ޓްރަމްޕްގެ ސަރުކާރުން ބައިޑަންއަށް ވެރިކަން ބަދަލުކުރުމުގެ މަސައްކަތް އެންމެ ފަހުން ފަށައިފި

އެމެރިކާގެ ރައީސު ޑޮނާލްޑް ޓްރަމްޕްގެ ސަރުކާރުން، މުންތަޚަބު ރައީސު ޖޯ ބައިޑަންއަށް ވެރިކަން ބަދަލުކުރުމަށް ފަށަން ޖެހޭ އިންތިގާލީ މަރުހަލާ އެތައް ދުވަހަކަށް ފެށުން ލަސްކުރުމަށް ފަހު މިއަދު ރަސްމީކޮށް ވެރިކަން ބަދަލުކުރުމުގެ މަސައްކަތް ފަށައިފިއެވެ.

ވެރިކަން ބަދަލުވުމުގެ ކަންކަން ބަލަހައްޓާ އިދާރާ، ޖެނެރަލް ސާވިސަސް އެޑްމިނިސްޓްރޭޝަން (ޖީއެސްއޭ) އިން ބުނީ ނޮވެންބަރު 3 ގައި އޮތް އިންތިޚާބު "ފެންނަ ފެނުމަށް އިންތިޚާބު ކާމިޔާބުކެއްވީ" ޖޯ ބައިޑަން ކަމަށް ވާތީ ރައީސު ޑޮނާލްޑް ޓްރަމްޕުގެ ސަރުކާރުން ބައިޑަންގެ ސަރުކާރަށް ވެރިކަން ބަދަލުކުރުމުގެ ކަންތަކަށް މަގުފަހިކުރާ ކަމުގައެވެ. ޖަނަވަރީ 20 ވަނަ ދުވަހު ވެރިކަން ބަދަލުކުރުގެ ކުރިން ކުރަން ޖެހޭ ކަންކަން ކުރުމަށް ސަރުކާރުގެ ހުރިހާ އިދާރާއަކަށް މިހާރު މަގު ފަހިވެގެން ދިޔައީއެވެ.

ޖީއެސްއޭގެ މިނިންމުން އާއްމުކުރުމުގެ ކުރިން ރައީސު ޓްރަމްޕް ވަނީ އެ އިދާރާގެ އެޑްމިނިސްޓްރޭޓަރ އެމިލީ މާފީއަށް، އިންތިގާލީ ކަންކަން ފެށުމަށް އަންގަވާފައިވާކަން ހާމަކުރައްވައި ޓުވީޓުކުރައްވާފައެވެ.

".... އެހެންނަމަވެސް، ގައުމުގެ މަސްލަހަތަށް އެންމެ ރަނގަޅު ގޮތަށް ބަލައި، އަހަރެން ވަނީ އެމިލީ މާފީއަށާއި އޭނާގެ ޓީމަށް، އިބްތިދާއީ ޕްރޮޓޮކޯލްތަކާ އެއްގޮތަށް ކުރަން ޖެހޭ ހުރިހާ ކަމެއް ކުރުމަށް އިރުޝާދުދީފައި، އަދި އަހަރެންގެ ޓީމަށްވެސް ހަމަ އެފަދައިން އަންގާފައި."

ވެރިކަން ބަދަލުކުރުމުގެ ކަންކަން ކުރިއަށް ގެންދިއުމަށް އެންގެވި ނަމަވެސް، ރައީސު ޓްރަމްޕް އަދިވެސް ބަލި ގަބޫލުނުކުރައްވައެވެ.

"އަހަރުމެން ނެގި މައްސަލަ އަދިވެސް ވަރުގަދައަށް ކުރިއަށް ދަނީ. އަހަރެން ގަބޫލުކުރާ ގޮތުގައި އަހަރުމެން އަހަރުމެން ކާމިޔާބުވާނެ." ޓަރަމްޕްގެ ޓުވީޓުގައި ވެއެވެ.

މުޙައްމަދު ޢަބްދުﷲ
މުޙައްމަދު ޢަބްދުﷲ އަކީ އާފަތިހަށް ލިޔުއްވާތާ އެތައް އަހަރެއް ވެފައިވާ ޢިލްމުވެރި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. ދީނީ ލިޔުމާއި ދުނިޔޭގެ ޚަބަރުތަކަށް އަރައިހުންނެވި ކުޅަދާނަ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.