ރަސޫލާއަށް ނިސްބަތްކޮށް ކުރަހާފައިވާ ކާޓޫނުތަކާ ދެކޮޅު ހަދާ 'ބިދޭސީ' އާއިލާތައް ފްރާންސުން ޑީޕޯޓްކުރާނެ ކަމުގެ އިންޒާރު ދީފި

ފްރާންސު ޕެރިހުގައި ހުންނަ ގްރޭންޑް މޮސްކް

ކީރިތި ރަސޫލާ މުޙައްމަދު صلى الله عليه وسلم އަށް ނިސްބަތްކޮށް ކުރަހާފައިވާ ކާޓުނު ފްރާންސުގެ މަދަރުސާތަކުގައި ދަރިވަރުންނަށް ދެއްކުމާ ދެކޮޅު ހަދާ 'ބިދޭސ' އާއިލާތައް އެގައުމަށް އެނބުރި ނާދެވޭ ގޮތަށް ބޭރު (ޑީޕޯޓް) ކޮށްލާނެ ކަމުގެ އިންޒާރު އެ ގައުމުގެ އިންޓީރިއާ މިނިސްޓަރު ދެއްވައިފިއެވެ.

ފަރަންސޭސި (ފްރެންޗް) ބަހުން ދުރަށް ފޮނުވާ ޔޫރަޕް-1 ރޭޑިޔޯގައި ވާހަކަފުޅު ދައްކަވަމުން އިންޓީރިއާ މިނިސްޓަރު ޖެރާލްޑް ޑަރްމަނިން ވިދާޅުވީ އެ ކާނުތަކަކީ ޚިޔާލު ފާޅުކުރުމުގެ މިނިވަންކަމުގެ ދަށުން ރައްކާތެރިކުރެވިފާ ކާޓޫނުތަކަކަށް ވާއިރު، އެ ކާޓޫނުތައް އާއްމުތަންތަނުގައި ދެއްކުމާ ދެކޮޅުހަދާ ފަރާތްތަކާ ދެކޮޅަށް ދައުވާ އުފުލޭނެ ކަމުގައެވެ.

އޭނާ އިތުރަށް ވިދާޅުވީ އެ 'ޖަރީމާ' ހިންގާ 'ބިދޭސީ’ އާއިލާތަށް ފްރާންސަށް އެނބުރި ނާދެވޭ ގޮތަށް ބޭރުވެސް ކޮށްލެވިދާނެކަން އެއާއިލާތަކުން ދަންނަން ޖެހޭނެ ކަމުގައެވެ.

ލަފާކުރެވޭ ގޮތުގައި ދާޚިލީ ވަޒީރު 'ބިދޭސީ' އާއިލާތައް ކަމަށް އެ އިޝާރާތްކުރައްވަނީ ބޭރު ގައުމުތަކުން ފްރާންސަށް ހިޖުރަކޮށް އެ ގައުމުގައި ދިރިއުޅެމުންދާ މުސްލިމް އާއިލާތަކަށެވެ.

އިސްލާމްދީނަކީ 'މައްސަލައުފައްދާ' އެ 'ފެތުރުން ހުއްޓަން ޖެހޭ' ދީނެއް ކަމަށް ވިދާޅުވެ ފްރާންސްގެ ރައީސު އިމާނުއެލް މެމްރޯން އިސްލާމްދީނާ ދިމާކުރެއްވި ފަހުން، ފްރާންސުން ދަނީ އެ ގައުމުގައި ދިރިއުޅޭ މުސްލިމުންނަށް ދަތިކުރުމަށް ތަފާތު ފިޔަވަޅުތައް އަޅަމުންނެވެ. އޭނާ ވަނީ 'ޝަޣްލީ އެބްދޯ' މަޖައްލާގައި ކީރިތި ރަސޫލާ صلى الله عليه وسلم އަށް ނިސްބަތްކޮށް ކުރެހި ދަށު ދަރަޖައިގެ ކާޓޫނުތަކަށް ވެސް ތާއީދުކުރައްވާފައެވެ.

ފްރާންސުގެ ސަރުކާރުން މުސްލުމުންނާ ދެކޮޅަށް ހިންގާ އަމަލުތައް ކުށްވެރިކޮށް ވާހަކަދެއްކި ޖަމްއިއްޔާތަކާ މިސްކިތްތައް ވަނީ ބަންދުކޮށްފައެވެ. އަދި މުސްތަގުބަލުގައި އެކަން ކުރާ ތަންތަން ބަންދުކުރާނެ ކަމުގެ އިންޒާރު ވަނީ ދީފައެވެ.

ޚިޔާލު ފާޅުކުރުމުގެ މިނިވަންކަން ދިފާއުކުރުމުގެ ނަމުގައި މެކްރޯންގެ ސަރުކާރުން ކާޓޫނުތައް ދިފާއުކުރާއިރު، އެ ގައުމުގައި ދިރިއުޅޭ މުސްލިމުންގެ ޝުއޫރުތައް ފާޅުކުރާ ލިއުންތައް ނެގުމަށް ސަރުކާރުން ދަނީ ޚަބަރުފަތުރާ ވަސީލަތްތަކަށް އަންގަމުންނެވެ. އެ ގޮތުން ފާއިތުވި މަދު ދުވަސްތަކުގައި ފައިނޭންޝަލް ޓައިމްސް، ޕޮލިޓިކޯ، ލެމޮންޑް އަދި އެސޯޝިއޭޓެޑް ޕްރެސްއިން ބައެއް ލިއުންތައް ނެގުމަށް އަންގާފައި ވެއެވެ.

މުޙައްމަދު ޢަބްދުﷲ
މުޙައްމަދު ޢަބްދުﷲ އަކީ އާފަތިހަށް ލިޔުއްވާތާ އެތައް އަހަރެއް ވެފައިވާ ޢިލްމުވެރި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. ދީނީ ލިޔުމާއި ދުނިޔޭގެ ޚަބަރުތަކަށް އަރައިހުންނެވި ކުޅަދާނަ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.