ޓްރަމްޕް ސަރުކާރުން އިސްރާއީލަށް ދޭ އެންމެ ފަހުގެ ހަދިޔާ: ޕޮމްޕެއޯ ޔަހޫދީ އާބާދީއަކަށާާާއި ޖޫލާނަށް ޒިޔާރަތްކުރެއްވުން

އެމެރިކާގެ ސެކްރެޓަރީ ސާޣޫތު ޔަހޫދީ އާބާދީގައި ހުންނަ ރާ އުފައްދާ ކާރުޚާނާގައި

އިސްރާއީލުން ވެރިވެގަނެގެން އުޅޭ ހުޅަނގު އައްސޭރީގައި ހަދާފައިވާ ޣައިރުގާނޫނީ އާބާދީތަކަށް އެމެރިކާގެ ފުރަތަމަ ސެކްރެޓަރީ އޮފް ސްޓޭޓް (ޚާރިޖީ ވަޒީރު) މައިކް ޕޮމްޕެއޯ ވަޑައިގެންފިއެވެ. ހުޅަނގު އައްސޭރީގެ ފަލަސްޠީނު އަވަށެއް ކަމުގައިވާ އަލްބީރާގައި ހަދާފައިވާ ޔަހޫދީ އާބާދީ 'ބިސާޣޫތު' އަށް ޕޮމްޕެއޯ ކުރެއްވި ޒިޔާރަތަކީ އެމެރިކާގެ ވަޒީރަކު މިފަދަ އާބާދީއަކަށް ކުރެއްވި ފުރަތަމަ ޒިޔާރަތެވެ.

މި ދަތުރުފުޅުގައި އޭނާ ވަނީ އިސްރާއީލު ރުހޭނެ އެހެން ކަމެއްވެސް ކުރައްވާފައެވެ. އެއީ ހުޅަނގު އައްސޭރީގައި ގާއިމުކޮށްފައިވާ ޣައިރު ގާނޫނީ އާބާދީތަކުގައި އުފައްދާ ތަކެތި 'އަ ޕްރޮޑަކްޓް އޮފް އިޒްރޭލް' (އިސްރާއީލުގެ އުފެއްދުމެއް) ގެ ގޮތުގައި އެމެރިކާއަށް އެތެރެކުރުމުގެ ފުރުސަތު ދިނުމެވެ.

ޕޮމްޕެއޯ ޔަހޫދީ އާބާދީއަކަށް ޒިޔާރަތްކުރެއްވުމާ، ޔަހޫދީ އާބާދީތަކުގެ އުފެއްދުމަކީ އިސްރާއީލުގެ އުފެއްދުންކަމަށް ކަނޑައެޅުއްވި އިރު އޭނާގެ މި ދެ އަމަލަކީވެސް ބައިނަލް އަގުވާމީ ގާނޫނުތަކާ ޚިލާާފު ދެ އަމަލެވެ.

އެމެރިކާގެ ޚާރިޖީ ވަޒީރުގެ މިދަތުުފުޅާ ދެކޮޅަށް ނުކުމެ އަލްބީރާގެ ރައްޔިތުން ވަނީ ވަރުގަދަ މުޒާހަރާތަކެއް ކޮށްފައެވެ. މުޒާހަރާކުރި މީހުންނާ އިސްރާއީލުގެ ސަލާމަތީ ބާރުތަކާ ދެމެދު ވަރުގަަދަ ކުރިމަތިލުންތަކެއް ހިނގާފައި ވެއެވެ.

ފަލަސްޠީނު ސަރުކާރުން ވެސް ޕޮމްޕެއޯގެ މި އަމަލު ވަރަށް ބޮޑަަށް ކުށްވެރިކޮށްފައެެވެެ.

"(ޕޮމްޕެއޯގެ) މި ނިންމެވުމަކީ ބައިނަލްއަގުވާމީ ގާނޫނީ އިދާރާތަކުގެ ގަރާރުތަކަށް ފާޅުގައި ގޮންޖެއްސެވުން، އެމެރިކާ މި ފިޔަވަޅުން އިސްރާއީލުގެ އާބާދީތަކަށް ގާނޫނީ ސިފައެެއް ދުވަހަކުވެސް ނުލިބޭނެ." ފަލަސްޠީނުގެ ރައީސުގެ ތަރުޖަމާނު ނަބީލް އަބޫރުދައިނާ ވިދާޅުވިއެވެ.

ހުޅަނގު އައްސޭރީގެ ޔަހޫދީ އާބާދީއަށް ޒިޔާރަތްކުރެއްވުމަށް ފަހު މައިކް ޕޮމްޕެއޯ ވަނީ އިސްލާއީލުން ހިފާފައިވާ ސީރިޔާ (ސޫރިޔާ) ގެ ސަރަހައްދެއް ކަމުގައިވާ ޖޫލާންގެ އުސްބިންތަކަށް (ގޯލާން ހައިޓްސް) ވެސް ޒިޔާރަތްކުރައްވާފައެވެ.

ޓްރަމްޕްގެ ސަރުކާރުގެ ޚާރިޖީ ވަޒީރުގެ މި  ދަތުރުފުޅުތަކަކީ އެ ސަރުކާރުން އިސްރާއީލަށް ދިން ހަދިޔާތަކުގެ ތެރެއިން އެންމެ ފަހު ހަދިޔާއަށް ވެދާނެއެވެ. ޓްރަމްޕްގެ ސަރުކާރުން ވަނީ އިސްރާއީލަށް މިފަދަ ކިތަންމެ ހަދިޔާއެއް ދީފައެވެ. އޭގެ ތެރޭގައި، އެމެރިކާގެ އެމްބަސީ ޓެލްއަވީވް (ތައްލުއަބީބް) އިން ޤުދްސް (ޖެރޫސަލަމް) އަށް ބަދަލުކުރުމާއި، ހުޅަނގު އައްސޭރީގައި ހަދާފައިވާ ޔަހޫދީ އާބާދީތަކަކީ އިސްރާއީލުގެ ސިޔާދަތު ހިނގާ ތަންތަން ކަމަށް ނިންމުމާއި، ޖޫލާންގެ އުސްބިންތަކަކީ އިސްރާއީލުގެ ބައެއްކަމަށް އިސްރާއީލުން ކުރާ ދައުވާއަށް ތާއީދުކުރުމާއި، ފަލަސްޠީނުގެ ބިމުގައި ދެ ދައުލަތް އޮތުމުގެ ހައްލަށް ތާއީދުކުރުން ދޫކޮށްލުމާއި، އެމެރިކާގައި ހުރި ފަލަސްޠީނުގެ އޮފީސް ބަންދުކުރުމާއި، އިރުމަތީ ޤުދްސުގައި ދިރިއުޅޭ ޔަހޫދީންނަކީ އިސްރާއީލުގެ ރައްޔިތުން ކަމަށް ބަލައިގަތުން ހިމެނެއެވެ.

މި ބުނެވުނު ހުރިހާ ނިންމުންތަކަކީ އެމެރިކާގެ ކުރީގެ ސަރުކާރުތަކުން ނިންމަން ދެކޮޅު ހަދާފައި ހުރި ނިންމުންތަކެވެ.

މުޙައްމަދު ޢަބްދުﷲ
މުޙައްމަދު ޢަބްދުﷲ އަކީ އާފަތިހަށް ލިޔުއްވާތާ އެތައް އަހަރެއް ވެފައިވާ ޢިލްމުވެރި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. ދީނީ ލިޔުމާއި ދުނިޔޭގެ ޚަބަރުތަކަށް އަރައިހުންނެވި ކުޅަދާނަ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.