ބޮއިންގ 737 މެކްސް އަލުން އުދުހުމުގެ ހުއްދަ އެފްއޭއޭއިން ދެނީ

އެމެރިކާގެ މަދަނީ ވައިގެ ދަތުރުފަތުރާ ބެހޭ އިދާރާ، ފެޑެރަލް އޭވިއޭޝަން އެޑްމިނިސްޓްރޭޝަން (އެފްއޭއޭ) އިން ބޮއިންގ 737 މެކްސް ހުދުހުން މަނާކޮށްފައި އޮންނަތާ ދޮޅު އަހަރަށްވުރެ ގިނަ ދުވަސް ފަހުން އެ މަރުކާގެ މަތިންދާބޯޓު އަލުން އުދުހުމުގެ ހުއްދަދޭން އެ އިދާރާއިން ނިންމައިފިއެވެ. އެމެރިކާއިން ލިބޭ ޚަބަރުތައް ބުނާގޮތުން މާދަމާގެ ވަގުތެއްގައި އެފްއޭއޭއިން މި ހުއްދަ ދޭނެއެވެ.

އެފްއޭއޭއިން ހުއްދަ ދިނުމާއެކު ދުނިޔޭގެ މަދަނީ ވައިގެ ދަތުރުފަތުރާ ބެހޭ އެހެން އިދާރާތަކުންވެސް މި ހުއްދަ ދޭނެކަމަށް ބެލެވެއެވެ.

މި ނިންމުވާ ވިދިގެން 737 މެކްސްގެ 8 ވެއްޓުމުގެ ދެ ހާދިސާގައި މަރުވި ބައެއް މީހުންގެ އާއިލާތަކާއި، އެމެރިކާގެ ކޮންގްރެސްގެ ބައެއް މެންބަރުން ވަނީ އެ މަރުކާގެ މަތިންދާބޯޓު އުދުހުމުގެ ހުއްދަ ދިނުމުގައި އެފްއޭއޭއިން ބަލާފައިވާ މުހިއްމު ކަންކަމުގެ ތަފްސީލު ހާމަކުރުމަށް ގޮވާލާފައެވެ.

އަލުން ހުއްދަދިނުމުގެ އެފްއޭއޭއިން ޝަރުޠުކުރި ކަމަކީ 2018 ވަނަ އަހަރާއި 2019 ވަނަ އަހަރު 737 މެކްސްގެ ދެ މަތިންދާބޯޓު ވެއްޓި 346 މީހުން މަރުވާން މެދުވެރިވި އެމްސީއޭސްގެ  (މެނޫވަރިންގ ކެރެކްޓަރިސްޓިކްސް އޯގްމެންޓޭޝަން ސިސްޓަމް) ރަނގަޅުކުރުމާއި، އެ ސިސްޓަމާގުޅޭ ސޮފްޓްވެއާ އަޕްޑޭޓްކުރުމާއި، ސިސްޓަމް ރަނގަޅަށް މަސައްކަތްކުރާކަން ކަށަވަރުކުރުމަށް އިތުރު ސަލާމަތީ ފިޔަވަޅުތައް އެޅުމެވެ. މިހާރު އެކަންކަން ވަނީ އެފްއޭއޭ ބޭނުންވާ ފެންވަރަށް ކުރެވިފައެވެ.   

"އެހެން މަތިންދާބޯޓުތަކާ އެއްވަރަށް އެ މަތިންދާބޯޓު (ބޮއިން 737 މެކްސް) ރައްކާތެރިވާނެ، ނުވަތަ އެހެން މަތިންދާބޯޓުތަކަށްވުރެ ވެސް ރައްކާތެރިވާނެކަމާ މެދު އަހަރެންގެ ހިތުގައި ކުޑަވެސް ޝައްކައް ނެތް." 787 މެކްސް އުދުހުން 2019  ވަނަ އަހަރުގެ މާރިޗު މަހުގެ 13 ވަނަ ދުވަހުން ފެށިގެން ހުއްޓުވަން ނިންމެވި އެފްއޭއޭގެ ޑެޕިއުޓީ އެޑްމިނިސްޓްރޭޓާ ޑޭން އެލްވެލް ވިދާޅުވިއެވެ.

ބޮއިންގ 737 މެކްސްއަށް އެފްއޭއޭއިން ހުއްދަ ލިބުމުން އެއާލައިންތަކުން ކުރަން ޖެހޭ ކަންކަމުގެ ތެރޭގައި، ސޮފްޓްވެއާ އަޕްޑޭޓްކޮށް ޕައިލެޓުން އަލުން ތަމްރީނުކުރަން ޖެހެއެވެ. މިއީ މަދުވެގެން 30 ދުވަހުގެ މުއްދަތެއް ނަގާނެ ކަމެކެވެ. މަތިންދާބޯޓުތައް އުދުއްސޭނީ އޭގެ ފަހުންނެވެ.

ބޮއިން ކުންފުންޏަށް މިހާރު ކުރިމަތިވެފައިވާ އެންމެ ބޮޑު މައްސަލައަކީ 737 މެކްސް އުދުހުން މަނާކުރި ފަހުން އެކުންފުނިން އުފައްދާފައިވާ އެ މަރުކާގެ 450 މަތިންދާބޯޓު އެމެރިކާއިން ބޭރުކުރުމެވެ. އެފްއޭއޭއިން ބުނި ގޮތުގައި އެ މަތިންދާބޯޓުތަކަށް އެއާވާދިނަސް ސެޓްފިކެޓް ދިނުމުގެ މަސައްކަތް އެހެން އެއްވެސް ފަރާތަކާ ހަވާލުނުކުރާނެއެވެ. އަދި އެ ކުންފުނީގެ ޓެކްނިކަލް ޓީމުން ގޮސް ކޮންމެ މަތިންދާބޯޓެއް ވަކިން ޗެކްށް ބެލުމަށް ފަހުގައި ނޫނީ ހުއްދަ ނުދޭނެއެވެ.

މިކަމަށް އެއްއަހަރު ނުވަތަ އެއަށްވުރެ ދިގު މުއްދަތެއް ނެގުން އެކަށީގެން ވެއެވެ.

އެ ކުންފުންޏަށް ކުރިމަތިވާނެ އަނެއް މައްސަލައަކި ސަބްސިޑި ދިނުމުގެ މައްސަލައަގައި އެމެރިކާއާއީ ޔޫރަޕިއަން ޔުނިއަން (އީޔޫ) އާ ދެމެދު އުފެދިފައިވާ މައްސަލަ ހައްލުނުވެ، އެމެރިކާއިން އަހަރަކު އީޔޫއަށް އެތެރެކުރާ 4 ބިލިއަން އެމެރިކާ ޑޮލަރުގެ އުފެއްދުންތަކުން ޑިއުޓީނަގަން ފާއިތުވި ހަފުތާގައި ނިންމުވެ. މި އުފެއްދުންތަކުގެ ތެރޭގައި ބޮއިންގ ޖެޓުތައްވެސް ހިމެނެއެވެ.

މުޙައްމަދު ޢަބްދުﷲ
މުޙައްމަދު ޢަބްދުﷲ އަކީ އާފަތިހަށް ލިޔުއްވާތާ އެތައް އަހަރެއް ވެފައިވާ ޢިލްމުވެރި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. ދީނީ ލިޔުމާއި ދުނިޔޭގެ ޚަބަރުތަކަށް އަރައިހުންނެވި ކުޅަދާނަ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.