މޯލްޑިވްސް މީޑިއާ އިންސްޓިޓިއުޓް (އެމްއެމްއައި) ހިންގުމަށް ޕަބްލިކް ސަރވިސް މީޑިއާ (ޕީ.އެސް.އެމް) އިން ކުށްޔަށް ހިފި އިމާރާތުގެ މައްސަލައިގައި ދައުވާ ކޮށްދެއްވުމަށް އެދި ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހަށް އަނެއްކާވެސް އެންޓި ކޮރަޕްޝަން ކޮމިޝަން( (އޭސީސީ) އިން ފޮނުވައިފިއެވެ.
އޭސީސިން ތަހުގީގުކުރި މިމައްސަލާގައި ދައުވާކުރުމަށް ފޮނުވައިފައި ވަނީ ޕީ.އެސް.އެމް ގެ ޕްރޮކިއުމަންޓް ޑިޕާޓްމަންޓުގެ ކުރީގެ ޑިރެކްޓަރ މުޙައްމަދު ހާޝިމް (ފާލްސާގެ / ކ.މާލެ) ގެ މައްޗަށެވެ. އޭނާގެ މައްޗަށް ދައުވާކުރުމަށް ފޮނުވާފައިވަނީ، ރަސްމީ ހައިސިއްޔަތު ނަހަމަގޮތުގައި ބޭނުންކުރުމުގެ ދައުވާއެވެ. އަދި ތިމާއަށް ނުވަތަ އޭގެ ފައިދާ ލިބެން ނުޖެހޭ މީހަކަށް މަންފާއެއް ހޯދައިދިނުމުގެ މަގްސަދުގައި އެކަން ކުރުމުގެ ކުށުގެ ދައުވާއެވެ.
އޭސީސީން ވިދާޅުވީ މި މައްސަލައަކީ 22 ނޮވެންބަރު 2016 ގައި އެ ކޮމިޝަނުން ތަހުގީގުކޮށް ނިންމާފައިވާ މައްސަލައެއްކަމަށެވެ. ދެ ފަހަރެއްގެ މަތިން ދައުވާކުރުމަށް ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް ވެސް ފޮނުވާފައިވާ މައްސަލައެއްކަމަށެވެ.
މި މައްސަލައިގެ ތަހުގީގަށް ފާހަގަކުރެވުނު ކަންތައްތަކުގެ ތެރޭގައި މީޑިއާ ޓްރެއިނިން އިންސްޓިޓިއުޓް ގާއިމްކުރުމަށް އިމާރާތެއް ހޯދުމަށް ޕީއެސްއެމް އިން ކުރި އިއުލާނާ ގުޅިގެން ހުށަހަޅާފައިވާ ބިޑް އިވެލުއޭޓު ކުރުމަށްފަހު، އަންދާސީ ހިސާބު ބަލާ ކޮމިޓީން ކުއްޔަށް ހިފުމަށް ނިންމާފައިވަނީ ހ.ޖޯޖެޓްވިލާގެ ފުރަތަމަ އަދި ދެވަނަ ފަންގިފިލާއެވެ. އެބިޑާއެކު ހުށަހަޅާފައިވާ އަރކިޓެކްޗަރަލް ކުރެހުންތަކުން ފްލޯރ ޕްލޭން ރާވާނެގޮތެއް ނޭނގޭތީ، އެ އިމާރާތް ކުއްޔަށް ހިފުމަށް އެއްބަސްވުމުގައި ސޮއިކުރުމުގެ ކުރިން އިމާރާތް ކުއްޔަށް ހިފުމަށް ރިކުއެސްޓްކުރި ޑިޕާޓްމަންޓުންނާއި މީޑިއާ އިންސްޓިޓިއުޓް ރެޕްރެޒެންޓް ކުރާ އިސް ފަރާތަކުން އެ އިމާރާތް ކުރިޔާލައި ސުޕަވައިޒްކޮށް، އެތަނަކީ ޕީ.އެސް.އެމް އިން ބޭނުންވާ ފަދަ ތަނެއްތޯ ޔަގީންކޮށް ޕްރޮކިއުމަންޓް ޑިޕާޓްމަންޓަށް އެންގުމަށް އަންދާސީ ހިސާބު ބަލާ ކޮމެޓީން ވަނީ ނިންމާފައެވެ. އެގޮތުން، އެ ޢިމާރާތް ބެލުމަށް ޕީ.އެސް.އެމްގެ އިސް ދެ ފަރާތަކުން ދިޔަކަން ޕީ.އެސް.އެމްގެ ކަމާބެހޭ އިދާރީ ލިޔުންތަކުން އެނގޭކަމަށް ވެސް އޭސީސީން ވިދާޅުވިއެވެ.
މި އިމާރާތުގެ ދެ ފަންގިފިލާގެ ތެރެއިން ކޮންމެ ފަންގި ފިލައެއް 37،000 ރުފިޔާގެ ރޭޓުން ކުއްޔަށް ހިފާފައިވާއިރު، އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާ-ސްޓްރަކްޗަރ އިން އެ އިމާރާތް ބޭނުންކުރުމުގެ ހުއްދަ ދީފައި ނުވަނީސްކަން ތަހުގީގަށް ފާހަގަކުރެވިފައި ވާކަމަށް ވެސް އޭސީސީން ވިދާޅުވިއެވެ. އެ އެއްބަސްވުމުގެ 10 ވަނަ މާއްދާގައި، ކުއްޔަށް ހިފި މުއްދަތު ގުނަން ފަށާނީ 01 ޑިސެމްބަރ 2015 ކަމަށް ބަޔާންކޮށްފައި ވީނަމަވެސް، 01 ޑިސެމްބަރ 2015 ވަނަ ދުވަހުގެ ކުރިން އިމާރާތް ޕީ.އެސް.އެމް އިން ބޭނުންވާ މިންވަރަށް ފުރިހަމަކޮށް ހަވާލުކޮށްފައި ނުވާއިރު، އެކަމާ ގުޅިގެން ޕީ.އެސް.އެމް އިން ފިޔަވަޅު އަޅާފައިނުވާކަން ވެސް ތަހުގީގަށް ފާހަގަކުރެވިފައި ވާކަމަށް އޭސީސީން ވިދާޅުވިއެވެ.
އެއްބަސްވުމުގެ 16 ވަނަ މާއްދާގައި ބަޔާންކޮށްފައި ވާގޮތަށް އިމާރާތް ކުއްޔަށްދޭ ފަރާތުން ކޮށް ނިންމާންޖެހޭ މަސައްކަތްތައް ހުރީ ނިންމާފައިކަމަށް ބަޔާންކޮށް ޕީ.އެސް.އެމް ގެ ޕްރޮކިއުމަންޓް ޑިޕާޓްމަންޓުގެ ކުރީގެ ޑިރެކްޓަރ، މުޙައްމަދު ހާޝިމް އެ ކުންފުނީގެ އެޑްމިނިސްޓްރޭޝަން ޑިޕާޓްމަންޓަށް މެމޯ ފޮނުވާފައިވާކަމަށް އޭސީސީން ވިދާޅުވިއެވެ. އެ މެމޯއަށް ބަލައި ޕޭމަންޓް ވައުޗަރު ހަދައި، އެ އިމާރާތުގެ 2015 ވަނަ އަހަރުގެ ޑިސެމްބަރ އަދި 2016 ޖަނަވަރީ މަހުގެ ކުލީގެ ގޮތުގައި -/111,000 ރުފިޔާ ޕީ.އެސް.އެމް އިން ޢިމާރާތް ކުއްޔަށް ދޫކޮށްފައިވާ ފަރާތަށް ދީފައިވާކަމަށް ވެސް އޭސީސީން ވިދާޅުވިއެވެ. އަދި އޭގެ ފަހުން، 2016 ވަނަ އަހަރުގެ ފެބްރުއަރީ މަހުން ފެށިގެން ޖޫން މަހާ ހަމައަށް އެ ޢިމާރާތުގެ ކުލި ކަމުގައިވާ -/74000 ރުފިޔާ ޕީ.އެސް.އެމް އިން ދައްކާފައިވާކަން ތަހުގީގަށް ލިބިފައިވާ ލިޔުންތަކުން އެނގޭކަމަށް ވެސް އޭއީސީން ވިދާޅުވިއެވެ.
ޕީ.އެސް.އެމްއާ އިމާރާތް ހަވާލުކުރުމުގެ ކުރިން އިމާރާތް ކުއްޔަށްދޭ ފަރާތުން ކޮށް ނިންމަންޖެހޭ ކަމަށް ބަޔާންކޮށްފައިވާ ކަންތައްތައް ފުރިހަމަ ކޮށްފައި ނުވަނީސް، އެ މަސައްކަތްތައް ހުރީ އެއްބަސްވުމުގައި ވާގޮތަށް ނިންމާފައިކަމަށް ބަޔާންކޮށް ޕީ.އެސް.އެމް ގެ ޕްރޮކިއުމަންޓް ޑިޕާޓްމަންޓްގެ ކުރީގެ ޑިރެކްޓަރ މުޙައްމަދު ހާޝިމް (ފާލްސާގެ / ކ.މާލެ) އެކަމާގުޅޭ އިދާރީ މެމޯ ގައި ސޮއިކޮށްފައިވާތީ، ރަސްމީ ހައިސިއްޔަތު ނަހަމަގޮތުގައި ބޭނުންކޮށް ވަކި ފަރާތަކަށް މަންފާތަކެއް ހޯދަން މަސައްކަތް ކޮށްފައިވާކަން ތަހުގީގަށް ފާހަގަކުރެވޭކަމަށް ވެސް އޭސީސީން ވިދާޅުވިއެވެ.