ފަތުރުވެރިއަކު ޕޮޒިޓިވްވުމުން ހުރައިން ނެގި ހުރިހާ ރެންޑަމް ސާމްޕަލް ނެގެޓިވް

ފަތުރުވެރިއަކު ޕޮޒިޓިވްވުމުން ކ. ހުރައިން ނެގި ހުރިހާ ރެންޑަމް ސާމްޕަލް ނެގެޓިވްވެއްޖެއެވެ.

ފަތުރުވެރިޔަކު ޕޮޒިޓިވް ވުމުން ހުރައިން ވަނީ 34 ރެންޑަމް ސާމްޕަލް ނަގައިގެން ކޯވިޑް- 19 އަށް ޓެސްޓްކޮށްފައެވެ. ހުރާ ކައުންސިލުން ވިދާޅުވީ އެހުރިހާ ސާމްޕަލެއް ވެސް ނެގެޓިވްވެފައިވާކަމަށެވެ. ރެންޑަމް ސާމްޕަލް ނަގައިފައި ވަނީ އެރަށު ގެސްޓްހައުސްތަކާއި ރެސްޓޯރެންޓްތަކާއި ފިހާރަތަކާއި އަދި އާއްމު ޚިދުމަތްދޭ ތަންތަނުންނެވެ.

ހުރައިން ޕޮޒިޓިވް ވެފައި ވަނީ ޕާރލްސޭންޑް ގެސްޓްހައުސްގައި ހުރި ރަޝިޔާގެ ފަތުރުވެރިއެކެވެ. އެފަތުރުވެރިޔާ ގެ ހާލު ރަނގަޅުކަމަށް ހުރާ ކައުސިލުން ވިދާޅުވިއެވެ. ހުރާ އީއޯސީ ނެރެފައިވާ ބަޔާނެއްގައި ބުނެފައި ވަނީ މި ފެތުރިވެރިޔާ ޕާރލްސޭންޑްގެ އައިސޮލޭޝަން ފެސިލިޓީގައި އައިސޮލޭޓް ކުރެވިފައިވާކަމަށެވެ. މި އައިސޮލޭޝަން ފެސިލިޓީއަކީ ޕާރލްސޭންޑްގައި ތިބި ފަތުރުވެރިންނާ އެކަހެރިކޮށް ހުރެވޭނެ ގޮތަށް  ތައްޔާރުކޮށްފައިވާ ފެސިލިޓީއެއް ކަމަށް ހުރާގެ އީއޯސީގެ ބަޔާނުގައި ވެއެވެ. އެނގިފައިވާ ގޮތުގައި ރަޝިޔާ ފަތުރުވެރިޔާ ކޯވިޑަށް ޕޮޒިޓިވްވެފައި ވަނީ ފުރަންވެގެން ހެދި ޕީސީއާރު ޓެސްޓުންނެވެ. އެ ފަތުރިވެރިޔާއަކީ ގެސްޓް ހައުސްތައް ހުޅާވާލުމާއެކު އެންމެ ފުރަތަމަ ހުރަޔަށް ޒިޔާރަތްކުރި ފަތުރުވެރިންގެ ތެރޭގައި ހިމެނޭ ފަތުރުވެރިއެކެވެ.

ޕޮޒިޓިވް ވި ފަތުރުވެރިޔާ އާއި  ޑައިރެކްޓް ކޮންޓެކްޓްވި ފަރާތްތައްވެސް ވަނީ ކަރަންޓީން ފެސިލިޓީއެއްގައި އައިސޮލޭޓް ކޮށްފައި ކަމަށް ހުރާ އީއޯސީގެ ބަޔާނުގައި ވެއެވެ. މަޢުލޫމާތު ލިބިފައިވާ ގޮތުގައި ކޯވިޑަށް ޕޮޒިޓިވްވި ފަތުވެރިޔާގެ ކޮންޓެކްޓުންގެ ތެރޭގައި ހިމެނެނީ ދެ ދިވެހިންނާއި ފަތުރުވެރިޔާގެ އަންހެނުންނާއި ދެކުދިންނެވެ. ފަތުރުވެރިޔާގެ އަންހެނުންނާއި ދެ ކުދިން ވަނީ ބައްޔަށް ނެގެޓިވް ވެފައެވެ. ކޯވިޑަށް ޕޮސިޓިވްވި ފަތުވެރިޔާ އާ ކޮންޓެކްޓް ވި ދެ ދިވެހިންނަކީ ފަތުރުވެރިޔާ ގޮވައިގެން މަހަށް ދިޔަ ދެ ދިވެހިންނެވެ. އެ ދެމީހުން ވެސް ތިބީ ކަރަންޓީންކޮށްފައެވެ.

މާފުށީގައިވެސް ހަތަރު ފަތުރުވެރިއަކު ކޯވިޑަށް ޕޮޒިޓިވް ވެފައި ވާކަމަށް ވަނީ މަޢުލޫމާތު ލިބިފައެވެ. މިހާރު ރާއްޖޭން ކޮވިޑަށް ޕޮޒޮޓިވް ޢަދަދު ވަނީ 12 ހާހަށް އަރާފައެވެ. ނަމަވެސް ދުވާލެއްގެ މައްޗަށް އަލަށް ޕޮޒިޓިވްވާ ޢަދަދު ދަނީ ދަށް ވަމުންނެވެ. އިއްޔެ އަލަށް ބައްޔަށް ޕޮޒިޓިވްވި ޢަދަދު ހުރީ 23 ގައެވެ. ނަމަވެސް ރިސޯރޓްތަކުގައި ބަލިޖެހިފައިވާ ފަތުރުވެރިންނާއި ސްޓާފުންގެ ޢަދަދުވެސް ދަނީ މަތި ވަމުންނެވެ. އެޗްޕީއޭގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުން 25 ރިސޯރޓެއްގައި 53 ފަތުރުވެރިންނާއި 138 މުވައްޒަފުން މިހާރުވެސް ބަލި ޖެހިފައި އެބަ ތިއްބެވެ. 

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.