ސޫ ޗީގެ ޕާޓީން މިޔަންމާގެ އާއްމު އިންތިޚާބު ކާމިޔާބުކޮށްފި

މިޔަންމާގެ އާއްމު އިންތިޚާބަށް ފަހު ވޯޓު ގުނަނީ

މިޔަންމާ (ބަރުމާ) ގައި ބޭއްވި އާއްމު އިންތިޚާބު އެ ގައުމުގައި ވެރިކަން ކުރާ ނޭޝަނަލް ލީގް ފޯ ޑިމޮކްރަސީ (އެންއެލްޑީ) އިން ކާމިޔާބުކޮށްފިއެވެ. ސްޓޭޓް ކައުންސެލާ (ބޮޑުވަޒީރު) އާންގް ސަން ސޫ ޗީގެ ޕާޓީން ވަނީ ގާނޫނުހަދާ މަޖިލީހުގެ އަޣުލަބިއްޔަތަށް ބޭނުންވާ 322 އަށްވުރެ ގިނަ ގޮނޑި ކަަށަަވަރުކޮށްފައެވެ.

އެންއެޑީން ވަނީ މިޔަންމާގެ އިންތިޚާބުތަކާ ބެހޭ މައި އިދާރާ، ޔުނިއަން އިލެކްޝަން ކޮމިޝަން (ޔޫއީސީ) އިން މިހާތަނަށް ނަތީޖާ އިއުލާންކުރި 412 ގޮނޑީގެ ތެރެއިން 342 ގޮނޑި ކާމިޔާބުކޮށްފައެވެ. ދެން ނަތީޖާ ނުލިބި ވަނީ 46 ގޮނޑީގެއެވެ.

މިޔަންމާގައި ދިގު މުއްދަަތަކަށް އޮތް އަސްކަރީ ވެރިކަން ނިމުމަށްފަހު 2015 ވަނަ އަހަރު ބޭއްވި އާއްމު އިންތިޚާބުގައި ވެސް އެންއެލްޑީން ވަނީ މިހާވަރުގެ ކާމިޔާބީއެއް ހޯދާފައެވެ. އެއީ އަސްކަރީ ވެރިކަން ނިމުމަށް ފަހު މިޔަންމާގައި ބޭއްވި ފުރަތަމަ މިިނިވަން އިންތިޚާބެވެ.

50 އަހަރަށް ދެމިގެން ދިޔަ ޚުދުމުޚުތާރު އަސްކަރީ ވެރިކަމާ ދެކޮޅަށް ގޭ ބަންދުގައި ހުންނަވައިގެންނާ، ގައުމުން ބޭރަށް އަރުވާލެއްވިގެން ހުންނަވައިގެން ސޫ ޗީ ކުރެއްވި މަސައްކަތްޕުޅުގެ ސަބަބުން އޭނާ ބެލެވުނީ ޑިމޮކްރަސީގެ ޗެމްޕިއަނެއްގެ ގޮތުގައެވެ. އިންސާނީ ހައްުގުތަކަށް ވަކާލާތު ކުރެއްވި ބޭފުޅެއްގެ ގޮތުގައެވެ.

ދުނިޔޭގައި ދެވޭ އެންެމެ ޝަރަފުވެރި އެއް އިނާމު، ސުލްހައިގެ ނޯބެލް އިނާމުވެސް ހޯއެްދަވާފައިވާ ސޫ ޗީ ވެރިކަމަށް ވަޑައިގަތުމަށް ފަހު އޭނާގެ ފަރާތްޕުޅުން ދުނިޔެ އުއްމީދު ކުރި ކަންކަމެއް ނުފެނުނެވެ. އޭނާގެ ވެރިކަމުގެ ފުރަތަމަ ދައުރު ވެގެން ދިޔައި މިޔަންމާގެ ރޮހިންޖާ މުސްލިމުންނާ ދެކޮޅަށް އެ ގައުމުގެ އަސްކަރިއްޔާއިން ހިންގި ނަސްލު ސާފުކުރުމުގެ ލާއިންސާނީ ޖަރީމާ ހިންގި ދައުރަށެެވެ. ރޮހިންޖާ އެތައް ހާސް ބަޔަކު މަރާލައި، 7 ލައްކައެއްހާ މީހުން ގެދޮެރު ދޫކޮށް ގައުމުން ބޭރަށް ހިޖުރަކުރި މި ޖަރީމާއާ ދެކޮޅަށް އެެއްވެސް ކަމެއް ނުކުރެއްވި ތާގައި އޭނާ ވަނި އެކަން ދިފާއުކުރައްވާފައެވެ.

އާންްގް ސަން ސޫ ޗީގެ މި ސިޔާސަތުގެ ސަބަބުން އޭނާއަށް ދުނިޔޭގެ ގިނަ ބައެެއްގެ ފާޑުކިއުމާއި ނުރުހުން އަމާޒުވެ ބައިނަލްއަގުވާމީ ބައެެއް ފަރާތްތަކުން އޭނާއަށް ދީފައިވާ ޝަރަފުތަކާއި އެވޯޑުތައްވެސް ވަނީ އަނބުރާ ނަގާފައެވެ. އޭގެ ތެރޭގައި އެމްނެސްޓީ އިންޓަނޭޝަނަލްއިން ދީފައިވާ އެމްބެސެޑާ އޮފް ކޮންޝިއެންސް އެވޯޑާއި، ސިޓީ އޮފް ލަންޑަން އިން ދީފައިވާ އޮނަަރަރީ ފްރީޑަމް އެެވޯޑް ހިމެނެއެވެ.

މި ފަަަހަރުގެ އިންތިޚާބުގައި އަސްކަރިއްޔާގެ ތާއީދު އޮންނަ އިދިކޮޅު ޔުނިއަން ސޮލިޑޭރިޓީ އެންޑް ޑިވެލޮޕްމަންޓް ޕާޓީއަށް މިހާތަނަށް  ލިބިފައި ވަނީ 24 ގޮނޑިއެެވެ.

މިޔަންމާގައި އަސްކަރީ ވެރިކަން ނިމި ޑިމޮކްރަސީއެއް ގާއިމުކުރި ނަމަވެސް އަދިވެސް ވެރިކަން ހިންގުމުގައި އަސްކަރިއްޔާގެ ނުފޫޒު ގަދައެވެ. އަސްކަރީ ވެރިކަމުގައި އެކުލަވާލި ގާނޫނު އަސާސީ ބައްޓަންކޮށްފައި އޮތް ގޮތުން ސަލާމަތީ ކަންކަމާ ދިފާއީ ކަންކަން ހިންގައި ބެލެހެއްޓުމުގެ ބާރު އޮންނަނީ އަސްކަރިއްޔާއަށެވެ.

މުޙައްމަދު ޢަބްދުﷲ
މުޙައްމަދު ޢަބްދުﷲ އަކީ އާފަތިހަށް ލިޔުއްވާތާ އެތައް އަހަރެއް ވެފައިވާ ޢިލްމުވެރި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. ދީނީ ލިޔުމާއި ދުނިޔޭގެ ޚަބަރުތަކަށް އަރައިހުންނެވި ކުޅަދާނަ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.