އިރުމަތީ ޤުދްސުގައި ޔަހޫދީ އާބާދީއެއް ބިނާކުރުމުގެ މަސައްކަތް އިސްރާއީލުން ފަށައިފި

ފަލަސްޠީނު މީހަކު ގިވާތު ހަމަތޯސް ގައި އޭނާގެ ބަކަރި ހުއިހައްޕަނީ

ފަލަސްޠީނުގެ ދައުލަތުގެ ވެރިރަށް ކަމަށް ކަނޑައަޅާފައިވާ އިރުމަތީ ޤުދްސަށް ވެރިވެގަނެ އެރަށް ޔަހޫދީކުރުމަށް އިސްރާއީލުން ކުރަމުންދާ މަސައްކަތުގެ ދަށުން އިރުމަތީ ޤުދްސުގައި ޔަހޫދީ އާބާދީއެއް ބިނާކުރަން އިސްރާއީލުން އިއުލާންކޮށްފިއެވެ. މަސްރަހު ދީރާސާކުރާ ފަރާތްތަކުން ބުނާ ގޮތުގައި މިތަންވަޅު އިސްރާއީލުން ތެޅިގެނެގެން މިކަން ފަށަން އުޅެނީ ރައީސު ޓްރަމްޕްގެ ރިޔާސީ ދައުރު ނިމުމުގެ ކުރިން މަސައްކަތް ފެށުމުގެ ބޭނުމުގައެވެ.

ރައީސު ޓްރަމްޕްގެ ސަރުކާރުން އިރުމަތީ ޤުދްސުގައި ޔަހޫދީ އާބާދީ ބިނާކުރަން ތާއީދުކުރި ނަމަވެސް އެމެރިކާގެ ކުރީ ސަރުކާރުތަކުން އައީ އެކަމަށް ދެކޮޅުހަދަމުންނެވެ. އެހެންކަމުން ޖޯ ބައިޑަންގެ ސަރުކާރަކުންވެސް މިކަމަށް ދެކޮޅުހެދުމަކީ އެކަށީގެންވާ ކަމެއް ކަމަށް އިސްރާއީލުން ދެކެއެވެ.

އިސްރާއީލް ލޭންޑް އޮތޯރިޓީ (އައިއެލްއޭ) އިން ވަނީ އިރުމަތީ ޤުދްސުގެ އަވަށެއް ކަމުގައިވާ ގިވާތު ހަމަތޯސްގައި 1257 ގެ އެޅުމަށް އިއުލާންކޮށްފައެވެ. މިއީ ބައިނަލްއަގުވާމީ ދެކޮޅެހެދުމުގެ ސަބަބުން ހުރެ މަޑުޖައްސާލާފައި އޮއްވައި މި އަހަރުގެ ފެބުރުވަރީ މަހުގެ ތެރޭގައި ބޮޑުވަޒީރު ނަތަންޔާހޫ އަލުން ފެށި މަޝްރޫއެކެވެ.

އައިއެލްއޭއިން ބުނެފައި ވާގޮތުން އަންނަ ޖަނަވަރީ ބަހުގެ ކުރިން މި މަޝްރޫއަށް ކުރިމަތިލާ ފަރާތްތަކުން ބީލަން ހުށަހަޅަން ޖެހެއެވެ. އެއީ ޖޯ ބައިޑަން ރައީސުކަމުގެ ހުވައިކުރެއްވުމުގެ ދެ ދުވަސް ކުރިންނެވެ.

އިސްރާއީލުން އިރުމަތީ ޤުދްސުގައި ގެތައް ބިނާކުރުމުގެ މަސައްކަތް އަލުން ފެށުމުން ފަލަސްޠީނުން ވަނީ އެކަން ކުށްވެރިކޮށްފައެވެ. ފަލަސްޠީނުގެ ރައީސު މަޙްމޫދު ޢައްބާސްގެ ތަރުޖަމާނު ނަބީލް އަބޫރުދައިނާ ނެރުއްވި ބަޔާނެއްގައި ވިދާޅުވި ގޮތުގައި ޤުދުސުގައި އާބާދީތައް ބިނާކުރުމަކީ ބައިނަލްއަގްވާމީ ގާނޫނުގެ ދަށުން ޣއިރު ގާނޫނީ އަމަލެކެވެ. އަދި އާބާދީ ބިނާކުރުމުގެ މަސައްކަތް ބީލަމަށް ލައިގެން އިސްރާއީލުން ބޭނުންވަނީ ބައިނަލްއަގުވާމީ މުޖުތަމައުގެ ތާއީދު ލިބިފައިވާ ދެ ދައުލަތުގެ ހައްލު "މަރާލުމެވެ."

މި މަޝްރޫއު ކުރިއަށް ގެންގޮސްފިނަމަ އިރުމަތީ ޤުދްސާ އެރަށާ އިންވެގެން އޮންނަ ތާރީޚި ރަށް ބައިތުލަޙްމް ވަކިވާނެއެވެ.

ޔޫރަޕިއަން ޔުނިއަން (އިޔޫ) އިން ވެސް އިރުމަތީ ޤުދްސުގައި ގެތައް ބިނާކުރުމަކީ "ނިހާޔަތަށް ކަންބޮޑުވާ" ކަމެއް ކަމުގައި ބުނެފައެވެ.

"މިއީ ހިފާފައިވާ ހުޅަނުގު އައްސޭރީގައި ޤުދްސާއި ބައިތުލަހްމާއި ދެމެދު އޮތް މުހިއްމު ތަނެއް. މިތަނުގައި އެއްވެސް އާބާދީއެއް ބިނާކުރުމަކީ ފަލަސްޠީނުގެ ރަށްތައް ގުޅިފައިވާ ދައުލަތެއް ބިނާކުރުމުގެ ފުރުސަތު ވަރަށް ކުޑަކުރާނެ ކަމެއް." އީޔޫގެ ފޮރިން ޕޮލިސީ ޗީފް ޖޮސެޕް ބޮރެލް ނެރުއްވި ބަޔާނެއްގައި ވެއެވެ.

އިސްރާއީލާ ފަލަސްޠީނާ ދެމެދު ސުލްހަ ގާއިމުކުރުމަށް މަސައްކަތްކުރާ ޔަހޫދިންގެ ޖަމާއަތް 'ޕީސް ނައު' އިންވެސް ވަނީ އިސްރާއީލުން އިރުމަތީ ޤުދްސުގައި ގެތައް ބިނާކުރުމަށް ފެށި މަޝްރޫޢު ވަރަށް ބޮޑަށް ކުށްވެރިކޮށްފައެވެ.

"މިއީ ސުލްހައާއި، ދެ ދައުލަތުގެ ހައްލަށް އަމާޒުވެވޭ މަރު އެތިފަހަރެއް. ނަތަންޔާހޫ-ގަންޓްޒް މި ސަރުކާރު އުފެދުނީ ކޮރޯނާ ވައިރަސްއާ ހަނގުރާމަކުރުމަށް. އެހެންނަމަވެސް، މި ސަރުކާރުން ޓްރަމްޕްގެ ފަހު ހަފުތާތަކުގެ ބޭނުން މި ކުރަނީ ފަހުން ރުޖޫއަ ނުކުރެވޭ ވަރަށް ބިންމަތީގެ ހަގީގަތް ބަދަލުކޮށްލަން." ޕިސް ނައުއިން ނެރުނު ބަޔާނެއްގައި ވެއެވެ.

މުޙައްމަދު ޢަބްދުﷲ
މުޙައްމަދު ޢަބްދުﷲ އަކީ އާފަތިހަށް ލިޔުއްވާތާ އެތައް އަހަރެއް ވެފައިވާ ޢިލްމުވެރި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. ދީނީ ލިޔުމާއި ދުނިޔޭގެ ޚަބަރުތަކަށް އަރައިހުންނެވި ކުޅަދާނަ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.