އިސްރާއީލާއެކު ގުޅުން ގާއިމުކުރަން ތައްޔާރު، އެހެންނަމަވެސް ފަލަސްޠީނުގެ ދައުލަތެއް އުފެދުމަށް ފަހު: ސައޫދީ ޚާރިޖީ ވަޒީރު

ސައޫދީ ޚާރިޖީ ވަޒީރު ފައިޞަލް ބިން ފަރްޙާން ވ

ސައޫދީ އަރަބިއްޔާއިންވެސް އޮތީ އިސްރާއީލާކު ސުލްހަ ގާއިމުކޮށް ގުޅުން އުފައްދަން ތައްޔާރަށް ކަމަށާއި، އެކަން ކުރާނީ ވަކި ޝަރުޠެއް ފުރިހަމަވުމުން ކަަމަށް ސަޢޫދީ ޚާރިޖީ ވަޒީރު ފައިޞަލް ބިން ފަރްޙާން ވިދާޅުވެއްޖެއެެވެ.

ޚަބަރުފަތުރާ ބޭރުގެ އެޖެންސީއަކަށް ދެއްވި ބަސްދީގަތުމެއްގައި އޭނާ ވިދާޅުވި ގޮތުގައި އެ ޝަަރުޠަކީ ފަލަސްޠީނު މީހުންނަށް އެމީހުންގެ އަމިއްލަ ދައުލަތެއް އުފެއްދުން ޔަގީންކޮށްދޭ ފުރިހަމަ ސުލްހައިގެ އެެއްބަސްވުމެއް ފަލަސްޠީނާއެކު އިސްރާއީލުން ގާއިމުކުރުމެވެ.

ސައޫދީ އަރަބިއްޔާ އަބަދުވެސް ބުނަމުން އައިސްފައި ވަނީ އިސްރާއީލާއެކު ގުޅުން ގާއިމުކުރާނީ ފަަލަސްޠީނު މީހުންނާ އިސްރާއީލާ ދެމެދު ސުލްހައިގެ އެެއްބަސްވުމަކަށް އާދެވުމުން ކަމަށެވެ. ދާދި ފަހުން ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ) އާއި ބަހްރޭނުން އިސްރާއީލާ ގުުޅުން ގާއިމުކުރުމުންވެސް ސައޫދީ ބުނެފައި ވަނީ ހަމަ އެގޮތަށެވެ.

އެހެންނަމަވެސް، އެ ދެ ގައުމުން އިސްރާއީލާ ގުޅުން ގާއިމުކުރުމުން ސައޫދީން ބަހާއި އަމަލު ހުރީ އެ ދެ ގައުމަށް ތާއީދުކުރާ ގޮތަށެވެ. އެ ދެ ގައުމުން އިސްރާއީލާ ގުޅުން ގާއިކުރުމާ މެދު ދެކެވަޑައިގަންވަނީ ކޮން ގޮތަކަށްތޯ އޭރު ނޫސްވެރިޔަކު ސުވާލުދެންނެވުމުން ފައިޞަލް ބިން ފަރްޙާން ވިދާވެފައި ވަނީ "ކޮންމެ ދައުލަތެއްވެސް ކަން ކުރާނީ އެ ބަޔަކަށް ރަނގަޅު ކަމަށް ފެންނަ ގޮތަަކަށް" ކަމުގައެވެ.

ފާއިިތުވި އޮގަސްޓު މަހުވެސް ސައޫދީ އަރަބިއްޔާއިން ބުނެފައި ވަނީ އެ ގައުމުން މިހާރުވެސް އޮތީ ސުލްހައިގެ އަރަބި މަޝްރޫއުގައި ހިފަހައްޓައިގެން ކަމުގައެވެ. އެއީ، 1967 ގައި ހިފާފައިވާ ބިންތަކުން އިސްރާއީލު ފައިބައި އެބިމުގައި ފަލަސްޠީނުގެ ދައުލަތެއް ގާއިމުުކުރުމަށް އެއްބަސްވުމުން އަރަބި ގައުމުތަކުން އިސްރާއީލު ގަބޫލުކުރާ ގޮތަށް އެކުލަވާލާފައިވާ މަޝްރޫއެކެވެ. އޮގަސްޓު މަހުގެ ތެރޭގައި ވެސް އިސްރާއީލާ ސައޫދީން ގުޅުން ގާއިމުކުރުމާ ގުޅޭ ގޮތުން ސުވާލު ދެންނެވުމުން ޚާރިޖީ ވަޒީރު ފަރްޙާން ވިދާާޅުވީ "އިސްރާއީލާއި ފަލަޞްޠީނަށް ސުލްހައާއި ހަމައަް އާދެވުމުން ދެން ކޮންެމެ ކަމެއްވެސް ވެދާނެ" ކަމުގައެވެ.

މުޙައްމަދު ޢަބްދުﷲ
މުޙައްމަދު ޢަބްދުﷲ އަކީ އާފަތިހަށް ލިޔުއްވާތާ އެތައް އަހަރެއް ވެފައިވާ ޢިލްމުވެރި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. ދީނީ ލިޔުމާއި ދުނިޔޭގެ ޚަބަރުތަކަށް އަރައިހުންނެވި ކުޅަދާނަ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.