ޖޭއެސްސީ ހިނގަމުން ދަނީ ވަރަށް ރަނގަޅަށް: ރައީސް ނަޝީދު

ޖުޑީޝަލް ސާރވިސް ކޮމިޝަން (ޖޭއެސްސީ) ހިނގަމުންދަނީ ވަރަށް ރަނގަޅަށް ކަމަށް ރަށްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ އިދާރާގައި މިއަދު ބޭއްވި ޕްރެސް ކޮންފަރެންސް ގައި މަޖިލީހުގެ ރައީސް ވިދާޅުވީ ޖޭއެސްސީ އެކުލެވިގެންވާ ގޮތް ބަދަލު ކުރުމަށް އެމްޑީޕީން ވެފައިވާ ވަޢުދު ފުއްދުމަށް އަދި ލަސް ނުވާކަމަށެވެ. އެއީ އެމްޑީޕީގެ ވަޢުދެއްގެ އިތުރުން ލެޖިސްލޭޓިވް އެޖެންޑާގައިވެސް ހިމެނޭ ކަމެއްކަމަށް ވިދާޅުވިއެވެ.

ފަނޑިޔާރުންނާ ބައެއް ބޭބޭފުޅުންނާ އޮތް ގުޅުން މިހާރު އެގޮތަށް ނެތުމުން ބައެއް ބޭބޭފުޅުން ހިތްހަމަ ނުޖެހުމާއި ކަންބޮޑުވުން އޮންނާނެކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ. ނަމަވެސް މިހާރު ފަނޑިޔާރުން މަސައްކަތްކުރައްވަމުން ގެންދަވަނީ އިޚްލާސްތެރިކަމާއި ނުފޫޒުން އެއްކިބާވެ ތިބެގެންކަމަށް ވިދާޅުވިއެވެ.

މިވެރިކަމުގެ ފަސް އަހަރު ދުވަހުގެ ތެރޭގައި ޖޭއެސްސީ އެކުލެވިގެންވާ ގޮތަށް ބަދަލު ގެންނަވާނެކަމަށް ވެސް ރައީސް ނަޝީދު ވިދާޅުވިއެވެ. ނަމަވެސް ޖޭއެސްސީ ސިޔާސީ ނުފޫޒުން މިނިވަންކޮށް އެކޮމިޝަން އެކުލެވިގެންވާ ގޮތް ބަދަލުކުރުމަށް ރައްޔިތުންގެ މަޖިލީހުގެ މަހިބަދޫ ދާއިރާގެ ޕީޕީއެމް މެމްބަރު އަހްމަދު ޠާރިޤް މަޖިލީހަށް ހުށަހެޅި  ބިލުވެސް މަޖިލީހުން ވަނީ ބޭރުކޮށްލައިފައެވެ.

ޖޭއެސްސީއެކުލެވިގެންވާ ގޮތުން އެކޮމިޝަންގެ ނިންމުމަށް ސިޔާސީ ނުފޫޒު ވަދެފައިވާ ކަމަށް އިދިކޮޅު ކޯލިޝަނާއި އަދި ބައެއް އާއްމު ރައްޔިތުންވެސް ދަނީ ތުހުމަތު ކުރަމުންނެވެ. ޚާއްޞަ ގޮތެއްގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް ނަޝީދުގެ ނުފޫޒު ޖޭއެސްސީގެ ނިންމުމަށް އިންތިހާއަށް އޮންނަކަމަށް ގިނަ ބަޔަކު ޤަބޫލުކުރެއެވެ. މިހާރު ޤާނޫނުއަސާސިގައި ބުނާގޮތުން ރައްޔިތުންގެ މަޖިލީހުގެ ރައީސްވެސް އެކޮމިޝަންގައި އިންނަވަން ޖެހެއެވެ. އަދި މަޖިލީހުގެ މެމްބަރަކާއި މަޖިލީހުން ފާސްކުރާ އާއްމު ރައްޔިތަކުވެސް އެކޮމިޝަންގައި އިންނަވަންޖެހެއެވެ. އަދި ރައީސް ކަނޑައަޅާ މެމްބަރަކާއި ދައުލަތުގެ ބަންޑާރަ ނާއިބްވެސް އެކޮމިޝަންގައި އިންނަވައެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.