އިންޑިޔާއާއި ޕާކިސްތާނުގެ ސިފައިން ބަދަލުކުރި ހަމަލާތަކެއްގައި 15 މީހުން މަރުވެއްޖެ

އިންޑިޔާ ސިފައިން ކަޝްމީރުގެ ޕާކިސްތާނު ފަޅިއަށް ދިން ހަމަލާގައި ހަލާކުވެފައިވާ ގެއެއް

އިންޑިޔާ ޕާކިސްތާނު ސަރަހައްދީ  ރޮނގު ހުރަސްކޮށް ބަދަލުކުރި ހަމަލާތަކެއްގައި 15 މީހުން މަރުވެ 30 އަށްވުރެ ގިނަ މީހުންނަށް އަނިޔާވެއްޖެއެވެ. އާއްމުންގެ 10 މީހުންނާއި، ސަލާމަތީ ބާރުތަކުގެ 5 މީހުން މަރުވެއްޖެއެވެ. މިއީ މި އަހަރުގެ ތެރޭގައި ދެ ގައުމުން ބަދަލުކުރި އެންމެ ވަރުގަދަ ހަމަލާތަކެވެ.

ޕާކިސްތާނުގެ ސަރުކާރުންނާއި އަސްކަރިއްޔާއިން ނެރުނު ބަޔާންތައް ބުނާގޮތުން ހުކުރު ވިލޭރެއާއި ހުކުރު ދުވަހު ސަރަހައްދު ހުރަސްކޮށް ރޮކެޓާއީ ބޮޑު ބަޑީގެ ހަމަލާ ފުރަތަމަ ދިނީ އިންޑިޔާއިންނެވެ. އަދި މިހަމަލާތަކުގައި ޕާކިސްތާނުގެ އާއްމުންގެ 4 މީހުންނާއި ސިފައިންގެ އެކަކު މަރުވެ 27 މީހަކަށް އަނިޔާވެފައި ވެއެވެ. އަނިޔާވި މީހުންގެ ތެރޭގައި އަންހެނުންނާ ކުޑަކުދިންވެސް ހިމެނެއެވެ.

" އަހަރުމެންގެ އެއްވެސް ކަމެއް ނުކުރަނީސް ޕާކިސްތާނުން އެލްއޯސީ (ކަޝްމީރުގައި ވަގުތީ ގޮތުން ދެގައުމުގެ ސަރަހައްދު ވަކިކުރާ ލައިން އޮފް ކޮންޓްރޯލް) ހުރަސްކޮށް ޕާކިސްތާނުން ހަނގުރާމަ ހުއްޓާލުމުގެ ވަގުތި އެއްބަސްވުމާ ޚިލާފުވެ ހަމަލާތައް ފެށީ. ދަވާރް، ކެރާން، އުރީ، ނޯގަމް ހިމެނޭހެން އެލްއޯސީގެ އެތައް ދިމާއަކުން ހަމަލާދީފައިވޭ. މޯޓަރު ބަޑިޔާ އެހެން ހަތިޔާރު ބޭނުންކޮށްގެ ޕާކިސްތާނުން ވަނީ އާއްމުންނަށް އަމާޒުކޮށް ހަމަލާދީފައި." އިންޑޔާގެ ޑިފެންސް މިނިސްޓްރީން ނެރުނު ބަޔާނެއްގައި ވެއެވެ.

ބޭރުގެ ޚަބަރުފަތުރާ ވަސީލަތްތަކަށް މައުލޫމާތުން ދެމުން އިންޑިޔާގެ ބައެއް އޮފިޝަލުން ބުނި ގޮތުގައި ބަދަލުކުރެވުނު ހަމަލާތަކުގައި އިންޑިޔާ ފަޅިން މަރުވީ އާއްމުންގެ 6 މީހުންނާއި ސިފައިންގެ 4 މީހުންނެވެ.

ޕާކިސްތާނު އިސް ބައެއް ބޭފުޅުން ވަނީ އިންޑިޔާއިން އާއްމުނަށް ހަމަލާދީފައިވާ ކަމަށާއި، އިންޑިޔާގެ އެ އަމަލަކީ ހަނގުރާމައިގެ ޖަރީމާއެއް ކަމަށް ވިދާޅުވެފައެވެ.

"އިންޑީޔާގެ ފިނޑި ލަޝްކަރުން ދަނީ އެލްއޯސީ ހުރަސްކޮށް އާއްމުންނަށް އަމާޒުކޮށް ހަމަލާދެމުން. އާއްމުންނަށް އަމާޒުކޮށް ހަމަލާދިނުމަކީ ހަނގުރާމައިގެ ޖަރީމާއެއް." ޕާކިސްތާނުގެ ގާނުނުހަދާ މަޖިލީހުގެ ކަޝްމީރާ ބެހޭ ކޮމިޓީގެ މުގައްރިރު ޝެހްރްޔާރް ޚާން އަފްރީދީ ކުރެއްވި ޓުވީޓެއްގައި ވެއެވެ.

އިންޑިޔާއާއި ޕާކިސްތާނު 1947 ގައި މިނިވަންވީއްސުގެ ދެގައުމުގެ ދެމެދުގައި ކަޝްމީރުގެ މައްސަލައިގައި އުފެދިފައިވާ އަރައިރުން ދޭތެރެ ދޭތެރެއިން ހޫނުވެ ހަމަލާތައް ބަދަލުކުރާ ހިސާބަށް ދެއެވެ. މިނިވަންވި ފަހުން ދެގައުގެ ދެމެދުގައި ހަތަރު ހަނގުރާމަ ހިނގާފައިވާއިރު 3 ހަނގުރާމަކޮށްފައި ވަނީ ކަޝްމީރުގެ މައްސަލައިގައެވެ.

މުޙައްމަދު ޢަބްދުﷲ
މުޙައްމަދު ޢަބްދުﷲ އަކީ އާފަތިހަށް ލިޔުއްވާތާ އެތައް އަހަރެއް ވެފައިވާ ޢިލްމުވެރި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. ދީނީ ލިޔުމާއި ދުނިޔޭގެ ޚަބަރުތަކަށް އަރައިހުންނެވި ކުޅަދާނަ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.