ކުރީގެ އެއްވެސް ސަރުކާރެއްގެ ފުރަތަމަ ދެ އަހަރުގެ ތެރޭގައި ނުހިންގާހާ ގިނަ ޢަދަދެއްގެ މަޝްރޫޢުތައް މިސަރުކާރުން އެބަ ހިންގަން: ރައީސް ޞާލިހް

މީގެ ކުރީގެ އެއްވެސް ސަރުކާރެއްގެ ފުރަތަމަ ދެ އަހަރުގެ ތެރޭގައި ނުހިންގާހާ ގިނަ ޢަދަދެއްގެ މަޝްރޫޢުތައް މިސަރުކާރުން އެބަ ހިންގަމުންދާކަމަށް ރައީސުލް ޖުމްހޫރިއްޔާ އިބްރާޙިމް މުޙައްމަދު ޞާލިހް ވިދާޅުވެއްޖެއެވެ.

ޖުމުހޫރީ ދުވަހުގެ ޤައުމާ މުޚާތަބުކޮށް ދެއްކެވި ވާހަކަ ފުޅުގައި ރައީސް ޞާލިހް ވަނީ މިސަރުކާރުގެ ފުރަތަމަ ދެއަހަރު ފަށްޓަވައިފައިވާ އަދި ފެށުމަށް ތައްޔާރުވެފައި މަސްރޫޢުތަކުގެ ޢަދަދުތައް ހާމަކުރައްވައިފައެވެ. ރައީސް ޞާލިޙް ވިދާޅުވީ ކޯވިޑް-19 އާ ދެކޮޅަށް، ދައުލަތުގެ ބަޖެޓުން ބޮޑު ހޭދައެއް ކުރަންޖެހުނަސް، ތަރައްޤީގެ މަޝްރޫޢުތައްވެސް މުޅިން ހުއްޓާނުލައި ކުރިއަށް ގެންދިއުމަށް ސަރުކާރުން ސަމާލުކަންދެއްވި ކަމަށެވެ. ޤައުމީ ތަރައްޤީގެ 372 މަޝްރޫޢެއް މިހާތަނަށް ފަށާފައިވާއިރު، ޖުމްލަ 154 މަޝްރޫޢެއް މިހާރުވެސް ހިނގަމުން އެބަދާކަން ފާހަގަ ކުރެއްވިއެވެ. އަދި އިތުރު 156 މަޝްރޫޢެއް ފެށުމުގެ މަސައްކަތް މިހާރު އަންނަނީ ކުރަމުންކަމަށް ވެސް ވިދާޅުވިއެވެ.

"މިއީ، މީގެ ކުރީގެ އެއްވެސް ސަރުކާރެއްގެ ފުރަތަމަ ދެ އަހަރުގެ ތެރޭގައި ނުހިންގާހާ ގިނަ ޢަދަދެއްގެ މަޝްރޫޢުތަކެއް." ރައީސް ޞާލިޙް ވިދާޅުވިއެވެ.

ކޯވިޑް-19 ކުރިމަތިލީ ހަމައެކަނި ބަލިމަޑުކަމެއްގެ ގޮތުގައެއް ނޫންކަން ރައީސް ޞާލިޙް ފާހަގަ ކުރެއްވިއެވެ.މީގެކުރިން މުޅި ދުނިޔެވެސް ތަޖުރިބާނުކުރާ އަދި ރާއްޖެ ދުވަހަކުވެސް ތަޙައްމަލުނުކުރާފަދަ، އިޤްތިޞާދީ ވަރަށް ބޮޑު ކާރިސާއެއްގެ ގޮތުގައިކަން ފާހަގަކުރެއްވިއެވެ. އެކަމުގެ ސަބަބުން ތަރައްޤީގެ މަޝްރޫޢުތަކުގެ އިސްކަންދޭ ތަރުތީބަށްވެސް ބަދަލުގެންނަން ޖެހުނުކަމަށް ވިދާޅުވިއެވެ. ނަމަވެސް، ދައުލަތް ހިންގުމުގެ ޚަރަދުތައް ކުޑަކޮށްގެންވިޔަސް، ސަރުކާރުގެ މަޤްޞަދަކަށްވީ، ރައްޔިތުންނަށް އެހީތެރިކަން ފޯރުކޮށްދީ، އަސާސީ ޚިދުމަތްތަކަށާއި، ރައްޔިތުންނަށް ލިބެންވާ ޙިމާޔަތާއި ރައްކާތެރިކަމަށް، އެއްވެސް ހީނަރުކަމެއް އަޔަނުދީ، ޤައުމު ހިންގަމުން ދިޔުންކަމަށް ވިދާޅުވިއެވެ. ކާޑުގެ ބާވަތްތަކާއި ކެއިންބުއިމަށް ބޭނުންވާ އަސާސީ ތަކެތި ލިބުމުގައި އެއްވެސް ދަތިކަމެއް ނެތްކަން ފާހަގަ ކުރެއްވިއެވެ. އަދި ބޭސްފަރުވާއަށް ބޭނުންވާ ސާމާނާއި ވަސީލަތްތައް ލިބުމުގައިވެސް، ރައްޔިތުންގެ ފުރާނަ ނުރައްކަލަށް ހުށަހެޅިގެންދާވަރުގެ ބޮޑު ދަތިކަމަކާ ކުރިމަތި ނުވާކަން ފާހަގަ ކުރެއްވިއެވެ. 

"ކޯވިޑް-19އާ ދެކޮޅަށް މަސައްކަތް ކުރަމުން، އަސާސީ ޚިދުމަތްތައް ފޯރުކޮށްދެމުން މިއައީ، ސަރުކާރުގެ އެއްވެސް މުވައްޒަފަކު ވަކިނުކޮށް، އަދި އެއްވެސް މުވައްޒަފެއްގެ މުސާރަވެސް ކުޑަނުކޮށް. އަދި ވަޒީފާ ގެއްލުނު މީހުންނަށް އެހީތެރިވުމާއެކު، ވިޔަފާރިތަކަށްވެސް އެހީތެރިކަން ފޯރުކޮށްދެމުން" ރައީސް ޞާލިޙް ވިދާޅުވިއެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.