ލަންކާއަށް ދިވެހި ކަނޑު މަސް އެތެރެކުރުމަށް އެއްވެސް ހުރަހެއް ނޯންނާނެކަމުގެ ޔަގީކަން ރައީސް ދެއްވައިފި

ލަންކާއަށް ދިވެހި ކަނޑު މަސް އެތެރެކުރުމަށް އެއްވެސް ހުރަހެއް ނޯންނާނެކަމުގެ ޔަޤީންކަން ރައީސް އިބްރާޙިމް މުޙައްމަދު ޞާލިޙް ދެއްވައިފިއެވެ.

ހޯރަފުށީ އެއާޕޯު ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ ލަންކާގެ ކަސްޓަމްސް އިން އެ ޔަޤީންކަން ދެއްވައި ރާއްޖޭގެ ފޮރިން މިނިސްޓަރަށް ފޮނުއްވި ސިޓީފުޅެއް އެމަނިކުފާނަށް ލިބިވަޑައިގެންފައި ވާކަމަށެވެ.

"އެސީޓީގައި އޮތީ ސިލޯނުގެ ފިނޭންސް މިނިސްޓްރީއާ ހަވާލާ ދެއްވައި، ރާއްޖޭގެ ހިކި ކަނޑުމަހާއި ލޮނުމަސް އެތެރެކުރުން މަނާކުރާ އެއްވެސް ޕޮލިސީއެއް އަދި ސިލޯނުގެ ސަރުކާރުގައި އަދި ނެތް ވާހަކަ. އެހެންކަމުން އެކަމަށް ދައްޗެއް ނެތި ރާއްޖޭގެ މަސް ސިލޯނަށް އެތެރެކުރެވޭނެ ކަމުގެ ޔަގީންކަން ފޮރިން މިނިސްޓަރ މިހާރު ވަނީ އަޅުގަނޑުމެންނަށް ދެއްވައިފައި." ރައީސް ވިދާޅުވިއެވެ.

ލަންކާއަށް ދިވެހި ހިކިމަހާއި ލޮނުމަސް އެތެރެކުރުމަށް މަސްވެރިންނަށް ކުރިމަތިވި ދަތިތަކާ ގުޅިގެން އެދުވަހުން ފެށިގެން ފޮރިން މިނިސްޓަރ ޢަބްދުﷲ ޝާހިދު އެމައްސަލަ ޙައްލުކުރެއްވުމަށް މަސައްކަތް ކުރެއްވިކަން ރައީސް ފާހަގަކުރެއްވިއެވެ.

ލަންކާއަށް މަހުގެ ބާވަތްތައް އެތެރެކުރުމުގެ ސިޔާސަތަށް ގެނައި ބަދަލުތަކާއެކު ރާއްޖެއިން އެގައުމަށް އެތެރެކުރި މަހުގެ ޝިޕްމަންޓްތަކެއް އެތެރެ ނުކުރެވުނު މައްސަލައެއް ހައްލުކޮށް، އެ ޝިޕްމަންޓްތައް އެގައުމަށް އެތެރެކޮށްފައި ވާނެ ކަމަށް ވެސް ފޮރިން މިނިސްޓްރީން ކުރިން ވަނީ ބުނެފައެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.