ކަންނެލި ދޯންޏަކަށް އެރިކަމަށް ބުނެ މީހަކަށް އަނިޔާކުރި މައްސަލަ ފުލުހުން ތަހުގީގުކުރަނީ

ހުޅުމާލޭ ކަންނެލި ޖެޓީގައި އަޅައިފައި އޮތް ކަންނެލި ދޯންޏަކަށް އެރިކަމަށް ބުނެ  މީހަކަށް އަނިޔާކުރި މައްސަލަ ފުލުހުން ތަހުގީގުކުރަމުންދާކަމަށް އެ އިދާރާއިން ހާމަކުރައްވައިފިއެވެ. 

ފުލުހުންގެ މީޑިއާއިން މައުލޫތު ދެއްވި ގޮތުގައި މިކަން ހިނގާފައި ވަނީ މިމަހު 19 ވަނަ ދުވަހުގެ ރޭ 19:25 ހާއިރުއެވެ. މިމައްސަލައިގައި އެއްވެސް މީހަކު ހައްޔަރު ކުރިކަމެއް އަދި ފުލުހުން ހާމަކުރައްވައިފައެއް ނުވެއެވެ. 

މިއަދު މީސްމީޑިއާގައި އާއްމުވެފައިވާ ވީޑިއޯއިން ފެންނަނީ ދޯންޏަށް އެރިކަމަށް ބުނާ މީހާގެ ދެއަތާއި ދެފައިގައި ވާގަނޑަކުން އައްސައި ވާޖަހައިގެން ބިންމައްޗަށް ވައްޓާލައިފައި ބާއްވައި، އަނިޔާކުރަމުން ދާތަނެވެ. ބިންމައްޗަށް ވައްޓާލައިފައިވާ މީހާ، ދޯންޏަށް އަރައި ފޯނާއި ލާރިވެސް ވަގަށް ނެގި ކަމަށް ވަށައިގެން ތިބެ އޭނާއަށް އަނިޔާކުރަމުން ދިޔަ މީހުން ބުނާ އަޑު  އިވެއެވެ. އޭނާ ލައިގެން ހުރި ސޯޓްވެސް އޮތީ ވީދައިގެން ގޮސްފައެވެ. ވާޖަހައިފައި ބިންމައްޗަށް ވައްޓާލައިފައި އޮތް މީހާއަށް އަނިޔާކޮށް އޭނާގެ އަތާއި ފައި ބަނދެފައިވާ ވާގަނޑުގައި ހިފައި ދަމަމުން ގެންގޮސް ވެސް އަނިޔާކުރެއެވެ. ވަށައިގެން ތިބި މީހުންގެ ތެރެއިން ބައެއް މީހުން އެމީހާއަށް އަނިޔާކުރަމުން ދިޔައިރު އެކަމަށް ހިތްވަރުދީ ބައެއް މީހުން ވާހަކަ ދައްކާއަޑުވެސް އިވެއެވެ. ނަމަވެސް އެއްވެސް މީހަކު އެމީހާއަށް ކުރަމުންދާ އަނިޔާ ހުއްޓުވައި އެމީހާ ސަލާމަތްކުރަން މަސައްކަތަކުރާ ތަނެއް ވީޑިއޯ އަކުން ނުފެނެއެވެ.

 

 

 

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.