ޑަބްލިޔުއެޗްއޯގެ ޑިރެކްޓަރ ޖެނެރަލް ޓިގްރޭ 'ބާޣީން'ނަށް އެހީތެރިވެވަޑައިގަންނަވާ ކަމުގެ ތުހުމަތު އިތިއޯޕިޔާއިން ކޮށްފި

ޓިގްރޭގެ ސަރަހައްދީ ސަރުކާރާ، އިތިއޯޕިޔާގެ މައި ސަރުކާރާ ދެމެދު ކުރިއަށްދާ ހަމަނުޖެހުމުގައި ޑަބްލިޔުއެޗްއޯގެ ޑިރެކްޓަރ ޖެނެރަލް ޓެޑްރޯސް އަދަނޯމް ގެބްރަޔޭސަސް ޓިގްރޭ ސަރުކާރަށް އެހީތެރިވެވަޑައިގަންނަވާ ކަމުގެ ތުހުމަތު އިތިއޯޕިޔާއިން ކޮށްފިއެވެ.

ޓިގްރޭގެ ސަރުކާރު ހިންގާ ޓިގްރޭ ޕީޕަލްސް ލިބަރޭޝަން ފްރަންޓް (ޓީޕީއެލްއެފް) އިން ދަނީ އެ ސަރަހައްދުގެ ކޮންޓުރޯލު އަތުލަން މަސައްކަތްކުރާ އިތިއޯޕިޔާ ސަރުކާރުގެ ސިފައިންނާ ހަނގުރާމަކުރަމުންނެވެ. އަދި ހަތިޔާރު ބަހައްޓައި އަމާންދިނުމަށް ބޮޑުވަޒީރު އަބީ އަޙްމަދު ގޮވައިލެއްވުމުން، ޓިގްރޭއިން ބުނެފައި ވަނީ ހަތިޔާރު ނުބަހައްޓާނެ ކަމަށެވެ.

"އޭނާއަކީ އެ ގްރޫޕް (ޓީޕީއެލްއެފް) ގެ މެންބަރެއް. އޭނާ ގެންދަނީ އެމީހުންނަށް އެހީތެރިވުމަށް ކުރެވުނު ކަމެއް ކުރަމުން." ޑިރެކްޓަރ ޖެނެރަލް ގެބްރަޔޭސަސްއަށް ތުހުމަތުގެ އިނގިލި ދިއްކުރައްވަމުން އިތިއޯޕިޔާގެ ޗީފް އޮފް އާމީ ސްޓާފް ޖެނެރަލް ބިރްހާނޫ ޖޫލާ ވިދާޅުވިއެވެ. "އޭނާ ވަނީ މި ހަނގުރާ ކުށްވެރިކުރުން އެދި އަވަށްޓެރި ގައުމުތަކުގައި މަސައްކަތްކޮށްފަ. އޭނާ ވަނީ އެމީހުންނަށް (ޓިގްރޭގެ ހަނގުރާމަވެރިންނަށް) ހަތިޔާރު ހޯދަން މަސައްކަތްކޮށްފަ."

އިތިއޯޕިޔާގެ ޓިގްރޭ ނަސްލުގެ ބޭފުޅެއް ކަމުގައިވާ ގެބްރަޔޭސަސް ވަނީ ޓީޕީއެލްއެފް ޒައާމަތުގައި އިތިއޯޕިޔާގައި ކުރިން އޮތް ކޯލިޝަން ސަރުކާރުގައި ހެލްތު މިނިސްޓަރުކަން ކުރައްވާފައެވެ. އަދި މޭ 2017 ގައި އޭނާ ޑަބްލިޔުއެޗްއޯގެ ޑިރެކްޓަރ ޖެނެރަލްގެ މަގާމަށް ހޮވިވަޑައިގަތީ އެފްރިކާ ބައްރުން އެ މަގާމަށް ހޮވިވަޑައިތް ފުރަތަމަ ބޭފުޅާގެ ގޮތުގައެވެ.

ގެބްރަޔޭސަސްއަކީ "އެޓީމުގެ އެކަކު" ކަމުގައި ސިފަކުރައްވަމުން ޖެނެރަލް ޖޫލާ ތުހުމަތުކުރެއްވި ގޮތުގައި "އޭނާގެ ކިބައިން އަހަރުމެން އުއްމީދުކުރަންވީ ކޮންކަމަކަށް؟ އޭނާ އިތިއޯޕިޔާގެ ރައްޔިތުންނާ އެކު ހުންނާނެކަމަށް އަހަރުމެން އުއްމީދެއް ނުކުރަން"

ޖެނެރަލް ޖޫލާ ވަނީ ގެބްރަޔޭސަސް އަކި "މުޖިރިމެއް" ކަމަށް ސިފަކުރައްވައި ޑަބްލިޔުއެޗްއޯއިން އޭނާ ވަކިކުރުމަށް ގޮވައިލައްވާފައެވެ.

ޑަބްލިޔުއެޗްއޯގެ ޑިރެކްޓަރ ޖެނެރަލްގެ ގޮތުގައި ގެބްރަޔޭސަސް މަޝްހޫރުވެވަޑައިގަތީ ކޮވިޑް-19 ޖައްސާ ކޮރޯނާވައިރަސް ދުނިޔެއަށް ފެތުރެން ފެށުމާއެކު އެކަމާ ދެކޮޅަށް ދުނިޔެއިން ކުރާ މަސައްކަތުގެ އިސް ސަފުގައި އޭނާ ހަރަކާތްތެރިވެވަޑައިގަންނަވަން ފެށްޓެވި ހިސާބުންނެވެ. އޭނާގެ މަޑުމައިތިރި މިޒާޖާއި، ދެއްވާ ފަންނީ އިރުޝާދުގެ ސަބަބުން އޭނާވަނީ ގިނަ ބައެއްގެ މަގުބޫލުކަން ހޯއްދަވާފައެވެ.

ނޯބެލް ސުލްހައިގެ އިނާމު ހާސިލުކުރައްވާފައިވާ ބޮޑުވަޒީރު އަބީ އަޙްމަދު އިތިއޯޕިޔާގެ އެންމެ ނުފޫޒުގަދަ އެއް ނަސްލު ކަމުގައިވާ ޓިގްރޭއާ ދެކޮޅަށް ކުށްލި ގޮތަކަށް ހަނގުރާމަ އިއުލާންކުރެއްވުންވީ ގިނަ ބަޔަކަށް ސިހުން ލިބުނު ކަމަކަށެވެ. އަދި ގެބްރަޔޭސަސް ފަދަ ދުނިޔޭގެ އިހްތިރާމު ހޯއްދަވާފައިވާ ބޭފުޅަކާ، އޭނާ ޓިގްރޭ ނަސްލުގެ ބޭފުޅަކަށް ވީތީ، މި ގޮތަށް ދިމާކޮށްލުމުން އިތިޔޯޕިޔާގެ ސަރުކާރުގެ ނިޔަތާމެދު ގިނަ ބައެއްގެ ހިތްތަކުގައި ސުވާލު އުފެދޭނެއެވެ.

މުޙައްމަދު ޢަބްދުﷲ
މުޙައްމަދު ޢަބްދުﷲ އަކީ އާފަތިހަށް ލިޔުއްވާތާ އެތައް އަހަރެއް ވެފައިވާ ޢިލްމުވެރި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. ދީނީ ލިޔުމާއި ދުނިޔޭގެ ޚަބަރުތަކަށް އަރައިހުންނެވި ކުޅަދާނަ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.