ސައޫދީ ރަސްގެފާނު ތުރުކީގެ ރައީސަށް ފޯނުން ގުޅުއްވައި މަޝްވަރާކުރައްވައިފި

ސައޫދީ ރަސްގެފާނު ސަލްމާން ބިން ޢަބްދުލްޢަޒީޒުއާއި ތުރުކީގެ ރައީސު ރަޖަބް ޠައްޔިބް އެރްދޮޣާން 14 ފެބުރުވަރީ 2017 ގައި ރިޔާޟުގައި ބައްދަލުކުރައްވަނީ

ސައޫދީ އަރަބިއްޔާގެ ރަސްގެފާނު ސަލްމާން ބިން ޢަބްދުލްޢަޒީޒު ތުރުކީގެ ރައީސު ރަޖަބް ޠައްްޔިބް އެރްދޮޣާނަށް ފޯނުން ގުޅުއްވައި މަޝްވަރާކުރައްވައިފިއެވެ.

ތުރުކީގެ ޕްރެޒިޑެންޝަން ކޮމިއުނިކޭޝަންސް ޑިރެކްޓަރެޓުން ބުނި ގޮތުގައި ރަސްގެފާނު ސްލަމާނާއި ރައީސު އެރްދޮޣާން މަޝްވަރާކުރައްވާފައި ވަނީ މިއަދު ރިޔާޟުގައި ފެށޭ ޖީ-20 އެންމެ އިސްވެރިންގެ ވާޗުއަލް ބައްދަލުވުގެ ކުރިން ދެ ގައުމުން ގުޅިގެން މަސަައްކަތްކުރެވިދާނެ ކަންކަމާ ބެހޭ ގޮތުންނެވެ.

ސައޫދީ ޕްރެސް އެޖެންސީން އާއްމުކުރި ކުރު ޚަބަރެއްގައި ބުނެފައިވަނީ ޖީ-20 އެންމެ އިސްވެރިންގެ ބައްދަލުވުމާ ގުޅިގެން އެކުގައި ކުރެވިދާނެ މަސައްކަތްތަކާ، ދެ ގައުމުގެ ގުޅުން ރަނގަޅުކުރުމަށް ކުރެވިދާނެ ކަންކަމާ ބެހޭގޮތުން ދެ ބޭފުޅުން މަޝްވަރާކުރެއްވި ކަމަށެވެ.

ތުރުކީން ބުނި ގޮތުގައި ދެ ގައުމުގެ ދެެމެދުގައި އުފެދިފައިވާ މައްސަލަތައް ހައްލުކޮށް، ގުޅުން ރަނގަޅުކުރުމަށް މަސައްކަތް ކުރުމަށްޓަަކައި މަަޝްވަރާގެ ދޮރުތައް ހުޅުވާފައި ބެހެއްޓުމަށް ދެ ބޭފުޅުން ވަނީ އެއްބަސްވެވަޑައިގެންފައެވެ.

ނޮވެންބަރު 2019 އިން ފެށިގެން ޖީ-20 ގެ ރިޔާސަތު ބަލަހައްޓަމުން ގެންދަނީ ސައޫދީ އަރަބިއްޔާއިންނެވެ. ޖީ-20 ގައި ސައޫދީ އަރަބިއްޔާގެ އިތުރަށް އިމެނެނީ ޖަރުމަނު، އެމެރިކާ، ތުރުކީ، އާޖެންޓީނާ، އޮސްޓްރޭލިޔާ، ބްރެޒިލް، ޗައިނާ، އިންޑޮނޭޝިޔާ، ފްރާންސް، ދެކުނު އެފްރިކާ، ދެކުނު ކޮރެޔާ، އިންޑިޔާ، އިނގިރޭސިވިލާތް، އިޓަލީ، ޖަޕާން، ކެނެޑާ، މެކްސިކޯ އަދި ރަޝިޔާއެވެ. މިއަދު ފެށޭ ބައްދަލުވުުމުގައި ޔޫރަޕިއަން ކޮމިޝަނުންވެސް ބައިވެރިވާނެއެވެ.

ތުރުކީއާއި ސައޫދީ އަރަބިއްޔާގެ ގުޅުން ސަލްމާން ރަސްގެފާނުގެ ރަސްކަމުގެ 6 އަހަރު ދުވަހު ތެރޭގައި ވަނީ ވަރަށް ބޮޑަށް ގޯސްވެފައެވެ. ދެ ގައުމުގެ ދެމެދުގައި މައްސަލަ އުފެދެން ޖެހުނު ކަންކަމުގެ ތެެރޭގައި، މިސްރުގައި ސީސީ ގެނައި އިންގިލާބަށް ތާއީދު ނުކޮށް ތުރުކީ މުރުސީގެ ހައްގުގައި ވާހަކަދެއްކުމާއި،  ތުރުކީން ޙަމާސްއަށް ތާއީދުކުރުމާއި، ޤަޠަރު ހިސާރުކުރުމުން ތުރުކީން ޤަޠަރަށް ތާއީދުކުރުމާއި، އިސްތަންބޫލުގައި ހުންނަ ސައޫދީ ކޮންސިއުލޭޓުގައި ޖަމާލް ޚާޝުޤްޖީ މަރާލުމުގެ ފަހަތުގައި ސައޫދީ އިސް ވެރިން ވާކަމަށް ތުރުކީން ބުނުން ހިމެނެއެވެ.

ގުޅުންތައް ގޯހުން ގޯހަށް ގޮސް ފާއިތުވި އޮކްޓޯބަރު މަހުގެ ތެރޭގައި ސައޫދީ ޗެމްބަރ އޮފް ކޮމާސް އިން ވަނީ ތުރުކީއަށް ނިސްބަތްވާ ކޮންމެ އެެއްޗެއް، އެއީ އުފައްދުން ކަމަށް ވިޔަސް، އިންވެސްޓްމަންޓް ކަމަށް ވިޔަސް އަދި ފަތުރުވެރިކަން ކަމަށް ވިޔަސް، ބޮއިކޮޓްކުރުމަށް ހުރިހާ ސައޫދީންނަށް ގޮވާލާފައެވެ.

މި ފެންވަަރަށް ގުޅުން ގޯސްވެފައި ވަނިކޮށް ސަލްމާން ރަސްގެފާނު އިސްނަންގައިވައި ރައީސު އެރްދޮޣާނަށް ގުޅުއްވުމަކީ ގުޅުން ރަނގަޅުކުރަން ސައޫދީން ބޭނުންވާ ކަމުގެ ހެއްކެއް ކަަމަށް މުރާސިލުން ދެކެއެވެ.

މުޙައްމަދު ޢަބްދުﷲ
މުޙައްމަދު ޢަބްދުﷲ އަކީ އާފަތިހަށް ލިޔުއްވާތާ އެތައް އަހަރެއް ވެފައިވާ ޢިލްމުވެރި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. ދީނީ ލިޔުމާއި ދުނިޔޭގެ ޚަބަރުތަކަށް އަރައިހުންނެވި ކުޅަދާނަ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.