އޭޝިޔާ-ޕެސިފިކްގެ 15 ގައުމަކުން ދުނިޔޭ އެންމެ ބޮޑު ވިޔަފާރި ބްލޮކް އުފައްދައިފި

ދެކުނު އިރުމަތީ އޭޝިޔާގެ ގައުމުތަކުގެ ޖަމްއިއްޔާ، އެސޯސިއޭޝަން އޮފް ސައުތު އީސްޓް އޭޝިޔަން ނޭޝަންސް (އާސިޔާން) ގެ މެންބަރު 10 ގައުމާއި އޭޝިޔާ-ޕެސިފިކްގެ އިތުރު 5 ގައުމެއް ގުޅިގެން ދުނިޔޭގެ ވިޔަފާރީ އެންމެ ބޮޑު ސަރައްދު ގާއިމުކުރުމުގެ އެއްބަސްވުމުގައި ސޮއިކޮށްފިއެވެ.

ވިއެޓްނާމްގެ ބޮޑުވަޒީރު އިންގޫޔެން ޒުއާން ފޫކްގެ ރިޔާސަތުގައި ވާޗުއަލްކޮށް ބޭއްވި އާސިޔާންގެ އެންމެ އިސްވެރިންގެ 37 ވަނަ ބައްދަލުވުގެ ހަވާސާގައި ސޮއިކުރި ރީޖަނަލް ކޮމްޕްރިހެންސިވް އެކޮނޮމިކް ޕާޓްނަޝިޕް (އާރްސީއީޕީ) އަކީ އަށް އަހަރަށް ދެމިގެން ދިޔަ އުނދަގޫ މަޝްވަރާތަކަކަށް ފަހު ސޮއިކުރި އެއްބަސްވުމެކެވެ.

"ލެޔާ، ދަލާ، ކަރުނައާއުކު އަށް އަހަރު ދުވަހު ކުރި މަޝަވަރަތާކަށް ފަހު އެންމެ ފަހުން އާރްސީއީޕީ އެއްބަސްވުމުގައި ސޮއިކުރާ ހިސާބަށް އަހަރުމެންނަށް މިތިބީ އާދެވިފައި." މި އެއްބަސްވުމުގައި ސޮއިކުރުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން މެލޭޝިޔާގެ ޓްރޭޑް މިނިސްޓަރ މުޙައްމަދު އަޒްމީން ޢަލީ ވިދާޅުވިއެވެ.

އާސިޔާންގެ މިދައުރުގެ ރިޔާސަތު ބަލަހައްޓާ ވިއެޓްނާމުން  ބުނި ގޮތުގައި، އާސިޔާން މެންބަރު 10 ގައުމުކަމަށްވާ ބްރުނާއީ، ކެމްބޯޑިޔާ، އިންޑޮނޭޝިޔާ، ލާއޯސް، މެލޭޝިޔާ، މިޔަންމާ، ފިލިޕީންސް، ސިންގަޕޫރު، ތައިލޭންޑް އަދި ވިއެޓްނާމްގެ އިތުރަށް އޮސްޓްރޭލިޔާ، ޗައިނާ، ޖަޕާން، ދެކުނު ކޮރެޔާ އަދި ނިއުޒީލޭންޑް ހިމެނޭ ގޮތަށް އުފެދުނު މި ވިޔަފާރި ބްލޮކް ވެގެންދާނީ މުޅި ދުނިޔޭގެ ވިޔަފާރީގެ %30 އަދި ދުނިޔޭގެ އާބީދީގެ %30 ހިއްސާކުރާ، 2.2 މިލިއަން މީހުން ވިޔަފާރީގެ ޚިދުމަތް ލިބިގަންނަ، ދުނިޔޭގެ އެންމެ ބޮޑު މިފަދަ ޖަމާއަތަށެވެ.

މި ބައްދަލުވުމުގައި ވާހަކަފުޅުދައްކަވަމުން ސިންގަޕޫރުގެ ބޮޑުވަޒީރު ލޯ ސޭން ލޫންގ ވަނީ މި އެއްބަސްވުމުގައި އިންޑިޔާ ބައިވެރިވާނެކަމުގެ އުއްމީދު ފާޅުކުރައްވާފައެވެ. އާރްސީއީޕީ އެއްސްވުމުގެ މަޝްވަރާތަކުގައި އިންޑިޔާ ކުރިން ބައިވެރިވި ނަމަވެސް، އެންމެ ފަހުގެ އެއްބަސްވުމާ ހަމައަށް އާދެވުމުގެ ކުރިން އިންޑިޔާ ވަނީ މަޝްވަރާތަކުން ވަކިވެފައެވެ.

އާރްސީއީޕީ އުފެއްދުމުގައި އެމެރިކާ ބައިވެރިވެފައި ނުވާއިރު، ރައީސު ޑޮނާލްޑް ޓްރަމްޕްގެ ވެރިކަމުގައި އެމެރިކާ ވަނީ 11 ގައުމު އެކުލެވޭ ޓްރާންސް ޕެސިފިކް ޕާޓްނަޝިޕް އެއްބަސްވުމުން ވެސް ވަކިވެފައެވެ. އެހެންކަމުން، މިހާރު ދުނިޔޭގައި އެންމެ ހަލުވިކޮށް އިގްތިސާދު ކުރިއަރަމުން ސަރަހައްދުގެ ވިޔަފާރީގެ ބޮޑު ދެ އެއްބަސްވުމުންވެސް އެމެރިކާ މިވަނީ ބާކީވެފައެވެ.

އެމެރިކާ ރައީސުކަމަށް ޖޯ ބައިޑަން ހޮވިވަޑައިގެންފައި ވާއިރު އޭޝިޔާ ޕެސިފިކް ސަރަހައްދުގެ ގައުމުތަކުން ބަލަބަލައި ތިބީ ބައިޑެންގެ ސަރުކާރެއްގައި އެމެރިކާގެ ވިޔަފާރީގެ ސިޔާސު ބައްޓަންކުރާނެ ގޮތަކަށެވެ.

ޔޫރަޕިއަން ޔުނިއަން (އީޔޫ) ފެންވަރަށް މިނިވަން ވިޔަފާރީގެ އެއްބަސްވުމަކަށް ނުވި ނަމަވެސް، އާރްސީއީޕީގައި ހިމެނޭ ގައުމުތަކުގެ މެދުގައި ގިނަ މުދަލުގެ ޑިއުޓީ ނައްތެލެވި، ޑިއުޓީ ނައްތާނުލެވޭ މުދަލުގެ ޑިއުޓީ ވަރަށް ބޮޑަށް ކުޑަކުރެވޭނެއެވެ. މިގޮތުން %92 މުދަލުގެ ޑިއުޓީ މުޅިން ކަނޑާލުމަށް ވަނީ ހަމަޖެހިފައެވެ. މީގެ، އިތުރަށް އެއްބަސްވުމުގެ ބައިވެރިންގެ މެދުގައި ވިޔަފާރިއާ ގުޅޭ ހުރިހާ މުއާމަލާތެއް ފަސޭހައިން ކުރެވޭނެ ނިޒާމެއް ގާއިމުކުރެވޭނެއެވެ.

މުޙައްމަދު ޢަބްދުﷲ
މުޙައްމަދު ޢަބްދުﷲ އަކީ އާފަތިހަށް ލިޔުއްވާތާ އެތައް އަހަރެއް ވެފައިވާ ޢިލްމުވެރި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. ދީނީ ލިޔުމާއި ދުނިޔޭގެ ޚަބަރުތަކަށް އަރައިހުންނެވި ކުޅަދާނަ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.