30% އާ ހަމައަށެވެ.

ޔޫއޭއީން އުއްމީދުކުރާ ގޮތުގައި ގާނޫނަށް ގެނައި މި ބަދަލުގެ ސަބަބުން އަހަރަކު އެއްފަހަރު ނެރޭ ފޮރިން ޑައިރެކްޓް އިންވެސްޓްމަންޓް ކޮންފިޑެންސް އިންޑެކްސްގައި ޔޫއޭއީގެ ދަރަޖަ މައްޗަށް ޖެހޭނެ ކަމަށް އެ ގައުމުން އުއްމީދުކުރެއެވެ.

މުޙައްމަދު ޢަބްދުﷲ
މުޙައްމަދު ޢަބްދުﷲ އަކީ އާފަތިހަށް ލިޔުއްވާތާ އެތައް އަހަރެއް ވެފައިވާ ޢިލްމުވެރި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. ދީނީ ލިޔުމާއި ދުނިޔޭގެ ޚަބަރުތަކަށް އަރައިހުންނެވި ކުޅަދާނަ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.