އިސްރާއީލާއެކު ގުޅުން ގާއިމުކުރަން ބައެއް ގައުމުތަކުން ފިއްތުންތައް ކުރިމަތިކުރޭ: އިމްރާން ޚާން

ޕާކިސްތާނު ބޮޑުވަޒީރު އިމްރާން ޚާން ސައޫދީ ވަލީއަހުދު މުޙައްމަދު ބިން ސަލްމާނާއެކު 15 އޮކްޓޯބަރު 2019 ގައި ރިޔާޟުގައި

ފަލަސްޠީނުގެ ބިމުން ބައެއް ހިފައިގެން އުފައްދާފައިވާ ޔަހޫދީ ދައުލަތާ ގުޅުން ގާއިމުކުރުމަށް ބައެއް ގައުމުތަކުން އޭނާއަށް ފިއްތުންތައް ކުރިމަތިކުރަމުންދާ ކަމަށް ޕާކިސްތާނުގެ ބޮޑުވަޒީރު އިމްރާން ޚާން ވިދާޅުވެއްޖެއެވެ.

އެހެންނަމަވެސް، އޭނާ ވިދާޅުވީ ފަލަސްޠީނުގެ މައްސަލައަށް އިންސާފުވެރި ހައްލެއް ނުހޯދެނީސް، ދުވަހަކުވެސް ޔަހޫދީ ދައުލަތާ ގުޅުން ގާއިމުނުކުރައްވާނެ ކަމުގައެވެ.

"އަހަރުމެންގެ ނިންމުން ވަރަށް. ޤައިދެ އައުޒަމް (ޕާކިސްތާނުގެ ބާނީ މުޙައްމަދު ޢަލީ ޖިނާޙު) ވަނީ 1948 ވަނަ އަހަރު އެކަން ސާފުކޮދެއްވާފައި. އެއީ ފަލަސްޠީނު މީހުންނަށް އެމީހުންގެ ހައްގުތައް ނުލިބެނީސް އަހަރުމެންނަށް އިސްރާއީލު ގަބޫލުނުކުރެވޭނެކަން." ދުންޔާ ނިއުސްއަށް ދެއްވި ބަސްދީގަތުމުގައި އޭނާ ވިދާޅުވިއެވެ.

އޭނާ މިމޭރުމުން ވާހަކަފުޅުދައްކަވާފައި ވަނީ ޕާކިސްތާނުގެ ޓީވީ ސްޓޭޝަނަކަށް ދެއްވި ބަސްދީގަތުމެއްގައެވެ. ފިއްތުންތައް ކުރިމަތިކުރަނީ ކޮންގައުތަކަކުންތޯ އާއި އެއީ މުސްލިމް ގައުތަކެއްތޯ ސުވާލުކުރުމުން އޭނާ ވަނީ އެ ސުވާލަށް ޖަވާބުދެއްވުމަށް ދެކޮޅު ހައްދަވާފައެވެ.

"ތިވާހަކަ ދޫކޮށްލާ. އަހަރުމެންނަށް ނުބުނެވޭ ކަހަލަ ވާހަކަ ހުންނާނެ. އެ ގައުމުތަކާ އަހަރުމެންނާ ގާތް ގުޅުމެއް އޮވޭ." އިމްރާން ޚާން ވިދާޅުވިއެވެ.

"އިގުތިސާދީ ގޮތުން އަމިއްލަ ފައިމައްޗަށް އަހަރުމެންނަށް ތެދުވުނަދީ. އެއަށް  ފަހު އަހަރެންނާ ތި ސުވާލު ކުރޭ." އޭނާ ވިދާޅުވިއެވެ. އިމްރާން އެ އިޝާރާތް ކުރެއްވީ ތެލުގެ މުއްސަނދިކަން ލިބިފައިވާ ގަލްފުގެ ގައުމުތައް ކަމުގައިވާ ސައޫދީ އަރަބިއްޔާއާއީ ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ) ގެ އެހީގެ މައްޗަށް ޕާކިސްތާނު ބަރޯސާވުމަށް ކަމަށް ލަފަކުރެވެއެވެ.

އެހެންނަމަވެސް، އޭނާ ވަނީ މިކަމުގައި ދެވެނަ ވިސްނުމަކަށް ވަޑައިނުގަންނަވާނެ ކަމަށް ވިދާޅުވެފައެވެ.

"ފަލަސްޠީނު މީހުން ހިތްހަމަޖެހޭ އިންސާފުވެރި ހައްލެއް އެ މައްސަލައަށް ނުލިބެނީސް އިސްރާއީލު ގަބޫލުކުރުމާމެދު ދެވަނަ ވިސްނުމަކަށް ދާކަށް ނުޖެޙޭ." އިމްރާން ޚާން ވިދާޅުވިއެވެ.

ޔޫއޭއީ އާއި ބަހްރޭނުން ވަނީ ދާދިފަހުން އިސްރާއީލާއެކު ފުރިހަމަ ސިޔާސީ ގުޅުން ގާއިމުކޮށްފައެވެ. އަދި ސައޫދީ އަރަބިއްޔާއާއި ގަލްފުގެ އެހެން ގައުމުތަކުންވެސް އިސްރާއީލާ ގުޅުން ގާއިމުކުރުމާ މެދު ވިސްނަމުންދާ ކަމުގެ ޚަބަރުތައް ދަނީ ލިބެމުންނެވެ.

ޕާކިސްތާނަށް ފިއްތުންތައް ކުރިމަތކުރާ އެހެން ގައުމުތަކުގެ ވާހަކަ ވިދާޅުނުވި ނަމަވެސް ބޮޑުވަޒީރު އިމްރާން ޚާން ވަނީ އެމެރިކާގެ ވާހަކަ ދައްކަވާފައެވެ.

"ފިއްތުންތައްކުރިމަތިކުރަނި އެމެރިކާގެ މައްޗަށް އިސްރާއީލުގެ ނުފޫޒު ގަދަ ކަމުން. ހަގީގަތުގައި ޓްރަމްޕުގެ ދައުރުގައި މި ނުފޫޒު އާދާޔާއި ޚިލާފަށް ގަދަ" އިސްރާއީލުގެ ދައުލަތް ގަބޫލުކޮށް އިސްރާއީލާ ގުޅުން ގާއިމުކުރުމަށް އެމެރިކާއިން ކުރިމަތުކުރަމުންދާ ފިއްތުންތަކަށް އިޝާރާތްކުރައްވައި އޭނާ ވިދާޅުވިއެވެ.

މުޙައްމަދު ޢަބްދުﷲ
މުޙައްމަދު ޢަބްދުﷲ އަކީ އާފަތިހަށް ލިޔުއްވާތާ އެތައް އަހަރެއް ވެފައިވާ ޢިލްމުވެރި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. ދީނީ ލިޔުމާއި ދުނިޔޭގެ ޚަބަރުތަކަށް އަރައިހުންނެވި ކުޅަދާނަ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.