ބަހްރޭނުގެ ބޮޑުވަޒީރު އަވަހާރަވެއްޖެ

ބަހްރޭނުގެ ބޮޑުވަޒީރު ޝޭޚް ޚަލީފާ ބިން ސަލްމާން އާލްޚަލީފާ އަވަހާރަވެއްޖެ ކަމުގައި އެގައުމުގެ ޝާހީ ގަނޑުވަރުން އިއުލާންކޮށްފިއެވެ.

އުމުރުފުޅުން 84 ޚަލިފާ އަވަހާރަވީ އެމެރިކާގެ މާޔޯ ކްލިނިކުގައި ފަރުވާހޯއްދަވަމުން ގެންދަވަނިކޮށް މިއަދުގެ ވަގުތެއްގައެވެ. ޝާހީ ގަނޑުވަރާ ހަވާލާދީ ބަހްރޭން ނިއުސް އެޖެންސީން މި ޚަބަރު ގެނެސްދިން އިރު އިތުރު ތަފްސީލެއް ހާމަކޮށްފައި ނުވެއެވެ.

ޚަލީފާ ބިން ސަލްމާންއަކީ ދުނިޔޭގެ ފަހުގެ ތާރީޚުގައި އެންމެ ގިނަ ދުވަހު ބޮޑުވަޒީރުކަން ކުރެއްވި ބޭފުޅާއެވެ. އޭނާ ވަނީ މެދުނުކެނޑި 50 އަހަރަށްވުރެ ގިނަ ދުވަހު ބޮޑުވަޒީރުކަން ކުރައްވާފައެވެ. އޭނާ ބޮޑުވަޒީކަމާ ޙަވާލުވެވަޑައިގެންފައި ވަނީ 19 ޖަނަވަރީ 1970 ގައެވެ. 14 އޮގަސްޓް 1971 ގައި އިނގިރޭސިންގެ އަޅުވެތިކަމުން ބަހްރޭން މިނިވަންވި އިރުވެސް ބޮޑުވަޒީރަކަށް ހުންނެވީ އޭނާއެވެ. 2011 ވަނަ އަހަރު އަރަބި ދުނިޔެއަށް ފެތުރިގެން ދިޔަ 'އަރަބި ރަބީއު' ގެ ހަލަބޮލިކަމުގައި އޭނާގެ އިސްތިއުފާއަށް ގޮވުމުގެ އަޑުތައް ގަދަވެގެން ދިޔަ ނަމަވެސް އޭނާ މަގާމުގައި ދެމިހުންނެވީއެވެ.

ޝޭޚް ޚަލީފާ އަވަހާރަވުމާ ގުޅިގެން ބަހްރޭންގެ ރަސްގެފާނު ޙަމަދް ބިން ޢީސާ އާލްޚަލީފާ ވަނީ އެއް ހަފުތާގެ މުއްދަތަށް ގައުމީ ހިތާމަ އިއުލާންކުރައްވާފައެވެ.

އަރަބި ގަލްފުގައި ސައޫދީ އަރަބިއްޔާ ކައިރީގައި އޮންނަ މި ޖަޒީރާ ގައުމަކީ އަރަބި އެންމެ ކުޑަ ގައުމެވެ. 780 އަކަކިލޯމީޓަރު ބޮޑުމިނުގައި ހުންނަ ބަހްރޭންގެ އާބާދީއަކީ 1.2 މިލިއަނެވެ. 1986 ވަނަ އަހަރު އިފްތިތާހުކުރި ކިންގް ފަހްދު ކޯޒްވޭއިން ބަހްރޭންގެ ވެރިރަށް މަނާމާއާއި ސައޫދީ އަރަބިއްޔާގެ ޚުބަރު ވަނީ ގުޅާލާފައެވެ.

ޚާރިޖީ ސިޔާސަތުގައި މައިގަނޑު ގޮތެއްގައި ސައޫދީ އަރަބިއްޔާއަށް ތަބާވާ ބަހްރޭނުން ދާދި ފަހުން ވަނީ އިސްރާއީލާކު ސުލްހައިގެ އެއްބަސްވުމެއްގައި ސޮއިކޮށް، ފުރިހަމަ ސިޔާސީ ގުޅުން ގާއިމުކޮށްފައެވެ.

މުޙައްމަދު ޢަބްދުﷲ
މުޙައްމަދު ޢަބްދުﷲ އަކީ އާފަތިހަށް ލިޔުއްވާތާ އެތައް އަހަރެއް ވެފައިވާ ޢިލްމުވެރި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. ދީނީ ލިޔުމާއި ދުނިޔޭގެ ޚަބަރުތަކަށް އަރައިހުންނެވި ކުޅަދާނަ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.