ބޮޑުވަޒީރު އިމްރާން ޚާން އަފްޣާނިސްތާނަށް ދަތުރުފުޅެއް ފަށްޓަވައިފި

އަފްޣާނިސްތާނުގެ ރައިސް އަޝްރަފް ޣަނީ ރިޔާސީ ގަނޑުވަރުގައި މިއަދު ޕާކިސްތާނުގެ ބޮޑުވަޒީރު އިމްރާން ޚާނަށް މަރުޙަބާ ދަންނަވަނީ

ޕާކިސްތާނުގެ ބޮޑުވަޒީރު އިމްރާން ޚާން އަފްޣާނިސްތާނަށް ކުރައްވާ ރަސްމީ ދަތުރުފުޅެއްގައި މިއަދު ހެނދުނު ކާބުލްއަށް ވަޑައިގެންފިއެވެ. އޭނާ އަފްޣާނިސްތާނަށް ވަޑައިގެންފައި މިވަނީ އަފްޣާން ސަރުކާރާ ޠާލިބާން ޖަމާއަތާ ދެމެދު ކުރެވެމުން އައި ސުލްހައިގެ މަޝްވަރާތަށް މަޑުޖެހި ދެފަރާތުގެ ދެމެދުގައި ބަދަލުކުރެވޭ ހަމަލާތައް އިތުރުވެފައިވާ ދަނޑިވަޅެއްގައެވެ.

މި ދަތުރުފުޅުގައި އަފްޣާން ރައީސު އަޝްރަފު ޣަނީއާއެކު މަޝްވަރާތެއް ބޭއްވުމަށް ހަމަޖެހިފައިވާ އިރު، މިއީ ދެ އަހަރު ކުރިން ޕާކިސްތާނުގެ ބޮޑުވަޒީރުކަމާ ހަވާލުވެވަޑައިގަތުމަށް ފަހު އިމްރާން ޚާން އަފްޣާނިސްތާނަށް ވަޑައިގަތް ފުރަތަމަ ފަހަރެވެ.

އިމްރާން ޚާންގެ މިދަތުރުފުޅުގައި ޚާރިޖީ ވަޒީރު ޝާހް މަހްމޫދު ޤޫރައިޝީއާއި، ޕާކިސްތާނުގެ ޖާސޫސީ އިދާރާ، އިންޓަރ ސާވިސަސް އިންޓެލިޖެންސްގެ ޑިރެކްޓަރ ޖެނެރަލް ލެފްޓިނެންޓް ޖެނެރަލް ފާއިޒު ހަމީދުވެސް ބައިވެރިވެވަޑައިގަންނަވައެވެ.

"ދަތުރުފުޅައި އެންމެ އިސްކަންދޭނީ އަފްޣާނިސްތާނާއި، ޕާކިސްތާނާ ދެމުދު އޮތް އުޚުއްވަތްތެރި ގުޅުން އިތުރަށް ބަދަހިކުރުމަށާއި، އަފްޣާނިސްތާނުގެ ސުލްހައިގެ މަސައްކަތަށާއި، ސަރަހައްދީ ތަރައްގީއާއި، ދަތުރުފަތުރުގެ ގުޅުން އިތުރަށް ވަރުގަދަ ކުރުމަށެވެ." ދަތުރުފުޅާ ބެހޭ ގޮތުން ޕާކިސްތާނުގެ ފޮރިން މިނިސްޓްރީން ނެރުނު ބަޔާނެއްގައި ވެއެވެ.

މިތަންވަޅު ބޮޑުވަޒީރު އިމްރާން ޚާން އަފްޣާނިސްތާނަށް ވަޑައިގަތުން މުހިއްމުވަނީ އަފްޣާން ސަރުކާރާއި ޠާލިބާނުންނާ ދެމެދު ކުރިއަށް ދިޔަ ސުލްހައިގެ މަޝްވަރާތައް މަޑުޖެހިފައި އޮތުމާއެކު، އެންމެވެސް އެ މަޝްވަރާތައް އަލުން ފެށުމަށް ބޭނުންވާތީއެވެ. އެންމެންވެސް ގަބޫލުކުރާ ގޮތުގައި ޠާލިބާނުންގެ މައްޗަށް އެންމެ ބޮޑު ނުފުޒެއް ފޯރުވޭނެ ފަރާތަކީ ޕާކިސްތާނެވެ.

އެމެރިކާއިން ބުނެފައިވާ ގޮތުގައި އަފްޣާނިސްތާނުގެ ވާދަވެރިންގެ މެދުގައި ކުރިއަށް ދާ ސުލްހައިގެ މަޝްވަރާތައް ކުރިއަށް ގެންދިއުމުގައި ޕާކިސްތާނުން ވަނީ އިސް ދައުރެއް އަދާކޮށްފައެވެ. އަފްޣާނިސްތާނަށް އެމެރިކާއިން ކަނޑައަޅާފައި ހުންނަވާ މަންދޫބު ޒަލްމާއި ޚަލީލްޒާދް އެތައް ފަހަރެއްގެ މަތިން ކާބުލްއާ އިސްލާމްއާބާދާ ދެމެދު ދަތުރުކުރައްވާފައިވާކަން ފާހަގަކޮށްލަން ޖެހެއެވެ.

އަފްޣާނިސްތާނުގެ ސުލްހައިގެ މަޝްވަރާތައް ވިލަރެސްކުރައްވާ، އެ ގައުމުގެ ހައި ކައުންސިލް ފޯ ނޭޝަނަލް ރިކޮންސިލިއޭޝަންގެ ޗެއާމަން ޑރ. ޢަބްދުﷲ ޢަބްދުﷲ ވަނީ ދާދި ފަހުން ޕާކިސްތާނަށް ކުރެއްވި ދަތުރުފުޅެއްގައި ވާހަކަފުޅު ދައްކަވަމުން ސުލަހައިގެ މަޝްވަރާތައް ކުރިއަށް ގެންދިއުމުގައި ޕާކިސްތާނުން އަދާކުރާ ދައުރަށް ޝުކުރު އަދާކުރައްވާފައެވެ. އަދި މި މަޝްވަރާތައް ކާމިޔާބީއާއި ހަމައަށް ވާސިލުވުމަށް ޕާކިސްތާނުގެ އެހީތެރިކަމަށް އެދިވަޑައިގެންފައެވެ.

މުޙައްމަދު ޢަބްދުﷲ
މުޙައްމަދު ޢަބްދުﷲ އަކީ އާފަތިހަށް ލިޔުއްވާތާ އެތައް އަހަރެއް ވެފައިވާ ޢިލްމުވެރި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. ދީނީ ލިޔުމާއި ދުނިޔޭގެ ޚަބަރުތަކަށް އަރައިހުންނެވި ކުޅަދާނަ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.