އަންނަ އަހަރު ކުރީކޮޅު އުތުރުގެ ހަތަރު އަތޮޅޮގެ ބައެއް ރަށްތައް ފަތުވެރިކަމަށް ދޫކުރަނީ

އަންނަ އަހަރު ކުރީކޮޅު އުތުރުގެ ހަތަރު އަތޮޅުކަމަށްވާ ތިލަދުންމަތީ ދެބުރިއާއި މިލަދުންމަޑުލު ދެބުރީގެ ބައެއް ރަށްތައް ފަތުވެރިކަމަށް ބީލަމަށް ހުޅުވާލައްވާނެކަމަށް ރައީސުލް ޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.

ހޯރަފުށީ އެއާޕޯޓް ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ އެންމެ އަވަހަށް ރިޒޯޓް ތަރައްގީކުރާ ތަންތަނުގެ ތެރޭގައި، ދިއްދޫގެ ދެކުނުން އޮތް އަލިދުއްފަރުފިނޮޅާއި ހޯރަފުށީގެ އުތުރުން އޮތް މެދަފުށިވެސް ހިމެނޭނެކަމަށެވެ. އަލިދުއްފަރުފޮނޮޅާއި މެދަފުށި ރިޒޯޓެއްގެ ގޮތުގައި ތަރައްގީކުރުމަށް ވަރަށް އަވަހަށް ބީލަމަށް ހުޅުވާލެވޭނެކަމަށް ވިދާޅުވިއެވެ. ހއ، ހދ، ށ، އަދި ނ. އަތޮޅުގެ ބައެއް ރަށްތައް، ފަތުރުވެރިކަން ތަރައްޤީކުރުމަށް ބީލަމަށް ހުޅުވާލައްވާނީ އަންނަ އަހަރު ކުރީ ކޮޅު ކަމަށް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ މިސަރުކާރުން މިހާތަނަށް ފަތުރުވެރިކަމަށް އެއްވެސް ރަށެއް ދޫކޮށްފައި ނުވާނެކަމަށެވެ. ރައީސް ޔާމީންގެ ސަރުކާރުން ނުއަގުގައި ވިއްކި  85 ރިސޯޓް އަދިވެސް އޮތީ ނުހެދިކަމަށް ރައީސް ވިދާޅުވިއެވެ.

"ކުރީގެ ސަރުކާރުތަކުން އަޅުގަނޑު ދަންނަވާނީ ވިއްކާފައޭ ހުރީ 85 ރަށް. ރިޒޯޓު ނުހެދި އެބައޮތް. ދައުލަތަށް ލިބެންވާ އާމްދަނީއެއް ނެތް. ނުލިބޭ. އަޅުގަނޑުމެން މިހާތަނަށް އައިއިރުގައި، އެއްވެސް ފަޅުރަށެއް ރިޒޯޓު ހަދާކަށް އަދި ދޫކޮށްފައެއް ނޯންނާނެ. އަދި އެހިސާބުން ނިމުނީކީ ނޫނޭ އިނގޭތޯ. ރައީސް ޔާމީނުގެ ވެރިކަމުގައި ދޫކުރި ރަށްތައް ނުއަގުގައި ދޫކޮށް، އެ ލިބުނު ފައިސާކޮޅުވެސް ހިފައިގެން ވަޑައިގެންނެވީ. އެވެސް ބަޖެޓުގައި ހުރިނަމަތާ، މި ދަތި ހާލަތުގައި އަޅުގަނޑުމެންނަށް އެއިން ޚަރަދު ކުރެވޭނީ." ރައީސް ވިދާޅުވިއެވެ.

ހޯރަފުށީ އެއާޕޯޓަކީ، އުތުރުގެ ފަތުރުވެރިކަމަށްވެސް ލިބުނު ވަރަށް ބޮޑު އުންމީދެއްކަމަށް  ރައީސް ވިދާޅުވިއެވެ. އެހެންކަމުން މިހާރު މިއޮތީ، އުތުރުގެ ރަށު ފަތުރުވެރިކަން ތަރައްގީކުރުމުގެ މަސައްކަތް ފަށާންވީ ވަގުތު ޖެހިފައި ކަމަށް ދެކިވަޑައިގަންނަވާކަމަށް ވެސް ވިދާޅުވިއެވެ.

"މިރަށުން ފަތުރުވެރިކަމަށް ދޫކުރާނެ ބިންތައް، ގާނޫނުގައިވާ ގޮތުގެ މަތިން، ޕްލޭނިންގ މިނިސްޓްރީގެ ލަފަޔާއެކު، މިދިޔަ ހޯމަ ދުވަހު އަޅުގަނޑު ވާނީ ކަނޑައަޅާފައި. ރަށު ތަރައްގީގެ ޕްލޭނާ އެއްގޮތަށް އެކަމަށް އަވަހަށް ބިން ދޫކުރަން ފެށުމަށް ރަށު ކައުންސިލްތަކަށް  އަޅުގަނޑު މިއަދު ގޮވާލަން. މިހާތަނަށް މި އަތޮޅުގައި ފަތުރުވެރިކަމުގެ މާގިނަ ފުރުސަތުތަކެއް ނެތަސް، މިއެއާޕޯޓާއެކު، ފަތުރުވެރިކަމުގެ ވަރަށް ފަހި ފުރުސަތުތަކެއް، މި ސަރަހައްދުގައި ތަނަވަސްވެގެންދާނެ." ރައީސް ވިދާޅުވިއެވެ.

ހއ. ކެލާގައި ޓޫރިސްޓް ހޮޓަލެއް ތަރައްގީކުރުމަށް، އަށްލައްކަ އަކަފޫޓަށްވުރެ ބޮޑު ބިމެއް މިދިޔަ އާދީއްތަ ދުވަހު ބީލަމަށް ހުޅުވައިލެވިފައި.ވާކަމަށް ވެސް ރައީސް ވިދާޅުވިއެވެ. މީގެ އިތުރުން، އުލިގަމުގައި ޓޫރިސްޓް ހޮޓަލަކާއި ޔޮޓް މެރީނާއެއް ތަރައްގީކުރުމަށް، ދެވަނަފަހަރަށް، ވަރަށް އަވަހަށް ބީލަމަށް ހުޅުވައިލެވޭނެ.ކަމަށް ވެސް ވިދާޅުވިއެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.