ހޯމް މިނިސްޓަރ ގެ އިތުބާރު ނެތްކަމުގެ މައްސަލަ މާދަމާގެ ޖަލްސާއަށް އެޖެންޑާކޮށްފި

ފޮޓޯ: ރައްޔިތުންގެ މަޖިލިސް

ހޯމް މިނިސްޓަރ ޢިމްރާން ޢަބްދުﷲގެ އިތުބާރު ނެތްކަމުގެ މައްސަލަ ރައްޔިތުންގެ މަޖިލީހުގެ މާދަމާގެ ޖަލްސާއަށް އެޖެންޑާކޮށްފިއެވެ.

މަޖިލީހުގެ ރައީސް ވިދާޅުވެފައި ވަނީ ހޯމް މިނިސްޓަރ ޢިތުބާރު ނެތްކަމުގެ މައްސަލަ ކުރިއަށް ގެންދެވުމަށް ދެ ގަޑިއިރު އާއްމު ކޮމެޓީން ކަނޑައަޅާފައި ވާކަމަށެވެ.  ޢިތުބާރު ނެތްކަމުގެ މައްސަލައިގައި  ހޯމް މިނިސްޓަރ ޖަވާބުދާރީ ވުމަށް 30 މިނެޓް ބަހާލައިގެން ދެއްވުމަށް ވެސް އާއްމު ކޮމެޓީން ވަނީ ނިންމަވައިފައެވެ. ޖަވާބުދާރީވުމަށް ހޯމް މިނިސްޓަރަށް ވަގުތު ދެއްވުމަށް ނިންމަވައިފައި ވަނީ ބަހުސް ފެށުމުގެ ކުރިން 10 މިނެޓާއި ބަހުސްގެ މެދު ތެރެއިން 10 މިނެޓާއި އަދި ބަހުސް ނިންމުމަށްފަހު 10 މިނެޓް ކަމަށެވެ. 

އިދިކޮޅު ޕީޕީއެމް. ޕީއެންސީ ކޯލިޝަނުން، މަޖިލީހަށް ވެއްދި ހޯމް މިނިސްޓަރ އިމްރާންގެ ޢިތުބާރު ނެތްކަމުގެ މައްސަލަ އެޖެންޑާކުރިއިރު، އެމައްސަލައަށް ތާއީދު ނުކުރަން އެމްޑީޕީ ޕާލިމަންޓްރީ ގްރޫޕުން މިއަދު ވަނީ ނިންމައިފައެވެ. އެމްޑީޕީ ތާއީދު ލިބިގެން ނޫނީ ރައްޔިތުންގެ މަޖިލީހުން މިހާރު ކަމެއް ނުނިންމޭނެއެވެ.

ހޯމް މިނިސްޓަރ އިމްރާން ވަކިކުރުމަށް ރައްޔިތުންގެ މަޖިލީހަށް މައްސަލަ ވަށްދައިފައި ވަނީ އެގާރަ މެމްބަރުންގެ ސޮޔާއެކުއެވެ. އިދޮކޮޅު ކޯލިޝަންގެ މެމްބަރުންގެ އިތުރުން އެމައްސަލައަށް ތާއީދުކޮށް ސޮއިދެއްވީ އަމިއްލަ ދެ މެންބަރުން ކަމަށްވާ ވިލިމާލެ ދާއިރާގެ މެންބަރު އަޙްމަދު އުޝާމާއި ތުލުސްދޫ ދާއިރާގެ މެންބަރު އިބްރާހިމް ނަސީމެވެ.

އިދިކޮޅުން ހޯމް މިނިސްޓަރ ޢިމްރާންގެ ޢިތުބާރު ނެތްކަމުގެ މައްސަލަ ހުށައަޅާފައިވަނީ ހުޅުމާލޭ ފަޅުތެރޭގައި އަޅާފައި އޮތް ސަފާރީއެއްގައި އަންހެނަކަށް ޖިންސީ ގޯނާކުރި މައްސަލައާއި ގުޅިގެން ރޭޑިއޯ ޕްރޮގްރާމެއްގައި ހޯމް މިނިސްޓަރ ދެއްކެވި ވާހަފުޅުތަކާ ގުޅިގެންނެވެ. މީގެއިތުރުން މިނިވަން ނޫހުގެ ނޫސްވެރިޔާ ރިޟްވާން ގެއްލުވާލި މައްސަލައާއި ގުޅޭގޮތުން މޭޑޭގައި ދެއްކި ލިޔުންތަކުގެ ވާހަކަ ފަހުން މިނިސްޓަރ ޢިމްރާން ދެއްކެވި ގޮތުގެ މައްޗަށް ވެސް ޢިތުބާރުނެތްކަމުގެ މައްސަލައިގައި ވަނީ ރިޢާޔަތް ކުރައްވައިފައެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.