ކޮވިޑް- 19 ވެކްސިން ހަމަހަމަ ގޮތެއްގައި ލިބޭ ގޮތް ހެދުމަށް ޖީ-20 ގެ އެންމެ އިސްވެރިން ތާއީދުކުރައްވައިފި

ސައޫދީ އަރަބިއްޔާއިން ރިޔާސަތު ބަލަހައްޓާ މިއަހަރުގެ ޖީ-20 ބައްދަލުވުގައި ގައުމުތަކުގެ ވެރިން ވާޗުއަލްކޮށް ބައިވެރިވެވަޑައިގަންނަވަނީ

ކޮވިޑް-19 ވެކްސިން ދުނިޔޭގެ ހުރިހާ ގައުމަކަށް ހަމަހަމަ ގޮތެއްގައި ލިބޭ ގޮތް ހެދުމަށް ތާއީދުކުރައްވައި ސައޫދީ އަރަބިއްޔާގެ ރިޔާސަތުގެ ދަށުން ވާޗުއަލްކޮށް ކުރިއަށްދާ ޖީ-20 ގައުމުތަކުގެ އެންމެ އިސްވެރިންގެ ބައްދަލުވުމުގެ ބައިވެރިން ވާހަކަފުޅުދައްކަވައިފިއެވެ.

"ވެކްސިނެއް ހެދުމާއި، ފަރުވާއާއި، ބަލި ދެނެގަތުމުގެ ވަސީލަތްތައް ފަދަ ކޮވިޑް-19 އާ ގުޅުންހުރި ކަންކަމުގައި ހޯދިފައިވާ ކުރިއެރުންތަކާ މެދު އަހަރުމެން އުއްމީދުގައި ތިބި ނަމަވެސް، މި ވަސީލަތްތައް ހުރިހާ އެންމެންށަށް އެއް ހަމައެއްގައި، އަތްފޯރާ ފަށުގައި ލިބޭފަދަ ހާލަތެއް ގާއިމުކުރަން އަހަރުމެން މަސައްކަތްކުރަންޖެހޭ." ބައްދަލުވުމުގެ ރިޔާސަތުގައި އިންނެވި ސައޫދީ ރަސްގެފާނު ސަލްމާން ބިން ޢަބްދުލްޢަޒީޒު ވިދާޅުވިއެވެ.

ޗައިނާގެ ރައީސު ޝި ޖިންޕިންގ ވަނީ ކޮވިޑް-19 އާ ދެކޮޅަށް ބައިނަލްއަގުވާމީ 'ފަޔަވޯލް' އެއް ގާއިކުކުރުމަށް ގޮވައިލައްވާފައެވެ. އޭނާ ވިދާޅުވީ ކޮވިޑް-19 ވެކްސިން "ހަމަހަމަކަމާ ރޭވުންތެރިކަމާ" އެކު ދުނިޔޭ ކަންކޮޅުތަކަށް ފޯރުކޮށް ދިނުމުގައި ޖީ-20 ގައުމުތަކުން އެހީތެރިވާ ޖެހޭ ކަމުގައެވެ.

"ހަމައެކަނި މުއްސަނދިން އެބައިމީހުންގެ ރައްކާތެރިކަން ހޯދައިގެން އާދައިގެ ދިރިއުޅުމެއް އަލުން ފަށާ، ދެ ދުވެއްޔައި ކުރިއަށްދާ ދުނިޔެއަކަށް އެއްވެސް ހާލެއްގައި ދުނިޔު ވިޔަދީގެން ނުވާނެ." ފްރާންސްގެ ރައީސު އިމާނުއެލް މެކްރޯން ވިދާޅުވިއެވެ.

ޔޫރަޕިއަން ޔުނިއަންގެ ޔޫރަޕިއަން ކޮމިޝަންގެ ވެރިޔާ އުރްސުލާ ވޮން ޑަ ލެޔެން ވަނީ ކޮވިޑް-19 ގެ ވެކްސިނާއި، ޓެސްޓުތަކާއި ފަރުވާ އެންމެންނަށް ލިބޭނެ މަގު ތަނަވަސްކޮށްދިނުމަށް އުފައްދާފައިވާ އެކްސެސް ޓު ކޮވިޑް ޓޫލްސް (އެކްޓް) އެކްސެލެރޭޓަރ އާއި އޭގެ ދަށުން ފަގީރު ގައުމުތަކަށް ވެކްސިން ފޯރުކޮށްދިނުމަށް އުފައްދާފައިވާ ކޮވެކްސް ފެސިލިޓީއަށް ޖީ-20 ގެ ގައުމުތަކުން އަވަހަށް އިތުރު އެހީ ދިނުމަށް ގޮވައިލައްވާފައެވެ.

"ޖީ-20 ބައްދަލުވުމުގައި އަހަރެން ވަނީ 2020 ނިމުމުގެ ކުރިން އެކްޓް އެކްސެލެރޭޓާ މަޝްރުއުގައި 4.5  ބިލިއަން އެމެރިކާ ޑޮލަރު އިންވެސްޓުކުރުމަށް ގޮވާލާފައި." ވޮން ޑަ ލެޔެން ކުރެއްވި ޓުވީޓެއްގައި ވެއެވެ.

މި ބައްދަލުވުމުގައި ވާހަކަފުޅުދައްކަވަމުން ޖަރުމަނުގެ ޗާންސެލާ އެންޖެލާ މާކެލް ވިދާޅުވީ ޖަރުމަނުން މި މަޝްރޫއަށް 500 މިލިއަން ޔޫރޫ ދީފައިވާ ކަމުގައެވެ.

ޖީ-20 ގެ ގައުމުތަކުން ވަނީ ކޮވިޑް-19 އާ ދެކޮޅަށް ދުނިޔޭގައި ކުރެވޭ މަސައްކަތަށް މިހާތަނަށް 21 ބިލިއަން ޑޮލަރު ޚަރަދުކޮށްފައެވެ. އަދި ވައިރަސްގެ ސަބަބުން އަޑިއަޅާލާފައިވާ ދުނިޔޭގެ އިގްތިސާދު ކޮޅަށް ޖެހުމަށް 11 ޓްރިލިއަން ޑޮލަރުގެ އިގުތިސާދީ ޕެކޭޖް ތައާރަފުކޮށްފައެވެ.

އެހެންނަމަވެސް، ޖީ-20 ގައުމުތަކުގެ މި މަސައްކަތް އަދި ފުދޭ ކަމުގައި ނުވެއެވެ. ތަރައްގީ ވަމުން އަންނަ ގައުމުތަކުން ދުނިޔޭގެ މާލީ އިދާރާތަކަށާއި، އެހީދޭ ގައުމުތަކަށް ދަރާފާއިވާ ދަރަންޏަށް ލުއި ދިނުމަށް އެ ޖަމާއަތަށް ދަނީ އެކި ކަންކޮޅުތަކުން ފިއްތުންތައް ކުރިމަތިވަމުންނެވެ.

މުޙައްމަދު ޢަބްދުﷲ
މުޙައްމަދު ޢަބްދުﷲ އަކީ އާފަތިހަށް ލިޔުއްވާތާ އެތައް އަހަރެއް ވެފައިވާ ޢިލްމުވެރި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. ދީނީ ލިޔުމާއި ދުނިޔޭގެ ޚަބަރުތަކަށް އަރައިހުންނެވި ކުޅަދާނަ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.