ކަނޑިންމަ ރިސޯޓުގެ މުވައްޒަފު މަރުވި މައްސަލައަށް އިންސާނިއްޔަތުގެ ނަޒަރަުން ބައްލަވާ: ޢާމިރު

ކަނޑިންމަ ރިސޯރޓް މުވައްޒަފަށް ފަރުވާ ނުދެވި ކޯވިޑްގައި މަރުވި މައްސަލަ ސިޔާސީ ނަޒަރަކުން ނުދެކި އިންސާނިއްޔަތުކަމުގެ ނަޒަރަކުން ދެކިގެން ބަލައިދެއްވުމަށް އެމައްސަލަ ހުށަހެޅުއްވި ކުޑަހުވަދޫ ދާއިރާގެ މެމްބަރ އަޙްމަދު އާމިރު އެދި ވަޑައިގެންފިއެވެ. އޭނާ މިހެން ވިދާޅުވީ މިއަދު މަޖިލީހަށް ހުށަހެޅި ކުއްލި މައްސަލައިގެ ބަހުސް ނިންމާލުމުގެ ގޮތުން ދެއްކެވި ވާހަކަފުޅުގައެވެ. 

ކަނޑިންމަ ރިސޯރޓް މުވައްޒަފަށް ފަރުވާ ނުދެވި ކޯވިޑްގައި މަރުވި މައްސަލައާ ގުޅިގެން މެމްބަރ އާމިރު ހުށަހެޅުއްވި ކުއްލި މައްސަލައިގެ ބަހުސް ބަހުސް މިއަދު ވަނީ މަޖިލީހުގައި ކުރިއަށް ގެންދަވައިފައެވެ. މިމައްސަލަ ބަލައިގަތުމަށް މަޖިލީހުން ފާސްކޮށްފައިވަނީ 35 މެމްބަރުންގެ އަޣްލަބިއްޔަތުންނެވެ. 

މައްސަލަ ހުށަހަޅުއްވަމުން މެމްބަރ އާމިރު ވިދާޅުވީ އާދަމް ނަސީރު މަރުވުމުގައި ކަނޑިންމަ ރިސޯރޓް މެނޭޖްމެންޓްގެ އިހުމާލު އޮތްކަމުގެ ހެކިތައް އެބަހުރިކަމަށެވެ. ބަލިހާލު ގޯސްވަމުންދާތީ ތަކުރާރުކޮށް އޭނާ ފަރުވާ ހޯދުމަށް އެދެމުން ދިޔައިރުވެސް ފަރުވާއަށް ރިސޯރޓުން ފުރައިގެން ދިއުމަށްވެސް މެނޭޖްމަންޓުން ހުއްދަނުދީ އަޅާނުލުމުގެ ސަބަބުން އޭނާގެ ބަލި ހާލު ބޮޑުވެ ދ. އަތޮޅު ހޮސްޕިޓަލުގައި ފަރުވާ ދެމުން ދަނިކޮށް ގާތްގަޑަކަށް ހަތަރު ގަޑިއިރު ތެރޭގައި ނިޔާވެފައިވާކަމަށެވެ. އާދަމް ނަސީރުގެ ބަލި ޙާލަތު ބޮޑުވަމުން އައިއިރު، އެރިސޯރޓްގެ މެނޭޖްމަންޓްގެ ސަމާލުކަމަށް އެކަން ގެނައުމަށް ތަފާތު އެކި ގޮތްގޮތުން މަސައްކަތްކޮށްފައިވާކަމަށް އޭނާއާ އެއްކޮޓަރީގައި މަސައްކަތްކުރި މީހުންގެ ފަރާތުން އާއިލާއަށް މަޢުލޫމާތު ދީފައިވާކަމަށް ވެސް މެމްބަރ އާމިރުގެ ކުއްލިމައްސަލައިގައި ފާހަގަ ކޮށްފައިވެއެވެ. 

އަދި ކޮވިޑް 19 އަށް ޝައްކުކުރެވޭ ޢަލާމާތްތައް ކަމުގައިވާ ރަހަނުލުމާއި ވަސް ނުދުވާ ވާހަކަ އެތައް ފަހަރަކު ބުނެފައިވާކަން އޭނާއާއެކު ވަޒީފާ އަދާކުރަމުން ދިޔަ މީހުންގެ ބަހުން އެނގެން އޮތްކަމަށްވެސް ފާހަގަކޮށްފައިވެއެވެ. ނަމަވެސް އާދަމް ނަސީރުގެ ސާމްޕަލް ނަގައި ޓެސްޓްކޮށްދިނުމުގެ އެއްވެސް ކަމެއް ރިސޯރޓްގެ މެނޭޖްމަންޓްގެ ފަރާތުން ކޮށްދީފައި ނުވާކަމަށް ކުއްލި މައްސަލައިގައި ބުނެފައި ވެއެވެ. ނަމަވެސް އާދަމް ނަސީރު ނިޔާވެ ޖަނާޒާ ނިމުނު ފަހުން އޭނާ ކޮވިޑް 19 އަށް ޕޮޒިޓިވްވެފައިވާ ކަމަށް ދ. އަތޮޅު ހޮސްޕިޓަލުން ރިޕޯރޓް ކޮށްފައިވާކަމަށް ވިދާޅުވިއެވެ. 

މެމްބަރ ޢާމރު ވިދާޅުވީ އެކުއްލި މައްސަލައަކީ، އަދާމް ނަސިރު ނިޔާވީ ކަނޑިންމަ ރިސޯރޓްގެ މެނޭޖްމަންޓްގެ ފަރުވާކުޑަކަމުގެ އިހުމާލުންކަމަށް އާއިލާއިން ދެކޭތީ އާދަމް ނަސިރުގެ މަރުގެ މައްސަލައަށް އިންސާފު ހޯދައިދެއްވުމަށް ދައުލަތުގެ ކަމާ ގުޅުންހުރި އެންމެހާ ފަރާތަތަކަށް ގޮވާލައި ހުށަހެޅި މައްސަލައެއްކަމަށެވެ. 

އާއިލާގެ ފަރާތުން ދ. އަތޮޅު ޕޮލިހަށް އެ މައްސަލަ ރިޕޯރޓްކުރުމުން އެގޮތަށްމައްސަލަ ހުށަނޭޅޭނެ ކަމަށް ފުރަތަމަ ބުނެ އާއިލާގެ ފަރާތުން ގުޅި އާދަމް ނަސިރުގެ ދޮށީ ދަރި މާޔޫސްކޮށްލި ކަމަށް މެމްބަރ އާމިރު މިމައްސަލައިގައި ވާހަކަ ދައްކަވަމުން ވިދާޅުވިއެވެ. ނަމަވެސް ފަހުން ގުޅައިގެން މައްސަލައިގެ ބަޔާން ނަގަން ދާނެކަމަށް ވިދާޅުވެ މިއަދާހަމައަށް ވެސް ފުލުހުން އެމައްސަލައިގެ ބަޔާނެއް އާއިލާގެ ފަރާތުން ނަގައިފައި ނުވާކަން މެމްބަރ އާމިރު ފާހަގަކުމިރެއްވިއެވެ. 

އާމިރު ވިދާޅުވީ އާދަ މްނަސިރުގެ އާއިލާއިން އެމައްސަލަ އެޗްޕީއޭއަށްވެސް އަދި ހިޔުމަން ރައިޓްސް ކޮމިޝަނަށްވެސް ހުށަހަޅައިފައި ވާކަމަށެވެ. އަދި އެކަމުގައި އިންސާފު ހޯދުމަށް އާދަމް ނަސީރުގެ އާއިލާއިން މަސައްކަތް ކުރަނީ ވަރަށް ޒިންމާދާރުކަމާއެކު އެކަމުގައި ލިބެންހުރި ހެކިތައްވެސް ހޯއްދައިގެން ކަމަށް ވިދާޅުވިއެވެ. 

މިމައްސަލައިގެ ވާހަކަ ދައްކަވަމުން ބައެއް މެމްބަރުން ވިދާޅުވީ  މިމައްސަލަ ކަމާ ބެހޭ ފަރާތްތަތަކުން ބައްލަވަން ޖެހޭނީ ދެވަނަ ފަހަރަށް އެފަދަކަމެއް ތަކުރާރު ނުވާނެކަން ކަށަވަރު ކުރުވޭނެ މިންވަރަށް ކަމަށެވެ.

 ޓޫރިޒަމް އިންޑަސްޓްރީއަކީ ގިނަ ޢަދަދެއްގެ ދިވެހި ޒުވާނުން މަސައްކަތް ކުރަމުންދާ ދާއިރާއަކަށް ވުމުން އެމައްސަލައިގައި ނިމޭ ގޮތެއް ވަރަށް ގާތުން އެޒުވާނުން ބަލަމުންދާކަމަށް ވެސް މިމައްސަލައިގައި ވާހަކަ ދައްވަމުން މާވަށު ދާއިރާގެ މެމްބަރ މުޙައްމަދު ސަޢީދު ވިދާޅުވިއެވެ. 

ކަނޑިންމަ ރިސޯރޓްގައި ކާޕެންޓަރެއްގެ ވަޒީފާ އަދާކުރަމުން ދިޔަ ދ. މާއެނބޫދޫ ދިލްބަހާރުގޭ އާދަމް ނަސީރު ނިޔާވީ މިމަހު 30 ވަނަ ދުވަހުއެވެ. ކަނޑިންމައަށް ދީފައިވާ ހުއްދަ މިމައްސަލައާ ގުޅިގެން ވަގުތީ ގޮތުން ވަނީ ކެންސަލްކޮށްފައެވެ. 

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.