އިރާގާއި އަފްޣާނިސްތާނުގައި ތިބި އެމެރިކާ ސިފައިން މަދުކުރަން ނިންމައިފި

އަފްޣާނިސްތާނުގައި އެމެރިކާ ސިފައިންގެ ބަޔަކު ހަރަކާތްތެރިވަނީ

ރައީސު ޑްނާލްޑް ޓްރަމްޕްގެ ރިޔާސީ ދައުރު ހަަަމަވުުމުގެ ކުރިން އަފްޣާނިސްތާނުގައި ހަރަކާތްތެރިވާ އެމެރިކާ ސިފައިންގެ އަދަދު 4500 އިން 2500 އަށް ދަށްކުރަން އެމެރިކާގެ ޑިފެންސް ޑިޕާޓްމަންޓް (ޕެންޓަގަން) އިން ނިންމައިފިއެވެެ. ރައީސު ޓްރަމްޕް ގޮވައިލެއްވީ އެ ދެ ގައުމުގައި ތިބި ސިފައިންގެ އެންމެން ކްރިސްމަސްގެ ކުރިން ގައުމަށް އަނބުރައި ގެނައުމަށެވެ. އެހެންނަމަވެސް، ޕެންޓަގަންއިން ނިންމާފައި މިވަނީ އެ ގޮތަކަށް ނޫނެވެ.

ޑިފެންސް ސެކްރެޓަރީ (ޑިފެންސް މިނިސްޓަރ) ކަމުން މާކް އެސްޕާ ވަކިކުރެއްވުމަށް ފަހު ރައީސު ޓްރަމްޕް ވަގުތީ ގޮތުން އެ މަގާމު ހަވާލުކުރެއްވި ކްރިސްޓޮފަ މިލާ އިއުލާންކުރެއްވި ގޮތުގައި އިރާގުގައި ހަރަކާތްތެރިވާ ސިފައިންގެ އަދަދުވެސް ކޮންމެވެސް ވަރަކަށް މަދުކުރާނެއެެވެ. އެ ގައުމުގައި ތިބި ސިފައިންގެ އަދަދު 3000 އިން 2500 އަށް ދަށް ކުރުމަށް ވަނީ ނިންމާފައެވެ.

"2021 ޖަނަވަރީ 15 ގައި އަފްޣާނިސްތާނުގައި ތިބި އަހަރުމެންގެ ސިފައިންގެ އަދަދު 2500 އަށް ވާނެ. ހަމަ އެ ތާރީޚުގަައި އިރާގުގައި ތިބި އަހަރުމެންގެ ސިފައިންގެ އަދަދު ވެސް ހަމަ 2500 އަށް ވާނެ." މިލާ ވިދާޅުވިއެވެ.

"މިއީ އެމެރިކާ ރައްޔިތުންްގެ ތާއީދާއެކު އަހަރުމެން އެކުލަވާލާފައިވާ ޕްލޭންތަކީ އިސްތިރާޖީ (ސްޓްރެޓީޖިކް) މަގުސަދުތަކާ އެއްގޮތަށް ހިނގާ ކަމެއް. މިއީ އެެމެރިކާގެ ސިޔާސަަތާއި މަގުސަދުތަކަށް ބަދަލު ގެނައުމެއް ނޫން." އޭނާ އިތުރަށް ވިދާޅުވިއެވެ.

އެމެރިކާގެ މި ނިންމުމާ ގުޅިގެން އެމެރިކާވެސް އެ އިއްތިހާދެއްގައި ބައިވެރިވާ ނޭޓޯ (ނޯތު އެޓްލާންޓިކް ޓްރީޓީ އޮގަނައިޒޭޝަން) އިން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެެވެ.

ނޭޓޯގެ ސެކްރެޓަރީ ޖެނެރަލް ޖެންސް ސްޓޯލްޓެންބާގް ވިދާޅުވި ގޮތުގައި އެމެރިކާ ސިފައިންގެ އަދަދު މަދުކޮށްލުމަކީ ނޭޓޯގެ ސިފައިންނަށް ނުރައްކާ ބޮޑުވެ ނޭޓޯއިން ބޮޑު އަގެއް ދައްކަން ޖެހިދާނެ ކަމެކެވެ.

"އަހަރުމެން މިތިބީ އުނދަގޫ ނިންމުމަކާ ކުރިމަތިލާން ޖެހިފައި. އަހަރުމެން އަފްޣާނިސްތާނުގައި ތިބޭތާ ގާތްގަނޑަށް 20 އަހަރު ވެއްޖެ. ނޭޓޯގެ އެއްވެސް ބައިވެރިއަކު ބޭނުމެއް ނުވޭ ބޭނުމެއް ނެތި އިތުރު މުއްދަތަކަށް ތިބޭކަށް. އެހެންނަމަވެސް، ވިލަރެސް ކުރުމެއް ނެތި، މާއަވަހަށް ފައިބައިގެން ދިއުމުން ދައްކަން ޖެހޭ އަގު މާ ބޮޑުވެދާނެ." ސްޓޯލްޓެންބާގް ނެރުއްވި ބަޔާނެއްގައި ވެއެވެ.

އެމެރިކާއާއި ގުޅިފައިވާ ބާރުތަކުން އަރައި އަފްޣާނިސްތާނުގައި އޮތް ޠާލިބާން ސަރުކާރު 2001 ވަނަ އަހަރު ވައްޓާލިތާ ދެ އަަހަރު ފަހުން، 2003 ވަނަ އަހަރު ނޭޓޯއިން ވަނީ އަފްޣާނިސްތާނުގައި ބައިނަލްއަގުވާމީ ސަލާމަތީ ކަންކަމާ ހަވާލުވެފައެވެ.

މުޙައްމަދު ޢަބްދުﷲ
މުޙައްމަދު ޢަބްދުﷲ އަކީ އާފަތިހަށް ލިޔުއްވާތާ އެތައް އަހަރެއް ވެފައިވާ ޢިލްމުވެރި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. ދީނީ ލިޔުމާއި ދުނިޔޭގެ ޚަބަރުތަކަށް އަރައިހުންނެވި ކުޅަދާނަ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.