މާލޭ ރައްޔިތުންނަށް ބޯހިޔާވަހިކަން ހޯދައިދިނުމުގެ ޚާއްޞަ މަޝްރޫޢުތަކެއް އަންނަ އަހަރު ފަށަނީ

އަމިއްލަ ބޯހިޔާވަހިކަމެއް ނެތް، މާލެއަށް އުފަން ރައްޔިތުންނަށް ބޯހިޔާވަހިކަން ހޯދައިދިނުމުގެ ޚާއްޞަ މަޝްރޫޢުތަކެއް އަންނަ އަހަރު ފަށްޓާވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.

ޖުމްހޫރީ ދުވަހާ ގުޅިގެން ޤައުމާ މުޚާތަބު ކޮށް ދެއްކެވި ވާހަކަފުޅުގައި ރައީސް ޞާލިޙް ވިދާޅުވީ ލާމަރުކަޒީ ނިޒާމުން ރާއްޖެ ތަރައްޤީކުރިނަމަވެސް ސަރުކާރުގެ އަމާޒުން މާލެ ކައްސާލައިގެނެއް ނުދާ ކަމަށެވެ. ކުރިއަށް އޮތް އަހަރު ސަރުކާރުން ކުރާނެ އެންމެ މުހިންމު މަސައްކަތަކީ، އަމިއްލަ ބޯހިޔާވަހިކަމެއް ނެތް، މާލެއަށް އުފަން ރައްޔިތުންނަށް ބޯހިޔާވަހިކަން ހޯދައިދިނުމުގެ ޚާއްޞަ މަޝްރޫޢުތަކެއް މާލެ ސަރަޙައްދުގައި ފެށުންކަމަށް ވިދާޅުވިއެވެ.

އަންނަ އަހަރުގެ ބަޖެޓްގައިވެސް ބޯހިޔާވަހި މަޝްރޫއުތަކަށް 716 މިލިއަން ރުފިޔާ ވަނީ ކަނޑައަޅައިފައެވެ.  ރައްޔިތުންގެ މަޖިލީހަށް ބަޖެޓް ހުށަހަޅައި ދެއްވަމުން  ފިނޭންސް  މިނިސްޓަރު އަމީރު ވިދާޅުވީ ފަޚުރުވެރި އާއިލާއެއް ބިނާކޮށް، ގަދަރުވެރި ދިރިއުޅުމެއް އުޅެވޭ ރައްޔިތެއްކަން ކަށަވަރު ކޮށްދިނުމަށް، ރައްޔިތުންނަށް ދިމާވެފައިވާ ގެދޮރުގެ ދަތިކަމަށް ހައްލު ހޯދައިދީ، އަތްފޯރާ ފަށުގައި ބޯހިޔާވަހިކަން ފޯރުކޮށްދިނުމަކީ ސަރުކާރުގެ އެންމެ އިސް އެއް އަމާޒު ކަމަށެވެ. 

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.